ހަބަރު

ރާއްޖެއަށް ގެންދާނެ ކަމަށް ބުނެ ތައިލެންޑްގެ 49 އަންހެނަކަށް އޮޅުވައިލި މައްސަލައެއް ބަލަނީ

  • މި ސްކޭމްގައި ޖެހުނު އަންހެނުންގެ އަދަދު 100އަށް
  • 30،000 ބާތު ކޮންމެ މީހެއްގެ އަތުން ވަނީ ނަގާފައި
  • މަނީ ލޯންޑްރިންގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަނީ

މަސާޖްކުރާ މީހުންގެ ވަޒީފާއަށް ރާއްޖެއަށް ގެންދާނެ ކަމަށް ބުނެ ތައިލެންޑް އަންހެނުންތަކަކަށް އޮޅުވާލައިގެން ބަޔަކު ފައިސާ ހޯދި މައްސަލައެއް އެގައުމުގައި ބަލަން ފަަށައިފިއެވެ.

ތައިލެންޑްގެ ދަ ނޭޝަން ނޫހުން ބުނީ މަސާޖްކުރުމުގެ މަސަައްކަތަށް ރާއްޖެެއަށް ގެންދާނެ ކަަމަށް ބުނެ ދެމީހަކު ވެގެން 100 އަށް ވުރެ ގިނަ އަންހެނުންނަށް އޮޅުވާލާފައިވާ ކަމަށެވެ. އަދި ބުނީ އޭގެ ތެރެއިން 49 އަންހެނަކު އެމައްސަލަ ފުލުހުންނަށް ހުށަހެޅި ކަަމަށާއި އެއިން ކޮންމެ މީހެއްގެ އަތުން 30000 ބާތު އަތުލި ކަމަށް އެމީހުން ބުނާ ކަމަށެވެ.

އަންހެނުންތަކަށް އޮޅުވާލައިގެން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭނީ ޕިސާމީ ޗަމްޕަކްވީން ނަމަކަށް ކިޔާ މީހަކާއި ޖިންޓާ ވޮންވީޗާ ނަމަކަށް ކިޔާ މީހެކެވެ. އަންހެނުންތަކުގެ އަތުން އެމީހުން ފައިސާ ހޯދީ ބޭރުގައުމުތަކުން ވަޒީފާހޯދައިދޭ އޮންލައިން ގްރޫޕެއްްގައި ދޮގު މައުލޫމާތު ޕޯސްޓްކޮށް، އެގޮތުން މީހުންނާ މުއާމަލާތްކޮށްގެން ކަމަށް މައްސަލަ ހުށަހެޅި އަންހެނުންތަކާ ހަވާލާދީ ނޫހުން ބުންޏެވެ.

ތައިލެންޑް ފުލުހުންނާ ހަވާލާދީ ނޫހުން ބުނީ ވަޒީފާ ދޭަނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި ދެމީހުން 100 އަންހެނަކަށް ކެހިދީފައިވާ ކަމަށް ބެލެވޭަ ކަަމަށާއި އެހެން ނަމެވެސް މިހައިތަނަށް މައްސަލަ ހުށަހަޅާފައި ވަނީ 49 އަންހެނަކު ކަމަށެވެ. އަދި ބުނީ މަނީ ލޯންޑްރިންގެ މައްސަލަތައް ބަލާ އޮފީހުން މިހާރު އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.