ދުނިޔެ

ހާލުގައި ޖެހިފައި ތިބި ރެފިއުޖީންނަށް އެހީވާން ކެރުނީ ފިލިޕީންސަށް!

May 19, 2015

އަޅާލާނެ ބައެއް ނެތި، ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރެފިއުޖީންނަށް އެހީވާނެ ކަމަށް ފިލިޕީންސް އިން މިއަދު ބުނެފި އެވެ.

ފިލިޕީންސްގެ ޖަސްޓިސް ސެކްރެޓަރީ ލީލާ ދެ ލިމާ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އިންޑޮނީޝިއާގެ ބޭރުން، ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ބަންގްލަދޭޝްގެ ރެފިއުޖީންނަށް އަޅާލުމަކީ އެ ގައުމުގެ ވާޖިބެކެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، އދ.ގެ ރެފިއުޖީންނާ ބެހޭ މުއާހަދާގާއި ފިލިޕީންސުން ބައިވެރިވެފައި ވުމުގެ އިތުރަށް، އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ ގޮތުން ވެސް ކުރަންޖެހިފައިވާ ކަމެކެވެ. 

"މީހުންގެ ފުރާނަ ސަލާމަތްކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުން އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑު،" ލީލާ ވިދާޅުވި އެވެ. 

ހާލުގައި ޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ބަންގްލަދޭޝްގެ ރެފިއުޖީންނަށް އަޅާލުމުގެ މައްސަލައިގައި ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. އެ ކަމުގެ ޒިންމާ ނަގާނީ ކޮން ގައުމަކުންތޯ އެއްބަސްވެވިފައި ނުވާއިރު، މެލޭޝިއާ އާއި ތައިލެންޑާއި އިންޑޮނީޝިއާ އިން ދަނީ ރެފިއުޖީން ތިބޭ ބޯޓުތައް އަނބުރާ ފޮނުވާލަމުންނެވެ.

އެއާ އެކު، ހަވާލުވެގެން އަންނަ އެޖެންޓުން ރެފިއުޖީން ދޫކޮށްލުމުގެ ސަބަބުން، އެތައް ދުވަހެއް ވަންދެން އެ މީހުން ތިބެންޖެހެނީ ކަނޑުމަތީގަ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 3،000 މީހުން މިދިޔަ ހަފުތާގައި އެކަނި ވެސް އިންޑޮނީޝިއާގެ ބޭރުން، ކަނޑުމަތިން ސަލާމަތްކޮށްފައި ވާއިރު، ކާއެއްޗެހި ނުލިބިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރު ވެސް ވެފަ އެވެ. 

މިއަންމާގައި ތިބި ރޮހިންޔާ މުސްލިމުންގެ އަދަދު 800،000 އަށް އަރާއިރު، މިއީ ރަށްވެހިކަމެއް ނެތި މި ގޮތަށް ބާކީވެފައި ތިބޭތާ އެތައް ޒަމާނެއްވީ، ނާޒުކު ދަރިކޮޅެވެ. މި ދަރިކޮޅުގެ މީހުންނަށް މިއަންމާ ސަރުކާރާއި ބުދު ދީނުގެ ހަރުކަށި ވިސްނުން ގެންގުޅޭ މީހުން ވަނީ ހުރިހާ ދިމާލަކުން ދަތިކުރުމުގެ ފިޔަވަޅުތައް ކުރިމަތިކޮށްފަ އެވެ. އެ ގޮތުން، ކައިވެނިކުރުމުން ފެށިގެން ވަޒީފާ އަދާކޮށް، ތައުލީމު އުނގެނުމުގެ ހައްގުން އެ މީހުން ވަނީ މަހުރޫމްކޮށްފަ އެވެ.

ބަންގަލްދޭޝް އަށް ނިސްބަތްވާ ރެފިއުޖީންގެ ތެރޭގައި ގިނައިން ހިމެނެނީ ރަނގަޅު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ގައުމު ދޫކޮށްދާ މީހުންނެވެ. 

ރެފިއުޖީންގެ މައްސަލައިގައި މެލޭޝިއާ އާއި ތައިލެންޑާއި އިންޑޮނީޝިއާ އަށް ބޭރު ދުނިޔޭގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އެ ފާޑުކިއުންތައް ކުޑަކޮށް، މި މައްސަލަ އަށް ހައްލެއް ހޯދުމަށް ތައިލެންޑުން އިސް ނަގައިގެން ހާއްސަ ސަމިޓެއް މި މަހު 29ގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ބައްދަލުވުމުގައި އެ ތިން ގައުމުގެ އިސް އޮފިޝަލުންގެ އިތުރުން، ބަންގްލަދޭޝް އާއި މިޔަންމާ އާއި ވިއެޓްނާމާއި ލާއޯސް އާއި އޮސްޓްރޭލިއާ އަދި އެމެރިކާގެ މަންދޫބުން ވެސް ބައިވެރިވެވާނެ އެވެ.