އެއާޕޯޓާއި ހުޅުމާލެ ގުޅައިދޭ ލިންކްރޯޑާ ގުޅިފައިވާ ހުޅުމާލެ ފޭސް އެކެއްގެ ބައެއް މަގުތައް ފުޅާކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހުޅުލެ ހުޅުމާލެ ލިންކު ރޯޑަކީ 370 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތްކުރަން ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގްރޫޕާއެވެ.
އެޗްޑީސީން ބުނީ، ހުޅުލެ ހުޅުމާލެ ލިންކް ރޯޑް މަޝްރޫއު ކުރިއަށްގެންދަނީ ދެ ޒޯނަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ޒޯން އެކެއްގެ ދަށުން ލިންކް ރޯޑުގެ މަސައްކަތާ ގުޅިގެން ފޭސް އެކެއްގެ މަގު ފުޅާ ކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް ވެސް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. ޒޯން ދޭއްގެ ގޮތުގައި ހިމެނެނީ ލިންކް ރޯޑުގެ މައި މަގުގައި ކުރަންޖެހޭ މަސައްކަތަކެވެ.
ދެ ޒޯންގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ޝޯ ޕްރޮޓެކްޝަންގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. މީގެ އިތުރުންވެސް ފެންސިން މަސައްކަތްތަކާއި ކާބްސްޓޯން ކާސްޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
ލިންކް ރޯޑާ ގުޅޭ ގިނަ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުންދާއިރު މާލެއާއި ހުޅުލެ ބްރިޖް ނިމެންވާއިރަށް އެ މަގު ވެސް ތަރައްގީކޮށް ނިންމާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ދިގުމިނުގައި ހަތަރު ކިލޯމީޓަރު ހުންނަ ހުޅުލެ-ހުލުމާލެ ލިންކް ރޯޑު ފަރުމާކުރަނީ ދެކޮޅަށް ދުއްވާ ހަތަރު ލޭނު ހިމެނޭ ގޮތަށެވެ.