ހަބަރު

ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ހާލަތު ބަދަލުވާން ޖެހޭ: އީޔޫ

Apr 19, 2018
12

ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް އަންނަ ރިޔާސީ އިންތިހާބު ބޭއްވޭނީ މިހާރު ރާއްޖޭގައި އޮތް ހާލަތު ބަދަލުކޮށްގެން ކަމަށާއި ހުރިހާ ސިޔާސީ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް އޮންނަ މާހައުލެއް ރާއްޖޭގައި ބޭނުންވާ ކަމަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

އީޔޫގެ "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން އިންތިހާބާ ގުޅޭ ކަންކަން އިސްލާހުކޮށް ހަރުދަނާ ނިޒާމެއް ގާއިމް ކުރުމުގެ ބަދަލުގައި ބައިނަލްއަގުވާމީ ފަރާތްތަކުން މިހާތަނަށް ބޮޑަށް ސަމާލުކަން ދީފައި ވަނީ ރާއްޖޭގައި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ކަށަވަރު ކުރުމާ ގުޅޭ މައްސަލަތަކަށް ކަމަށެވެ. އަދި މިއަދާ ހަމަޔަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ މަޖިހާއި އިދިކޮޅު ފަރާތްތަކުން ވެސް އިންތިހާބާ ގުޅޭ ކަންކަން އިސްލާހުކޮށް ހަރުދަނާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތައް ސަމާލުކަން ދީފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ރާއްޖެ މިހާރު އޮތް ހާލަތުގައި ސިޔާސި މިނިވަންކަން އޮތީ ވަރަށް ބޮޑަށް ހަނިވެފައި ކަމަށާއި ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކުރިޔަށް ގެންދިޔުމަށް މިހާރުގެ ހާލަތު ބަދަލު ކުރަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ސިޔާސީ ފަރާތްތަކަށް މިނިވަން ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ދެވެން ޖެހޭ ކަމަށާއި މީޑިއާތަކަށް އެކަންކަން ރަނގަޅަށް ކަވަރުކޮށް ފާރަވެރި ވުމުގެ ފުރުސަތު ވެސް ދޭން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ރާއްޖެ އެއްބަސްވެފައިވާ ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ރިޔާސީ އިންތިހާބެއް ބޭއްވުމަށް މިހާރުގެ ހާލަތު ބަދަލުވާން ޖެހޭ. އިންތިހާބު ވާދަކުރާ ހުރިހާ ފަރާތްތަކަަށް އެއް ވަރަކަށް އެއްހަމައަކުން ތަފާތުކުރުމެއް ނެތި ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަ މާހައުލެއް ފަހިވާން ޖެހޭ. އަދި މަދަނީ ޖަމްއިއްޔާތަކާއި މީޑިއާގެ ފަރާތްތަކަށް ހުރަހެއް ނެތި އެ މީހުން މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ހޯދައިދޭން ޖެހޭ،" މިޝަންގައި އިސްކޮށް ހުންނެވި، އީޔޫގެ ޕާލިމަންޓް މެންބަރު އެޑްއާޑް ކުކާން ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އިލެކްޝަން ކޮމިޝަން އިން އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަައެއް ބަދަލު ގެންނަން އުޅޭ ކަމަށާއި އޭގެ ތެރޭގައި އީޔޫއިން އިންތިހާބުތަކާ ބެހޭ ގޮތުން ދީފައިވާ ބައެއް ލަފާތައް ވެސް ހިމަނަން ނިންމާފައިވާ ކަމުގެ މައުލޫމާތު މިހާރު ލިބިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އިސްލާހުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާއި ޕާޓީތަކާ އެކު ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވެން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މިޝަން އިން އިތުރަށް ބުނީ ރާއްޖެއަށް ކުރި ދަތުރުގައި ސިޔާސީ ޕާޓީތަކާއި ބައެއް މީޑިއާތަކާއި އަދި ޖަމިއްޔާ ޖަމާއަތްތަކާ އަދި ބޭރުގެ ސަފީރުންނާއި ބައްދަލު ކުރި ކަމަށާއި ނަމަވެސް ބައްދަލު ކުރަން މުހިންމު، ރައިސުލްޖުމްހޫރިއްޔާ އާއި ސުޕްރީމް ކޯޓާ ބައްދަލު ކުރެވޭ ގޮތް ނުވި ކަމަށެވެ.

އީޔޫގެ ބަޔާނެއް ރާއްޖޭގެ ހަލާތާ ބެހޭ ގޮތުން ނެރުނު އިރު، އ.ދ ގެ ހިއުމަންރައިޓްސް ކޮމިޓީ އިން ނިންމާފައި ވަނީ ކުރީގެ ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރުމުގެ އެމަނިކުފާނަށް ވެސް ލިބިދޭން ޖެހޭ ކަމަށެވެ.