ހަބަރު

އަރީފް އުޅުނީ ވަކި މީހަކަށް ވެރިކަން ހޯދައިދޭން: އަޒްލީން

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގެ އަމުރު ނެރުނު އިރު އޭރު ފުލުހުންގެ އެންމެ އިސްކޮށް ހުންނެވި ސީޕީ އަހުމަދު އަރީފް މަސައްކަތް ކުރެއްވީ ވަކި މީހަކަށް ވެރިކަން ހޯދައިދިނުމަށް ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 82 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ބައެއް ފުލުހުންގެ ކިބައިން ވަފާތެރިކަން ކެހިވެރިކަމުގެ ސިފާގައި ފެނިގެން ދާ ކަމަށާއި އެކަމަކީ ގަބޫލު ކުރަން ޖެހިފައިވާ ހިތްދަތި ހަގީގަތެއް ކަމަށް އަޒްލީން ވިދާޅުވި އެވެ. މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ 1 ފެބްރުއަރީ އަމުރު ނެރުން އިރު އެންމެ އިސްކޮށް ހުންނެވި އަހުމަދު އަރީފް މަސައްކަތް ކުރީ ގާނޫން އަސާސީ "އަންދާ އަޅިއަށް ހަދާލުމާއި" ވަކި މީހަކަށް ވެރިކަން ދިނުމަށް ކަމަށެވެ.

"ފުލުހުންގެ ތެރޭގައި ކަންކަން ކުރައްވާފައިވާ ގޮތް ތަހުގީގުތަކަށް ފަހު މިވަނީ ސާބިތުވެގެން ގޮސްފައި، އެ ފަރާތުން ފުލުހުންގެ ބައެއް މީހުންނާ ގުޅިގެން ހިންގަން ރާވާފައި ވަނީ ގާނޫން އަސާސީ އަނދައި އަޅިއަށް ހަދާލައި ވެރިކަން ވަކި ފަރާތަކަށް ހޯދުމުގެ މަގްސަދުގައިކޮށްފައިވާ ހިތާމަވެރި އަމަލެއް، މިކަމަކީ ގުޅިގެން ކުރެވުނު ވަރަށް ވަރުގަދަ ތަހުގީގުތަކަކުން ފެންމަތިވެފައިވާ އެހެނަސް ގަބޫލު ކުރަން ދަތި ހަގީގަތެއް،" އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ ގިނަ ބަޔަކަށް ފަހުމުވާން އުނދަގޫ ކަމަކަށްވި ނަމަވެސް ފުލުހުންގެ ގާނޫނުގައިވާ ގޮތުން އެ މުއައްސަސާގެ ވެސް އެންމެ އިސްވެރިޔަކީ ރައިސުލްޖުމްހޫރިއްޔާކަން އެނގޭ ކަމަށެވެ. އެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް އަލި އަޅުވާލަމުން އަޒްލީން ވިދާޅުވީ ފުލުހުން ވާން ޖެހޭނީ ސަރުކާރަށް ވަފާތެރި އަދި ގާނޫން އަސާސީ ދަމަހައްޓާ ބައެއްކަން އެ ދެ މާއްދާ އިން ދޭހަވާ ކަމަށެވެ.

"ސަރުކާރަށް ވަފާތެރިވުމަކީ ރައްޔިތުންގެ މަސްލަހަތު ދަމަހައްޓަން މަސައްކަތް ކުރާ އެންމެ އިސް ފަރާތަކީ ސަރުކާރުކަން ބަލައިގަނެ ސަރުކާރާ ދެކޮޅަށް ގާނޫން އަސާސީ އިން ބޭރުން ގައުމުގެ އަމަން އަމާންކަން ނަގާލައި ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ ކޮންމެ ފަރާތަކާ ދެކޮޅަށް ތެދުވެ، ތެދުވެރިކަމާއި އިހްލާސްތެރިކަމާ އަމާނާތްތެރިކަމާ ނަޒާހަތްތެރިކަމާއެކީ މަސައްކަތް ކުރުމުގައި ފަސް ޖެހުމެއް ނެތި ކިލަނބު ނުވާ އަޒުމެއްގައި ސާބިތުކަމާއެކީ ދެމި ހުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ ވަކި ފަރާތްތަކަކީ ގައްދާރުންގެ ގޮތުގައި ދިވެހި ތާރީހުގައި ލިޔެވޭނެ ބައެއް ގޮތުގައި ވެގެން ނުވަނެ ކަމަށެވެ. އަދި އެފަދަ އަމަލެއް ދެން އިތުރަށް ވިޔަ ދީގެން ނުވާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.