ހަބަރު

ޔާމީންގެ ޝަރީއަތް ހުޅުވާލަން ގޮވާލައި އާއިލާއިން މުއައްސަސާތަކަށް

ދިރިއުޅެމުން ދިޔަ ގޭގެ ސިޑި ގޮޅީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުން ބްލޮގާ ޔާމީން ރަޝީދުގެ ޝަރީއަތްތައް ހުޅުވާލައިގެން ކުރިޔަށް ގެންދަން ގޮވާލާ، އާއިލާ އާއި ބައެއް ޖަމިއްޔާ ޖަމަައަތްތަކުން މިނިވަން މުއައްސަސާތަކާ ބައްދަލު ކުރަން މަސަައްކަތްކޮށްފި އެވެ.

ޔާމީން މަރާލިތާ އެއް އަހަރުވާން ގާތްވެފައިވާ އިރު ގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަނީ ސިއްރުކޮށްގެން އެވެ. އެކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ޔާމީންގެ އާއިލާ އިންނާއި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ވަނީ ބައެއް މުއައްސަސާތަކަށް ވަޑައިގެން ބައްދަލު ކުރުމަށް މަސައްކަތްކޮށްފަ އެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އާއި ޕީޖީ އޮފީހާއި ފުލުހުންނާ ބައްދަލު ކުރުމަށް ވަޑައިގަތް ނަމަވެސް އެއިން އެއްވެސް ފަރާތަކާ ރަސްމީކޮށް ބައްދަލުވާ ގޮތެއް ނުވި އެވެ.

އެކަމާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑިމޮކްރަސީ ނެޓްވޯކްގެ ރައީސާ އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއިލް ވިދާޅުވީ ޔާމީންގެ މައްސަލާގައި ފުލުހުން މީގެ ކުރިން ވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ އިރު އޭނާގެ މަރަށް އެއް އަހަރު ފުރެއް ކައިރިވެފައިވަނިކޮށް ޝަރީއަތްތައް ސިއްރުކޮށްގެން ކުރިޔަށް ގެންދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން އޭނާގެ ޝަރީއަތް ކުރިޔަށް ގެންދަނީ އިންސާފުވެރިކޮށް ކަމެއް ނުވަތަ ނޫން ކަމެއް ވެސް މިހާރު ނޭނގޭ ކަމަށާއި އެހެންކަމުން ޝަރީއަތް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުމީ ޔާމީންގެ ޝަރީއަތް އިންސާފުވެރިކަމާއެކީގައި ކުރިޔަށް ދޭތޯ ބަލަން، ޕީޖީގެ އެދިލެއްވުމަކަށް ކަމަށް ބުނެ ބަންދުކޮށްގެން ޝަރީއަތްތައް ކުރިޔަށް ދިޔުމުން އެހެންވެ އާއިލާއަށް ޔަގީން ކަމެއް ނެތް އިންސާފުވެރިކަމާއެކީގައި ތޯ ކުރިޔަށް ގެންދަނީ، އާއިލާ އިން ބޭނުން ވަނީ އެކަން ކަށަވަރު ކުރުމަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީންގެ މައްސަލާގައި މުއައްސަސާތަކުން އާއިލާއާ ބައްދަލު ކުރަން ފަސް ޖެހޭ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ޕީޖީ އޮފީހުން އަންނަ ހަފްތާއަށް ވަގުތެއް ދޭނެ ކަމަށް ބުނި އިު ފުލުހުންނާއި އެޗްއާރްސީއެމް އިން ވެސް ރަސްމީ ބައްދަލުވުން ފަސްކޮށްލި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ކޮމިޝަންގެ ރައީސް އާއިލާއާ ވާހަކަދެއްކުމަށް ކުޑަ ވަގުތުކޮޅެއް ދެއްވި ކަމަށް ޝަހިންދާ ވިދާޅުވި އެވެ.

ޔަމީންގެ މަންމަ ބުނީ އޭނާ ވެސް އެދޭ ގޮތަކީ ދަރިފުޅުގެ މަރާ ގުޅޭ ޝަރީއަތްތައް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުން ކަމަށާއި އެކަން ހިނގައި ގޮތް ނޭނގޭތީ ކަންބޮޑުވާ ކަމަށެވެ. ޔާމީންގެ ފުރާނަ ދިޔައީ ވެސް ފުލުހުން އަޅާ ނުލައި ތިއްބާ ކަމަށާއި އޭގެ ފަހުން ވެސް ކަންކަން ހިނގަނީ ވަރަށް ގޯސްކޮށް ކަމަށް ޔާމީންގެ މަންމަ ބުންޏެވެ. ނަމަވެސް އުންމީދު ކުރަނީ ހުރިހާ ކަމެއް ވެސް ދެން ރަނގަޅަށް ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔާމީން މަރާލި މައްސަލާގައި ދައުވާ ކުރަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ. އެ މީހުންގެ މައްޗައް ކުރަނީ ތޫނު އެއްޗަކުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ.