ހަބަރު

ފުލުހުން ގޯސްކޮށް ކުރާ ކަންކަން އަޑުއަހައި އިސްލާހު ކުރާނަން: ނަވާޒް

ފުލުހެއްގެ ފަރާތުން ދެރަކެމެއް ކުރެވިއްޖެ ނަމަ ލަސްނުކޮށް ކަމާ ބެހޭ މުއައްސަސާއަކަށް ހުށަހެޅުމަށާއި އެ ކަންކަން އަޑު އަހައި އިސްލާހުކޮށް ރަނގަޅު ކުރާނެ ކަމަށް ފުލުހުންގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަވާޒް ވިދާޅުވީ ކޮންމެ ފުލުހަކަށް އެންމެ މުހިންމު ވާން ޖެހޭނީ ގައުމާއި ރައްޔިތުންގެ ސަލާމަތް ކަމަށާއި ގާނޫން ލާޒިމް ކުރާ އަމަންކަމާއި ރައްކަތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މުޖުތަމައުގެ ހަމަޖެހުމާއި ސިޔާދަތު ރައްކާތެރި ކުރުމަށް، ގާނޫން އަސާސިއާއި އުސޫލުތައް ނިޔާ ކުރާ ގޮތުގެ މަތިން ކެތްތެރި ކަމާއެކު ކުރުން ކަމަށެވެ. އެ މަސައްކަތް ކުރަމުންދާ އިރު ރައްޔިތުންގެ އެއްބާރުލުން ވަަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެގޮތުން ފުލުހެއްގެ ފަރާތުން ދެރަކޮށް ކަމެއް ވެއްޖެ ނަމަ ލަސްނުކޮށް މުއައްސަސާއަކަށް އަނގަން ޖެހޭ ކަމަށެވެ. އަދި އެކަން އަޑު އަހައި އިސްލާހު ކުރާނެ ކަމަށް ވެސް ނަވާޒް ވިދާޅުވި އެވެ.

"ފުލުހުންގެ ޔުނިފޯމުގައި ތިބީ ތިޔަ އާއިލާތަކަށް ނިސްބަތްވާ ތިޔަ އާއިލާތަކުގެ ދަރީން، އެހެންކަމުން މިއީ ތަފާތު ދެ ބައެއް ނޫން، މިއީ އެއް ލޭ ހިނގައި އެއް ބައެއް، އަޅުގަނޑުމެންގެ ވާޖިބަކީ ތިޔަ ބޭފުޅުންނަށް އޯގާތެރި ދިރިއުޅުމެއް ދިނުން އަދި ކުށްކުރާ ފަރާތްތައް ހުއްޓުވައި ކުށް ހިނގިޔަ ނުދިނުމަށް ދުރާލާ މަސައްކަތް ކުރުން،" ނަވާޒް ވިދާޅުވި އެވެ.

ނަވާޒް ވިދާޅުވީ ދައުލަތް ހިންގުމަށް ބުރުލެއް ނުވަތަ ލޮޅުމެއް އަރާ ފަދަ ކަމެއް ހިނގާ ނަމަ ގާނޫނުގެ އެހީގައި ފުލުހުންގެ ގައުމަަށާއި ރައްޔިތުންނަށް އަމާންކަމާއެކު ހަމަޖެހުން ގާއިމްކޮށްދޭން ޖެހޭ ކަމަށާއި ނަމަވެސް ގައުމުގެ ސިޔާދަތާއި އަމާންކަމަށް ބުރުލެއް އަރާފާނެ އެއްވެސް އަމަލެއް އެއްވެސް ބޭފުޅަކު ނުކުރެއްވުން އިލްތިމާސް ކުރާ ކަމަށެވެ.