ވިލާ ގްރޫޕަށް ދީފައިވާ ރަށްތައް އަތުލައި އެގްރިމަންޓްތައް ބާތިލްކުރަން ސަރުކާރުން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެ ހުކުމްތައް ބާތިލްކޮށް އެތަންތަން ވިލާގެ އަތުން އަތުލީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ. ވިލާއާ އެއްކޮޅަށް ފަސް މައްސަލައެއް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.
މިއީ ވިލާއަށް ދޫކޮށްފައިވާ ރަށްތަކާ ގުޅޭ ގޮތުން ކޯޓްތަކުގައި ކުރިއަށް ދާ ހުރިހާ މައްސަލައެކެވެ. ވިލާއިން ސަރުކާރަށް ފައިސާ ދައްކަން ޖެހެނީ މި ރަށްތަކުގެ މައްސަލައިގަ އެވެ. އަތުލި ރަށްތަކުގެ ޖޫރިމަނާ އާއި ކުލީގެ ގޮތުގައި 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދަައްކަން ޖެހޭނެ ކަމަށް ބުނެ މީރާއިން ވަނީ ސިވިލް ކޯޓްގައި ދައުވާކޮށްފަ އެވެ. އެހެން ނަމަވެސް މި މައްސަލައިގައި މީރާއިން އެ ފައިސާ ހޯދަން ވިލާގެ މައްޗަށް ދައުވާ ކުރީ ހައިކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމެއްގެ މައްޗަށް ބިނާކޮށެވެ. ސުޕްރީމް ކޯޓުން އެ ހުކުމްތައް މިއަދު ބާތިލްކޮށްފައި ވާތީ ފައިސާ ހޯދަން ކޮށްފައިވާ އެ ދައުވާތަކާ މެދު މި ވަނީ ބޮޑު ސުވާލެއް އުފެދިފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ވިލާ ޝިޕިން އާއި ވިލާ ހޮޓެލްްސް އާއި މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި ގަޒީރާ ޕްރައިވެޓް ލިމިޑެޓަށް ދޫކޮށްފައިވާ ރަށްތަކުގެ މައްސަލައިގައި ހަދާފައިވާ ސެޓުލްމަންޓް އެގްރިމަންޓްތައް ޓޫރިޒަމް މިނިސްޓްރީ 2005 ވަނަ އަހަރު ބާތިލް ކުރީ ރަނގަޅަށް ނޫން ކަމަށާއި އެ އެގްރިމަންޓްތަކުގެ ދަށުން ވިލާއަށް ދޫކޮށްފައިވާ ރަށްތައް އަތުލީ ރަނގަޅަށް ނޫން ކަމަށެވެ.
ސެޓުލްމަންޓް އެގްރިމަންޓްތައް ބާތިލް ކުރުމަށް ފަހު، ދައުލަތަށް އަތުލާފައި ވަނީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވިލާއަށް ދޫކޮށްފައިވާ ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ތ. އެލާގެ އިތުރުން ކ. ބޮލުދުށްފަރާއި ވާވެއްދިފަޅާއި އެ ދެ ފަޅުގެ ދެމެދުގައި އޮންނަ ނަމެއް ދީފައިނުވާ އިތުރު ކުޑަ ފަޅަކާއި ކ. މާދިއްގަރު ފަޅާއި އެ ފަޅާ ޖެހިގެން އޮންނަ ކަނުހުރާ ނަމަކަށް ކިޔާ ފޮނޮޅުގެ އެވެ. މީގެ ތެރެއިން ގިނަ ތަންތަން މިހާރު ވަނީ އެހެން ފަރާތްތަކަށް ދީފަ އެވެ.
އެ އެގްރިމަންޓްތައް ބާތިލް ކުރި ސަބަބެއް ކަމަށް ދައުލަތުން ބުނެފައި ވަނީ ސެޓުލްމަންޓް އެގްރިމަންޓްގެ ދަށުން ވިލާއިން ވެސް އަދި ދައުލަތުން ވެސް އެއް ފަރާތް އަނެއް ފަރާތުގެ މައްޗަށް އެއްވެސް ދައުވާއެއް ކޯޓްގައި ނުކުރާނެ ކަމަށް އެ އެގްރިމަންޓްގައި އެއްބަސްވެފައިވީ ނަމަވެސް ވިލާގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަކުން ދައުލަތާ ދެކޮޅަށް ހައިކޯޓްގައި ދައުވާ ކުރި މައްސަލަ އެވެ. އަދި އެކަމުގެ ސަބަބުން ވިލާއިން އެގްރިމަންޓާ ހިލާފުވީ ކަމަށް ދައުލަތުން އައީ ބުނަމުން އެވެ. އެހެން ނަމަވެސް ވިލާއިން ބުނެފައި ވަނީ ވިލާއާ ގުޅުން އޮންނަ ކުންފުނިން ކުރި ދައުވާ އަކީ ސެޓުލްމަންޓް އެގްރިމަންޓް ހެދި އިރުވެސް ކޯޓްގައި ކުރިއަށް ދާ މައްސަލައެއް ކަމަށާއި އަދި ދައުވާގައި ހިމެނޭ ކުންފުންޏަކީ ސެޓުލްމަންޓް އެގްރިމަންޓާ ގުޅުން އޮތް ކުންފުންޏެއް ނޫން ކަމަށެވެ. އަދި ސެޓުލްމަންޓް އެގްރިމަންޓް ބާތިލް ކުރިއިރު ސަބަބެއްގެ ގޮތުގައި އެކަން ސަރުކާރުން އެ ކުންފުންޏަށް ނާނގާ ކަމަށާއި މަޝްވަރާ ވެސް ނުކުރާ ކަމަށް ކޯޓްގައި ވިލާއިން ބުންޏެވެ.
ވިލާއިން އަދި ބުނެފައި ވަނީ ސެޓުލްމަންޓް އެގްރިމަންޓްތައް ބާތިލް ކުރީ އެއްވެސް އަސާސެއް ނެތި ކަމަށާއި އެކަމަކީ އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްއާ ސިޔާސީ ގޮތުން ދަތި ކުރަން ކުރި ކަމެއް ކަމަށެވެ. އަދި ސެޓުލްމަންޓް އެގްރިމަންޓް ބާތިލް ކުރި ދުވަސްވަރަކީ އެމްޑީޕީ އާ ގުޅިގެން ސަރުކާރާ ދެކޮޅަށް ގާސިމް ސިޔާސީ ހަރަކާތްތަކެއް ފެއްޓެވި ދުވަސްވަރު ކަމަށް ވެސް ވިލާއިން ކޯޓްގައި ބުނެފައިވެ އެވެ.