ވިޔަފާރި

މިދިޔަ އަހަރު އާ ނުވަ ރިސޯޓް ހުޅުވި

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި މުޅިން އަލަށް ނުވަ ރިސޯޓެއް ހުޅުވިކަމަށާއި، އެނދުގެ އަދަދު 11 ޕަސެންޓް އިތުރުވެގެން ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ދިރާސާގައި ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ބްލެޓިންގައިވާ ގޮތުން މި ކުއާޓަރުގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތުވެސް 21 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މިގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ރާއްޖޭގައި ހޭދަކޮށްފައިވަނީ 6.2 ދުވަހެވެ. ނަމަވެސް އޭގެ ކުރީ އަހަރު މި އަދަދު އުޅެނީ 6.0 ދުވަހުގަ އެވެ.

ސާވޭ ދައްކާ ގޮތުން ފަހު ކުއާޓަރުގައި ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ ހުރީ 79 ޕަސެންޓުގަ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ހުރީ 73 ޕަސެންޓުގަ އެވެ. އަދި މި މުއްދަތުގައި ރާއްޖޭގެ ޓޫރިޒަމްގެ 50 ޕަސެންޓް ހިއްސާކޮށްފައިވަނީ ޔޫރަޕުން އަންނަ މީހުންނެވެ.

ޓޫރިޒަމް މިނިސްޓްރީން މި އަހަރު ފެށުނުއިރު ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިތުރު 23 ރިސޯޓެއް ހުޅުވާނެ އެވެ. އަދި ފަސް އަހަރުގެ ތެރޭގައި ހުޅުވާ އާ ރިސޯޓުތަކުން އަލަށް 18،000 ވަޒީފާ އުފެދޭނެ އެވެ.