ރިޕޯޓް

ޓްރެފިކް ވަޔަލޭޝަނަށްވުރެ އަނބިމީހާއަށް އަނިޔާކޮށްގެން ލިބޭ އަދަބު ކުޑަތަ؟!

May 20, 2015
2

އަނބިމީހާއަށް އަނިޔާކޮށް، ދޯންޏެއްގެ ތެރެއަށް ކޮއްޕައި ވައްޓާލި މީހަކު 200ރ. އިން ޖޫރިމަނާކުރި ވާހަކައަކީ ވޭތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި އެންމެ ހޫނުވެގެން ދިޔަ އެއް މައުލޫއެވެ. ޓްރެފިކް ގަވާއިދާ ޚިލާފްވެގެން ކުރާ ޖޫރިމަނާއަށް ވުރެ އަނބިމީހާއަށް އަނިޔާ ކުރުމުން އަންނަ ޖޫރިމަނާ ކުޑަ ކަމަށް ބުނެ ކޯޓުގެ ހުކުމަށް އެއް ބަޔަކު ޖޯކު ޖަހަމުންދާއިރު އަނެއް ބަޔަކު ދަނީ އަދުލު އިންސާފު ރާއްޖޭގައި ނެތްކަން އެ ހުކުމުން ހާމަވަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޯޓުތަކަށް ފާޑު ކިޔުން އޮއްސަމުންނެވެ.

އެ މައްސަލައިގައި ގިނަ ބަޔަކު ފާޑު ކިޔަމުންދަނީ ރޭޒަރު ތިލަ ބޮނޑިއެއް ވަގަށް ނަގައިގެން އެއް އަހަރަށް މީހަކު ޖަލަށްލާން ކޯޓުން ހުކުމްކޮށްފައިވާތީ އެ ދެ މައްސަލަ އަޅައި ކިޔައިގެންނެވެ.

އެތައް ބައެއްގެ ކުރިމަތީގައި އަމިއްލަ އަނބިމީހާ ދޯންޏެއްގެ ތެރެއަށް ވައްޓާލައި، އެކަމުގެ ސަބަބުން އޭނާއަށް އަނިޔާތަކެއް ލިބުމުން ވެސް އެއް ވަގުތު ކޮފީއެއް ބޯލެވޭ ވަރުގެ ކުޑަ ޖޫރިމަނާއެއް ކުރީ ކީއްވެ ހެއްޔެވެ؟ މީހަކަށް އަނިޔާ ކުރުމަށް ވުރެ ރޭޒަރު ތިލަ ބޮނޑިއެއް ވަގަށް ނެގުން ޝަރީއަތުގެ ކުރިމަތީގައި ގޯހީ ހެއްޔެވެ؟ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލުތަކެވެ. މައްސަލަ ބޮޑުވެގެން ގޮސް އެންމެ ފަހުން އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން އެ މައުލޫގައި ބަޔާން ނެރޭ ހިސާބަށް ކަންކަން މިވަނީ ގޮސްފަ އެވެ.

އަނބިމީހާއަށް އަނިޔާކުރި މައްސަލައިގައި ދައުލަތުން ކުރީ މީގެ ބައި ގަރުނުކުރިން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުލް އުގޫބާތުގެ ދަށުން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އޭގެ އަދަބަކަށް އޮންނަނީ ގިނަވެގެން 200ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ގިނަވެގެން ހަ މަހަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ.

ދެން އޮތީ ރޭޒަރު ތިލަ ބޮނޑި ވަގަށް ނެގި މީހާގެ ވާހަކަ އެވެ. އޭނާގެ މައްޗަށް ކުރީ ވައްކަމުގެ ދައުވާ އެވެ. ވައްކަމުގެ ކުށަށް ގާނޫނުލް އުގޫބާތުގައި މުޅިން ވެސް އޮންނަނީ ޖަލަށްލުމާއި އަރުވާލުމާއި ގޭ ބަންދުގެ އަދަބުތަކެވެ. ގާނޫނުލް އުގޫބާތު ބުނާގޮތުން ވައްކަމުގެ މައްސަލައެއްގައި ޖޫރިމަނާއަކުން ފުއްދާލެވޭނީ ބަނޑުހައި ހޫނުކަމުގެ ހާލަތުގައި ކުދި ވައްކަމެއް ކޮށްފި ނަމަ އެކަންޏެވެ.

ރޭޒަރު ތިލަ ވަގަށް ނެގި މީހާގެ މައްޗަށް ޖަލު ހުކުމެއް އައީ ވެސް ގާނޫނުލް އުގޫބާތުގެ އޮތް ގޮތުންނެވެ. އެ ގާނޫނު ބުނާގޮތުން ވައްކަންކޮށްފި ނަމަ މަދުވެގެން ހަ މަހަށް ޖަލަށްލާން ނުވަތަ އަރުވާލަން ނުވަތަ ގޭގައި ބަންދުކުރަން ޖެހޭއިރު ފިހާރައަކުން ވައްކަމެއް ކޮށްފި ނަމަ އިތުރު ހަ މަސް ދުވަހުގެ މުއްދަތެއް ހުކުމުގެ ތެރެއަށް އިތުރު ކުރަންޖެހެ އެވެ. އެހެންވެ އެ ދެ މައްސަލަ އަޅައި ކިޔައި، އެކަމުގައި ފާޑު ކިޔުން ހަމައެކަނި ކޯޓުތަކަށާއި ފަނޑިޔާރުންނަށް އަމާޒު ކުރެވޭކަށް ނެތެވެ.

ދައުލަތުން ކުރާ ދައުވާގެ ސިފަ ބަދަލު ކުރުމަކީ ފަނޑިޔާރުންނަށް ކުރެވޭނެ ކަމަކަށް ނުވާތީ ޖިނާއީ މައްސަލަތަކުގައި ފަނޑިޔާރުންނަށް ކުރެވެން އޮންނަ ހަމައެކަނި ކަމަކީ ކުރާ ދައުވާއެއް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. ސާބިތުވާ ނަމަ އަދަބު ދިނުމެވެ. އެހެންވެ އަނބިމީހާއަށް އަނިޔާކުރި މައްސަލައިގައި ކުޑަ އަދަބެއް ލިބޭ ފަދަ ދައުވާއެއް ދައުލަތުން ކޮށްފައި ވަނިކޮށް ބޮޑު އަދަބެއް ލިބޭ ފަދަ ދައުވާއަކަށް ބަދަލު ކުރުމަކީ ފަނޑިޔާރުންނަށް ކުރެވޭނެ ކަމެއް ނޫނެވެ.

ނަމަވެސް ޖޫރިމަނާ ނޫން އެހެން އަދަބުތައް ވެސް އޮއްވައި، އެވަރުގެ މައްސަލައެއްގައި ޖޫރިމަނާ ކުރުމަކީ އެންމެ ރަނގަޅު ކަމެއްތޯ އެއީ ބަހުސް ކުރެވިދާނެ ކަމެކެވެ. ކޯޓުން ކުރާ ހުކުމަކުން ބަޔަކަށް ނުބައި މެސެޖެއް ނުވަތަ ހިތްވަރެއް ދެވިގެން ނުވާނެ އެވެ.

ކުރުކޮށް ބުނާ ނަމަ އެ ދެ މައްސަލައިގައި ވެސް ކަން ހިނގާފައިވާ ގޮތުން ކޯޓަށް އެކަނި ތުހުމަތުގެ އިނގިލި އަމާޒު ކުރެވޭކަށް ނެތެވެ. ހުރިހާ ވެސް މައްސަލައަކީ ގާނޫނު އޮތް ގޮތެވެ. ފަނޑިޔާރުންނަށް އެގޮތަށް ހުކުމް ކުރެވެނީ ގާނޫނުގައި ޒަމާނާ ނުގުޅޭ އެތަކެއް އަދަބުތަކެއް ހިމަނާފައިވާތީ އެވެ.

ފަނޑިޔާރުން އަބަދުވެސް ބަލަންޖެހޭނީ ގާނޫނަށެވެ. ގާނޫނުގައި ނެތް އަދަބެއް ފަނޑިޔާރުންނަކަށް ނުދެވޭނެ އެވެ. އަދި އޭގައި އޮތްގޮތާ ޚިލާފަކަށް ވެސް އަދަބެއް ނުދެވޭނެ އެވެ. ގާނޫނު ހެދުމަކީ ފަނޑިޔާރުންގެ ޒިންމާއެއް ނޫނެވެ. އެކަމަކީ ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ޒިންމާ އެކެވެ. އެ ބޭފުޅުން އެ ޒިންމާ އަދާ ނުކުރެވުމަކީ އެކަމުގެ ތުހުމަތު ފަނޑިޔާރުންނާއި ކޯޓުތަކަށް އެކަނި އަމާޒު ކުރެވޭނެ ކަމެއް ނޫނެވެ.