ހަބަރު

އިންތިހާބުތަކާ ބެހޭ ކަންތައްތައް އިސްލާހުވާނެކަމަކަށް ނުފެނޭ: އީޔޫ

ރިޔާސީ އިންތިހާބުގެ ވަގުތު ބޯމަތިވެފައިވީ ނަމަވެސް މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ޓަކައި ރާއްޖޭގައި ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ކައިރި މުސްތަގުބަލެއްގައި ގެނެވިދާނެ ކަމަށް ނުދެކޭ ކަމަށް ޔޫރަޕިއަން ޔޫނިއަން(އީޔޫ) އިން ބުނެފިއެވެ.

ރާއްޖޭގައި އިންތިހާބުތައް ބޭއްވުމުގެ ކަންތައްތައް އިސްލާހު ކުރުމަށް އީޔޫއިން 2014 ވަނަ އަަހަރު 22 ހުށަހެޅުމެއް ހުށަހެޅިއެވެ. އަދި އެ ކަންތައްތަކަށް ރާއްޖޭން އަމަލުކޮށްފައި ވަނީ ކިހިނެތްތޯ ބަލަންް މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ވަފުދެއް ފޮނުވި އެވެ. އޭގެ ކުރިން ތައްޔާރުވުމުގެ ދަތުރެއްގެ ގޮތުގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ވެސް އީޔޫގެ ވަފުދެއް ރާއްޖެއަށް އައެވެ. ޖެނުއަރީމަހު އައި ވަފުދުން ރާއްޖެއާ ބެހޭ ގޮތުން ތައްޔާރުކުރި ރިޕޯޓު މިއަދު ވަނީ އާއްމުކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނީ 2014 ވަނަ އަހަރު ރާއްޖެއަށް ހުށަހެޅި 22 ހުށަހެޅުމުގެ ތެރެއިން ފުރިހަމައަށް ތަންފީޒުކޮށްފައި ވަނީ އެންމެ ކަމެއް ކަމަށާއި ތިން ކަމެއް ވަކި މިންވަރަކަށް ތަންފީޒުކޮށްފައިވާ ކަމަށެވެ. އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެންނާނެ ކަމަށް އިލެކްޝަން ކޮމިޝަން(އީސީ) އާއި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވާކަން ފާހަގަ ކުރަމުން ރިޕޯޓްގައި ބުނެފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބަދަލުތަކެއް ގެނެވޭނެކަން ކަށަވަރުނުވާ ކަމަށެވެ.

"އިންތިހާބާ ގުޅޭ ތަފާތު ގިނަ ގާނޫނުތަކަކަށް ގެންނަ، ގިނަ އިސްލާހުތަކެއް ތައްޔާރުކޮށްފައިވާ ކަމުގެ މައުލޫމާތު އީސީ އާއި އޭޖީން އީޔޫގެ މިޝަނަށް މައުލޫމާތު ދީފައި ވިޔަސް މިހާރު ސިޔާސީ ކަންތައްތައް ހުރި ގޮތުން މާނަހުރި އިންތިހާބީ އިސްލާހުތަކެއް ކުރުމުއްދަތުގައި ގެނެވޭނެކަން ކަށަވަރެއް ނުވެ އެވެ،" އީޔޫގެ ރިޕޯޓުގައި ވެއެވެ.

ރާއްޖެއަށް 2014 ވަނަ އަހަރު އީޔޫއިން ހުށަހެޅި 22 ކަންތަކުގެ ތެރެއިން ފުރިހަމައަަށް ތަންފީޒުކޮށްފައިވާ ކަމަށް އެޖަމާއަތުން ދެކެނީ ސީދާގޮތުންނާއި ނުސީދާ ގޮތުން ވެސް ޖިންސީ ތަފާތުކުރުން މަނާކުރާ ގާނޫނެއް ހެދުމެވެ. ވަކިވަރަކަށް ތަންފީޒުކުރި ކަމަށް ބަލާފައި ވަނީ ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންތައްތަކާއި ޕާޓީތައް ހިންގާނެ ގޮތް ކަނޑައަޅައި އާ ގާނޫނެއް ހެދުމެވެ. ދެން އޮތީ ވާރުތަ މުދާ ބެހުމާއި އާއިލީ ކަންކަމުގައި ތަފާތުކުރުން ހުއްޓައިލުމެވެ. ދެން އޮތީ ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތައް ރަޖިސްޓްރީ ކޮށްްދިނުމުގެ ތެރެއިން ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމަށް ހުށަހެޅި ހުށަހެޅުމެވެ.

ރިޕޯޓުގައި ފާހަކޮށްފައިވާ އަނެއް ކަމަކީ 2014 ވަނަ އަހަރު ރާއްޖެއަށް ހުށަހެޅި ކަންކަމާ މެދު ރާއްޖޭގެ އިދާރާތަކާއި ޕާޓީތަކުގެ އޮފިޝަލުންގެ ހޭލުންތެރިކަން ކުޑަކަމެވެ. އެހެންވެ، އެކަންކަމާ މެދު ރަނގަޅަށް މަޝްވަރާ ނުކުރެވުނުކަމަށް ވެސް ބުނެފައި ވެއެވެ.