ހަބަރު

ވިލާގެ ފައިސާގެ މައްސަލައިގައި އަމަލުކުރާނެ ގޮތް އެނގޭނީ ހުކުމް ލިބުމުން: މީރާ

*އެޑިޓަރުގެ ނޯޓް: މިހަބަރު އެންމެ ފުރަތަމަ ޝާއިއު ކުރިއިރު، ވިލާއިން މީރާއަށް 2.9 ބިލިއަން ރުފިޔާ ދައްކަން ނުޖެހޭ ކަމަށް މީރާއާ ހަވާލާދީ ރިޕޯޓްކޮށްފައި ވަނީ، މީރާގެ އޮފިޝަލެއްގެ ބަހެއް ނުހޯދާ ކަމަށް ފާހަގަ ކުރެވިފައި ވާތީ، މީރާގެ ބަހެއް ހޯދުމަށް ފަހު މި ހަބަރު މިހާރު މި ކުށް މި ވަނީ އިސްލާހު ކުރެވިފަ އެވެ. އަދި މިކަމަށް ޓަކައި މީރާ އާއި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.
-----

ވިލާ ގްރޫޕަށް ދީފައިވާ ރަށްތަކުގެ މައްސަލާގައި ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން އެ ކުންފުނިން ދައުލަތަށް 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދައްކަން ޖެހޭކަން ނުވަތަ ނޫންކަމާ މެދު އެ އޮތޯރިޓީއަށް ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓްގެ ހުކުމް ލިބުމުން ކަމަށް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ސެޓަލްމަންޓް އެގްރީމަންޓް ބާތިލު ކުރުމަށް ފަހު ސަރުކާރުން އަތުލާފައި ވަނީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވިލާއަށް ދޫކޮށްފައިވާ ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ތ. އެލާގެ އިތުރުން ކ. ބޮލުދުށްފަރާއި ވާވެއްދިފަޅާއި އެ ދެ ފަޅުގެ ދެމެދުގައި އޮންނަ ނަމެއް ދީފައިނުވާ އިތުރު ކުޑަ ފަޅަކާއި ކ. މާދިއްގަރު ފަޅާއި އެ ފަޅާ ޖެހިގެން އޮންނަ ކަނުހުރާ ނަމަކަށް ކިޔާ ފޮނޮޅުގެ އެވެ.

އެ ރަށްތަކުގެ ޖޫރިމަނާ އާއި ކުލީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ދަައްކަން ޖެހޭނެ ކަމަށް ބުނެ މީރާއިން ސިވިލް ކޯޓްގައި ދައުވާ ކުރީ ސެޓުލްމަންޓް އެގްރިމަންޓްތައް ބާތިލްކޮށް އެ ރަށްތައް ވިލާގެ އަތުން އަތުލާފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ ހުކުމުގެ މައްޗަށް ބިނާކޮށެވެ. އެހެން ނަމަވެސް، ސުޕްރީމް ކޯޓުން އިއްޔެ ނިންމީ ވިލާއަށް ދީފައިވާ ރަށްތަކުގެ އެއްބަސްވުން ބާތިލް ކުރީ ގޯސްކޮށް ކަމަށާއި ހައިކޯޓްގެ ހުކުމް ބާތިލް ކުުރުމަށެވެ.

މައްސަލަ ވިލާއާ އެއްކޮޅަށް އެ ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފައި ވަނިކޮށް އިއްޔެ ސުޕްރީމް ކޯޓުން ވަނީ ހަައިކޯޓުގެ ނިންމުން ބާތިލުކޮށް ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމަށް ފަހު 2.9 ރުފިޔާ ދައްކަން ޖެހޭނެ ކަމެއް ނުވަތަ ނޫން ކަމެއް އޮތީ ސާފު ނުވެފަ އެވެ. އެހެން ނަމަވެސް ވިލާ ކުންފުނީގެ ލޯޔަރުން އިއްޔެ ވިދާޅުވީ 2.9 ބިލިއަން ރުފިޔާ ހޯދަން މީރާއިން ދައުވާ ކުރަނީ ހައިކޯޓްގެ ހުކުމަށް ރިއާޔަތްކޮށް ކަމަށާއި އެހެން ކަމުން އެ ދައުވާތައް މިހާރު ބާތިލް ވާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން މިރާގެ ސްޕޯކްސް ޕާސަން އަދި ޑައިރެކްޓާ ޖެނެރަލް އޮފް އިންޑިވިޖުއަލް ބިޒްނަސް މުހައްމަދު ޝާހިދު ވިދާޅުވީ، ސުޕްރީމް ކޯޓްގެ ހުކުމް އަދި އެ އޮތޯރިޓީއަށް ނުލިބޭ ކަމަށެވެ. އަދި އެ ހުކުމް އެ އޮތޯރިޓީއަށް ލިބުމުން ހަމަޖެހިފައި އޮންނަ އުސޫލުން ހުކުމާ އެއްގޮތަށް އަމަލު ކުރަމުންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ހުކުމް ނުލިބެނިސް މިވަރުގެ ބޮޑު މައްސަލައެއްގައި މި އޮތޯރިޓީއަށް ނުބުނެވޭނެ އެއީ ދައްކަން ނުޖެހޭ ފައިސާ އެކޭ. އެހެން ވީމާ، ހުކުމް ލިބުނީމާ އަޅުގަނޑުމެން މީރާއިން އެކަމުގައި ގޮތްތަކެއް ކަނޑައަޅާނީ. މިއީ ކޯޓް މަރުހަލާގައި ހުންނަ އެހެން މައްސަލަތަކުގައި ވެސް އަމަލު ކުރާ ގޮތަކީ،" ޝާހިދު ވިދާޅުވި އެވެ.

ހައި ކޯޓުން 2015 ވަނަ އަހަރު ވިލާއާ ދެކޮޅަށް ކުރި ހުކުމާ ގުޅިގެން މީރާ އިން ވަނީ ވިލާ ގްރޫޕްގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން އެ ކުންފުނީގެ ދަށުން ހިންގާ ބައެއް ރިސޯޓުތަކަށް ރަލާއި އޫރުމަސް ގަތުމުގެ ހުއްދަވެސް ހިފެހެއްޓި އެވެ.