ހަބަރު

ބައެއް ފުލުހުންނާ ހެދި މުއައްސަސާގެ އިތުބާރު ވަނީ ގެއްލިފައި: ރައީސް

  • ކޮންމެ ދިމާލައަކުން އަޔަސް ޣައިރު ގާނޫނީ އަމުރަށް ތަބާނުވާތި
  • ސިޔާސީ އޮއިވަރުގައި ފުލުހުން ޖެހިގެން ނުވާނެ
  • އިދިކޮޅުގެ ސިޔާސީ ވާހަކަތަކަށް ފުލުުހުން ހެއްލިގެން ނުވާނެ

ބައެއް ފުލުހުންގެ އަމަލުތަކުގެ ސަބަބުން އެ މުއައްސަސާއާ މެދު އޮންނަ އިތުބާރު ގެއްލިފައިވާ ކަމަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް އިތުބާރު އަލުން އާލާ ކުރަން ޖެހިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާއަށް 85 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުން ކިތަންމެ މަތިވެރި، ޝަރަފުވެރި އަދި ރައްޔިތުން ކިތަންމެ ބަލައިގަންނަ ހިދުމަތެއް ފުލުހުންގެ ފަރާތުން ލިބުން ނަމަވެސް މިސްރާބުން ކައްސާލައިގެން ދާ ކަންކަމުގެ ތެރޭގައި ފުލުހުންތަކެއް ކުރާ ކަންކަމުގެ ސަބަބުން އެ މުއައްސަސާ ބަދުނާމުވަމުން އަންނަ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު މިއަދު އިތުރަށް އާލާ ކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ފުލުހުންނާ މެދު އޮންނަ އިތުބާރު ކުޑަވީ ފުލުހުންގެ މައްސަލަތަކުން އެވެ. އެއީ ރައްޔިތުންގެ މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ފުލުހުން ކުރާ ކަންކަމަށް ސަމާލުކަން އިތުރު ކުރަން ޖެހޭ ކަމަށާއި މަދު ފުލުހަކާ ހެދި މުޅި މުއައްސަސާގެ އަގު ވެއްޓެން ދޫކޮށްގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ފެބްރުއަަރީ 1 ގެ އަމުރާ އެއްގޮތަކަށް ކަންތައްތަކެއް ނުކުރެވުނީސް އެ އަމުރު ތަންފީޒު ކުރާނެ ކަމަށް ދުރާލާ އެ ސިގްނަލް ދެވިފައި ނެތް ނަމައެއް، އޭގެ ކުރީގައި ހިނގާފައި ހުރި ހާދިސާތަކުގެ ތެރޭގައި ވެސް އެބަހުރި ފުލުހުންގެ އިންވޯލްމަންޓު ހުރި ކަންކަން، އަޅުގަނޑު މި ވާހަކަ މި ދައްކަނީ މުޅި މުއައްސަސާއަށް ކުރާ އިހްތިރާމުން މުޅި މުއައްސަސާދެކެވާ ލޯބިން، ރައީސުލްޖުމްހޫރިއްޔާއަށް ވުރެ ބޮޑަށް މުއައްސަސާގެ އަގާއި ކަރާމަތް ދަމަހައްޓަން ބޭނުންވާ މީހަކު ނުހުންނާނެ، އެހެންވެ މިދެނެންވި ފަދަ ކަންކަމާ ވާހަކަދައްކާ އެއިން ފިލާވަޅާއި އިބްރަތް ހޯދަން ޖެހެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ. "ކިތަންމެ މަތިވެރި ކިތަންމެ އަދި ކިތަންމެ ރައްޔިތުން ބަލައިގަންނަ ހިދުމަތެއް ފުލުހުންގެ ފަރާތުން ލިބިގެން ދަޔަ ނަމަވެސް މަދުމަދުން މި ދަންނަވާ މިސްރާބުން ކައްސާލައިގެން ދިޔަ ކަންމުގެ ތެރޭގައި މިއަދު މިވަނީ ފުލުހުންގެ ތެރޭގައި ރައްޔިތުންގެ އިތުބާރު އިތުރަށް އާލާ ކުރަން ޖެހިފައި، އެއަށް ރީޒަން ދިނީ ފުލުހުން، އެއަށް ރީޒަން ދިނީކީ ރައްޔިތުންނެއް ނޫން،"

ރައީސް ވިދާޅުވީ ފުލުހުން ސިޔާސީ ވިސްނުންތައް އެއްކިބާ ކުރުމަށް ފަހު ވިސްނާލަން ޖެހޭ ކަމަށާއި ސިޔާސީ އެކި ފަަރާތްތަކުން ފުލުހުން މެދުވެރިކޮށް ހިޔާލު ކުރާ ކަންކަމަކީ ޖާގަ ދެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ އުސޫލުތަކުގެ މައްޗައް ބިނާވެފައި އޮންނަ ރެޒިލިއަންޓް މުއައްސަސާއަކަށް ވާން ޖެހޭ ކަމަށާއި ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔަކީ އިދިކޮޅު ސިޔާސީ ލީޑަރުންނެއް ނޫން ކަން ފުލުހުންގެ އިސްވެރިން ވެސް ވިސްނަން ޖެހޭ ކަމަށެވެ.

"ސަރުކާރެއް ހިންގަން ވޯޓުން އިންތިހާބުވެފައި ހުންނަ ރައީސްއަކަށް ދަތިވާ ގޮތަށް ގާނޫނާ ހިލާފަށް ކޮންމެ ފަރާތަކުން ކުރާ ކަމަކީ ގާނޫނާ ހިލާފް ކަމެއް، އެއަކަށް ބަދަލެއް ނާންނާނެ، އެއްވެސް ފޮތަކުން އެއްވެސް ތަރުޖަމާއަކުން އެއަކަށް ބަދަލެއް ނުގެނެވޭނެ، މިއީ ފުލުހުންގެ ހިތްތަކުގައި މިރޭ ވެސް އަށަގަންނަވަން ޖެހޭ ފިލާވަޅެއް، އާދައިގެ ވާހަކައެއް ނަމަވެސް ތަކުރާރުކޮށް އަބަދު އަބަދު އިވެން ޖެހޭ ވާހަކަތައް،" ރައީސް ވިދާޅުވި އެވެ.

ފުލުހުންނަކީ ސިޔާސީ ފަރާތްތަކަށް އަބަދު ބޯލަނބަން ޖެހޭ ބައެއް ނޫން ކަމަށާއި ދެން ވެރިކަމަށް އަންނާނީ ކާކުތޯ ފުލުހުން ވިސްނާކަށް ނުޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ފުލުހުންނަކީ ގާނޫން ތަންފީޒު ކުރަން ތިބޭ ބައެއް ކަމަށާއި ހަމައެކަނި ވިސްނަން ޖެހޭނީ އަންނަ އަމުރަކީ ގާނުނާ ހިލާފު އަމުރެއް ކަމައި މެދު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން ގާނޫނާ ހިލާފު އެއްވެސް އަމުރެއް ފުލުހުންނަށް ނުކުރާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ގިނަ ދުވަސްތަކެއް ހިނގައިދާ އިރު އެފަދަ ކަންކަމުން ފިލާވަޅު ލިބިގަނެ ރަނގަޅު ކުރެވެނީ ކިހާ މިންވަރަކަށް ކަން ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި އަމާން ތަނަކަށް ރާއްޖެ ހަދައި ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.