ހަބަރު

ސަސްޕެންޝަނަށްފަހު ކައުންސިލަރުން ނިކުތުމުން ހޫނު މަރުހަބާއެއް

Apr 19, 2018
9

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ނޫސް ބަޔާނެއް ނެރުމާއި ގުޅިގެން ސަސްޕެންޑް ކުރި ހއ. ދިއްދޫ ކައުންސިލަރުންނާއި ލ. މާމެންދޫ ކައުންސިލަރުން ސަސްޕެންޝަނަށްފަހު އޮފީހަށް ނިކުތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބަޔާން ނެރުމާއި ގުޅިގެން ލޯކަލް ގަވަރުމަންޓް އޮތޯރިއެމޓީ (އެލްޖީއޭ) އިން އެއްމަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ހަބީބް އާއި ކައުންސިލަރު ޔޫސުފް އިރުފާން އެވެ. އެދެބޭފުޅުން އޮފީހަށް ނިކުމެފައިވަނީ އިއްޔެ އެވެ.

ސަސްޕެންޝަނަށްފަހު އެދެބޭފުޅުން އޮފީހަށް ނިކުތުމުން އެރަށު އަންހެންވެރިން ވަނީ އެދެބޭފުޅުންނަށް ހޫރު މަރުހަބާއެއް ކިޔައި މާފަތިވެސް އަޅުވާފަ އެވެ.

ނެރުނު ބަޔާނާ ގުޅިގެން ދިއްދޫ ކައުންސިލުން އެއްމަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ ދިއްދޫ ކައުންސިލް ރައީސް އަލީ ހާޝިމް އާއި ނައިބު ރައީސް މުހައްމަދު ހާޝިމް އަދި އެ ރަށުގެ އިތުރު ދެ ކައުންސިލަރުން ނެވެ. އެބޭފުޅުން އޮފީހަށް ނިކުމެފައިވަނީ މިއަދު އެވެ. އެބޭފުޅުންނަށްވެސް ވަނީ އެރަށުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އެލްޖީއޭއިން މިދިޔަ މަހު ވަނީ ކައުންސިލްތަކުން ނެރުނު ނޫސްބަޔާން ތަކަކާއި ގުޅިގެން އަށް ރަށަކުން 21 ކައުންސިލަރަކު ސަސްޕެންޑްކޮށްފަ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ މޭޔާ އަބްދުﷲ ސޯދިގް އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އާއި ކައުންސިލަރުން ކަމަށްވާ ޖަމްޝީދާ މުހައްމަދު އަދި އަލީ ފަހުމީ ވެސް ސަސްޕެންޑުކޮށްފައި ވެއެވެ.