ހަބަރު

ދީނީ މިނިވަންކަން ދޭން ހުށަހެޅި ހުށަހެޅުން ބަލައެއް ނުގަނެވޭނެ: ނަޝީދު

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް 2014 ވަނަ އަހަރު ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން ދީނީ މިނިވަންކަން ލިބޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ހުށަހަޅާފައިވާ ހުށަހެޅުމަކީ ދިވެހިންނަށް ބަލައިގަނެވޭނެ ހުށަހެޅުމެއް ނޫން ކަމަށާއި އެކަމަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ކުރީގެ ރައީިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ކުރެއްވި ޓްވީޓެއްގަައި ނަޝީދު ވިދާޅުވީ އީޔޫއިން ހުށަހެޅި 22 ކަންތަކުގެ ތެރެއިން ދީނީ މިނިވަންކަމާ ގުޅޭ ކަންތައް ފިޔަވާ ދެން ހުރި ކަންތައްތަކަކީ ދިވެހިން އެދޭ ކަންތައްތައް ކަމަށެވެ. އަދި ވިދާޅުވީ އީޔޫގެ ބަޔާނުގައި ދެން ހުރި ކަންކަން ރަނގުވާތީ އެބާޔަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

"އީޔޫއިން ވަނީ އަށް ދާއިރާއަކުން 22 ކަމެއް ހުށަހަޅާފައި. މީގެ ތެރެއިން ދިވެހިންނަށް ބަލައި ނުގަނެވޭނީ އެންމެ ކަމެއް. އެއި ގާނޫނު ސަސާސީ އަށް ގެންނަން ބުނާ ދީނުގެ މިނިވަންކަމުގެ ބަދަލު،" ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

2014 ވަނަ އަހަރުގެ ހުށަހެޅުންތަކާ ބެހޭ ރިޕޯޓެއް

އީޔޫއިން މިއަދު އާއްމު ކުރީ ރާއްޖޭގައި އިންތިހާބުތައް ބޭއްވުމުގެ ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމަށް ފަހު 2014 ވަނަ އަހަރު ރާއްޖެއަށް ހުށަހެޅި 22 ކަމެއް ތަންފީޒުކުރި މިންވަރު ބެލުމަށް ފަހު އެކުލަވައިލި ރިޕޯޓެކެވެ.

އެ ރިޕޯޓުގައި ބުނީ 2014 ވަނަ އަހަރު ރާއްޖެއަށް ހުށަހެޅި 22 ހުށަހެޅުމުގެ ތެރެއިން ފުރިހަމައަށް ތަންފީޒުކޮށްފައި ވަނީ އެންމެ ކަމެއް ކަމަށާއި ތިން ކަމެއް ވަކި މިންވަރަކަށް ތަންފީޒުކޮށްފައިވާ ކަމަށެވެ. އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެންނާނެ ކަމަށް އިލެކްޝަން ކޮމިޝަން(އީސީ) އާއި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވާކަން ފާހަގަ ކުރަމުން ރިޕޯޓްގައި ބުނެފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބަދަލުތަކެއް ގެނެވޭނެކަން ކަށަވަރުނުވާ ކަމަށެވެ.

"އިންތިހާބާ ގުޅޭ ތަފާތު ގިނަ ގާނޫނުތަކަކަށް ގެންނަ، ގިނަ އިސްލާހުތަކެއް ތައްޔާރުކޮށްފައިވާ ކަމުގެ މައުލޫމާތު އީސީ އާއި އޭޖީން އީޔޫގެ މިޝަނަށް މައުލޫމާތު ދީފައި ވިޔަސް މިހާރު ސިޔާސީ ކަންތައްތައް ހުރި ގޮތުން މާނަހުރި އިންތިހާބީ އިސްލާހުތަކެއް ކުރުމުއްދަތުގައި ގެނެވޭނެކަން ކަށަވަރެއް ނުވެ އެވެ،" އީޔޫގެ ރިޕޯޓުގައި ވެއެވެ.

2014ގައި އީޔޫގެ ހުށަހެޅުންތައް:

  • ސިޔާސީ ހަރަކާތްތަކާއި ކެމްޕޭންތައް ހިންގުމުގެ މިނިވަންކަން ހުރި ޕާޓީއަކަށް އެއް ހަމައެއްގައި ދިނުން.
  • މިނިވަން އިންތިހާބަކަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ގާނޫނުތައް ބަދަލުކުރުން.
  • ވޯޓް ގަންނަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން.
  • މީޑިއާތަކަށް ފިއްތުންތައް ކުރިމަތިކުރުން ހުއްޓާލައި، ނޫސްވެރިންކަން ކުރިއެރުވުމަށް އެހީވުން.
  • ވޯޓްލާން ނިކުންނަ މީހުންގެ ހައްގުތައް ފުރިހަމަޔަށް ހިމާޔަތްކޮށްދިނުން.
  • ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުތުތަކުގެ ތެރެއިން މުސްލިމަކަށް ވުން އުނިކުރުން.

ރާއްޖެއަށް 2014 ވަނަ އަހަރު އީޔޫއިން ހުށަހެޅި 22 ކަންތަކުގެ ތެރެއިން ފުރިހަމައަަށް ތަންފީޒުކޮށްފައިވާ ކަމަށް އެޖަމާއަތުން ދެކެނީ ސީދާގޮތުންނާއި ނުސީދާ ގޮތުން ވެސް ޖިންސީ ތަފާތުކުރުން މަނާކުރާ ގާނޫނެއް ހެދުމެވެ. ވަކިވަރަކަށް ތަންފީޒުކުރި ކަމަށް ބަލާފައި ވަނީ ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންތައްތަކާއި ޕާޓީތައް ހިންގާނެ ގޮތް ކަނޑައަޅައި އާ ގާނޫނެއް ހެދުމެވެ. ދެން އޮތީ ވާރުތަ މުދާ ބެހުމާއި އާއިލީ ކަންކަމުގައި ތަފާތުކުރުން ހުއްޓައިލުމެވެ. ދެން އޮތީ ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތައް ރަޖިސްޓްރީ ކޮށްްދިނުމުގެ ތެރެއިން ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމަށް ހުށަހެޅި ހުށަހެޅުމެވެ.

ރިޕޯޓުގައި ފާހަކޮށްފައިވާ އަނެއް ކަމަކީ 2014 ވަނަ އަހަރު ރާއްޖެއަށް ހުށަހެޅި ކަންކަމާ މެދު ރާއްޖޭގެ އިދާރާތަކާއި ޕާޓީތަކުގެ އޮފިޝަލުންގެ ހޭލުންތެރިކަން ކުޑަކަމެވެ. އެހެންވެ، އެކަންކަމާ މެދު ރަނގަޅަށް މަޝްވަރާ ނުކުރެވުނުކަމަށް ވެސް ބުނެފައި ވެއެވެ.