ވިޔަފާރި

ފައިނުގައި އައިލެންޑް އޭވިއޭޝަނުން އެއާޕޯޓެއް ތަރައްގީ ކުރަނީ

ރ. ފައިނުގައި އައިލެންޑް އޭވިއޭޝަނުން ރީޖަނަލް އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރ. ފައިނުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށެވެ. އަދި މި އެއާޕޯޓަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ތަރައްގީ ކުރާ އެއާޕޯޓެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއާޕޯޓް ތަރައްގީ ކުރަނީ އައިލެންޑް އޭވިއޭޝަނުން ނަގާ ލޯނާއި ކައިރި ބައެއް ރިސޯޓުތަކުގެ އެހީގައި.ތަރައްގީ ކުރާނީ އައިލެންޑް އޭވިއޭޝަނުން،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފައިނުގައި އަޅަނީ 1.2 ކިލޯ މީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓެއް ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލު ކުރެވޭވަރުވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"މި [ފައިނު] ގައި ސިޓީ ހޮޓަލަކާއި އަޔުރުވެދިކް ސެންޓަރެއްގެ އިތުރުން ބޮޑެތި ސާޖަރީތައް ހަދައިގެން އަންނަ މީހުންނަށް ހާއްސަ ރީހެބް ސެންޓަރެއް ވެސް ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނުން އެއާޕޯޓެއް އަޅަން މަސައްކަތް ފަށާއިރު، މިހާރު ވެސް އެ ކުންފުނިން ދަނީ ބައެއް ރީޖަނަލް އެއާޕޯޓުތައް މެނޭޖު ކުރަމުންނެވެ. މީގެ އިތުރުން އެ ކުންފުންޏަކީ ރާއްޖޭގެ އެތެރެ އާއި ބޭރުގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުން ގެންދާ ކުންފުންޏެވެ.

ސަރުކާރުން ވަނީ މި ދައުރުގައި ފަސް ރީޖަނަލް އެއާޕޯޓެއް ތަރައްގީ ކުރާނެ ކަމަށް ބުނެފަ އެވެ. މިގޮތުން މިހާރު ވެސް ހދ. ކުޅުދުއްފުޓާއި ށ. ފޮނަދޫގައި މާފަރުގައި އެއާޕޯޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ