ހަބަރު

އެހެން ދީންތަކަށް ޖާގަދޭން އީޔޫން ގޮވައިލުމުން ތުހުމަތުތައް އިދިކޮޅު ޕާޓީތަކަށް

މުސްލިމުން ނޫން މީހުންނަށް ވެސް ރާއްޖޭގެ ރަށްވެހިކަން ލިބޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ހުށަހަޅާފައިވާތީ، އެކަމަކީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދޭން ކުރި ކަމެއް ކަމަށް ބުނެ، ވެރިކަން ކުރާ ޕީޕީއެމުން އެކަން އިދިކޮޅުފަރާތްތަކުގެ ބޮލުގައި އަޅުވައިފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއް ރަހީމް އަބުދުﷲ ވިދާޅުވީ އީޔޫން ރާއްޖެއާ މެދު އެގޮތަށް ނިންމީ އިދިކޮޅުން ހުށަހެޅި ރިޕޯޓްތަކަށް ބެލުމަށް ފަހު ކަމަށެވެ.

"މި ހުށަހެޅުމަކީ އީޔޫ އިން ހަމައެކަނި އެތާނގައި ތިބެފައި ނިންމި ނިންމުމެއް ނޫން. އިދިކޮޅު ފަރާތްތަކުން ހުށަހެޅި ރިޕޯޓްތަކަށް ބިނާކޮށް މިކަން މިކުރީ. މިހާ ހިސާބަށް މި މީހުންގެ ކަންތައް ދިޔައިމަ ދިވެހި ރައްޔިތުން އެންމެން އެބަޖެހޭ އެކީ އެކައްޗެއް ކިޔާފައި ނިކުންނަން. އެއީ ސިޔާސީ ފިކުރެއްގައެއް ނޫން. ސިޔާސީ ފިކުރަށް ވުރެ ބޮޑަށް ދީނީ ފިކުރެއްގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އީޔޫގެ ރިޕޯޓާ ގުޅިގެން އަބުދުއް ރަހީމް އިދިކޮޅަށް ތުހުމަތުތައް ކުރެއްވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހައްދެއް ނެތް ވަރަށް ފާޑުވިދާޅުވެ، ވަނަމެއް ވެސް ހެއްދެވިއެވެ. އެގޮތުން ނަޝީދަކީ އަނދިރިއަނދިރިން ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަނދިރި އަނދިރިންނަކީ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރި ކަމަށް ކިޔާ ވާހަކައިގައި އެކަމުގައި އިސްކޮށް ހުރި ކަމަށް ބުނާ މީހާއެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ވެގެންދާނީ އިސްލާމްދީނާއި ބާތިލު ދީންތަކާ ކުރެވޭ ހަނގުރާމަައަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އެހެން ދީންތައް ގެންނަން ބަޔަކު މަސައްކަތް ކުރަމުން ކުރުމަކީ މިއަދު ހިނގަން ފެށި ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކުރިން ވެސް އެކަން ހިނގަމުން ދިޔަކަމަށާއި ޕީޕީއެމުން ކުރިން ވެސް އެކަން ހާމަ ކުރަމުން ގޮސްފައިވާނެ ކަމަށެވެ.

ނިހާން ވިދާޅުވީ އީޔޫގެ އެ ހުށަހެޅުމާ ދެކޮޅަށް ހުރިހާ ޕާޓީއަކުން ބަސް ބުނަން ޖެހޭނެ ކަމަށާއި އެކަން ޕާޓީތަކުން ކުށްވެރި ނުކޮށްފި ނަމަ ޕީޕީއެމުން އެކަން ބަލާނެ ކަމަށެވެ. އެފަދަ ކަންކަމާ ދެކޮޅަށް ގާނޫނެއް ހަދަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ.