ހަބަރު

ފާރިސްގެ މައްސަލައަކީ ބޭއިންސާފުގެ ލާމަސީލު މިސާލެއް: އިދިކޮޅު

ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރުކޮށްގެން ގެންގުޅޭ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމް ބޭނުންކޮށްގެން ނުވާނެ ގޮތުގެ މިސާލެއް ކަމަށާއި އެއީ ސްކޫލުތަކުގައި ކިޔަވާދޭން ޖެހޭ ފެންވަރުގެ ބޭއިންސަފު މައްސަލައެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

މިދިޔަ އަހަރު ޖުލައި މަހު ފާރިސް ހައްޔަރު ކުރިތާ ނުވަ މަސް ފުރުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފާރިސް ހައްޔަރު ކުރީ އޭނާގެ މައްޗައް ތަހުމަތު ކުރާ މައްސަލާގެ ތަހުގީގު ނުނިމެ، ދައުވާއެއް ވެސް އުފުލާފައި ނުވާ އިރު ކަމަށާއި ޝަރީއަތް ނިމެންދެއް އޭނާ ބަންދު ކުރަން ނިންމީ އަދުލް އިންސާފުގެ ހަމަތަކާ ހިލާފަށް ފާރިސްގެ އެތަށް ހައްގުތަކެއް ނިގުޅައިގަތުމަށް ކަމަށެވެ. އަދި 1 ފެބްރުއަރީގެ އަމުރުގައި ފާރިސްގެ މައްސަލާގައި ކަންކަން ދަނީ ސިޔާސީ ނުފޫޒު އޮވެގެން ކަމަށް ކަނޑައަޅާފައިވާ އިރު ޝަރީއަތުގައި ދައުލަތުގެ ސިއްރު ހެކި ދެއްކި ވާހަކަތަކުން ވެސް އެ އަމުރަށް ބާރު ލިބި އެ މައްސަލަ ދައުލަތުން ބިނާ ކުރި އަސާސްވެސް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން ފާރިސްގެ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމް ބޭނުންކޮށްގެން ނުވާނެ ގޮތުގެ ލާމަސީލް މިސާލެއް ކަމަށާއި ސަރުކާރާއި ސިޔާސީ ވިސްނުން ޖިނާއީ އަދުލުގެ ނިޒާމަށް ނުވަންނަންވީ ކީއްވެގެންކަން ދޭހަކޮށްދިނުމަށް ސްކޫލުތަކުގައި ކިޔަވައިދޭން ޖެހޭ ފެންވަރުގެ ބޭއިންސާފު މިސާލެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުންޏެވެ.

އެ ޕާޓީތަކުން އިތުރަށް ބުނެފައި ވަނީ ފާރިސް ފުރަތަމަ މަސައްކަތް ކުރެއްވީ ސަރުކާރާއި ޕާޓީގެ ތެރޭގައި ހުންނަވައިގެން ކޮރޮޕްޝަނާއި ފަސާދައާއި ގާނޫނާ ހިލާފު އަމަލުތައް އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އަދި އެމަނިކުފާނު ހައްޔަރު ކުރަން ޖެހިވަޑައިގަތީ ވެސް ސަރުކާރުގެ ތެރެއިން ކޮރޮޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް ޕްރެޝަރުތައް ކުރިމަތިވުމުން ކަމަށާއި ރައީސް އަބްދުﷲ ޔާމީންއަށް ވުރެ ރައީސް މައުމޫން އާއި ފާރިސްއަށް އޮންނަ މަގުބޫލުކަން ބޮޑުވުމުން ކަމަށެވެ.