ފިނިޕޭޖް

ގަދަފަހެއްގެ ލީޑް މިފަހަރު ނަގާނީ އަންހެނުން!؟

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގަދަ ހައެއްގެ ހުށަހެޅުންތައް ވަނީ ރޭގެ ޝޯގައި ފެނިގެން ގޮސްފަ އެވެ. ގަދަ ހައެއްގައި ވާދަކުރާ ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، މަރިޔަމް މައީޝާ އަދި އައިޝަތު އަޒަލް ޒާހިރު އެވެ.

މި ބައިވެރިންގެ ތެރެއިން ޝޯއިން ވަކިވާންޖެހޭ ބައިވެރިއެއް މިރޭ އޮންނަ އެލިމިނޭޝަންގައި އިނގިގެންދާނެ އެވެ. ގަދަ ފަހެއް ހޮވާނީ ބެލުންތެރިންގެ 50 އިންސައްތަ ވޯޓުންނާއި ޖަޖުންގެ 50 އިންސައްތަ މާކްސްއަށް ބެލުމަށްފަހު އެވެ. ވޯޓުލުމުގެ ފުރުސަތު މިއަދު ހަވީރު 4:00 ޖަަހަންދެން ވަނީ ހުޅުވާލާފަ އެވެ.

އައިޑޮލްގެ ގަދަ ފަހެއް މިރޭ ޔަގީންވާނެއިރު މިހާރު މިއޮތީ އައިޑޮލްގެ ދަތުރުގެ އެންމެ ނާޒުކު ހިސާބުގަ އެވެ. ގަދަ ހައެއްގައި ތިބި ބައިވެރިންނަކީ ވަކި ބައިވެރިއަކަށް ދޫނުކުރާއި، ޖަޖުންނާއި އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ބައިވެރިންތަކެކެވެ.

ކޮމްޕެޓިޝަން މިހާރު ވަރުގަދަވެފައިވާތީ މީގެ ތެރެއިން ގަދަ ފަސް ބައިވެރިއެއް ހޮވުމަށް ޖަޖުންނަށްވެސް އުނދަގޫވާކަން ޖަޖުންގެ ކޮމެންޓުތަކުން ފާހަގަވެ އެވެ.

ގަދަ ހައެއްގެ ވާދަވެރިކަން ދެން އެންމެ ވަރުގަދަ ވަނީ ގަދަ ހައެއްގައި ތިބީ ތިން އަންހެން ބައިވެރިންނާއި ތިން ފިރިހެން ބައިވެރިންނަށް ވުމުންނެވެ. ގަދަ ފަހަކުން ލީޑު ނަގާނީ އަންހެން ބައިވެރިންތޯ ނޫނީ ފިރިހެން ބައިވެރިންތޯ ބަލާލުމަށް ބެލުންތެރިން މިހާރު ތިބީ ކެއްމަދުވެފަ އެވެ.

ރޭގެ ޝޯގައި ބައިވެރިން ލަވަ ހުށަހަޅާދިނީ ރޮކް އެންޑް ރޯލް ނުވަތަ ރޮކް މިއުޒިކުގެ ތީމް އަށެވެ. ބައިވެރިންގެ ފަރާތުން ފޯރިގަދަ އަދި ތަފާތު ހުށަހެޅުންތަކެއް ފެނިގެންދިޔަ އެވެ. ޖަޖު އައްމަޑޭގެ ހާއްސަ ހުށަހެޅުމެއްވެސް ރޭގެ ޝޯގައި ފެނިގެންދިޔަ އެވެ.

ގަދަ ފަހަކަށް ހޮވޭ ބައިވެރިން އަންނަ ހަފްތާގައި ހުށަހަޅަންޖެހޭނީ ފޭނުން ނުވަތަ ބެލުންތެރިން ހިޔާރުކުރާ ލަވަތަކެވެ. ބެލުންތެރިން ބައިވެރިން ލައްވާ ކިޔުއްވަން ބޭނުންވާ ލަވައެއް އޮތް ނަމަ ޓުވިޓާ އަދި އެސްއެމްއެސް މެދުވެރިކޮށް އެ ލަވައެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މިރޭ މެންދަމު 12 ޖަހަންދެން މި ފުރުސަތު އޮންނާނެ އެވެ.

ގަދަ ހައެއްގައި ހިމެނޭ ހުރިހާ ބައިވެރިންނަކީވެސް ހުނަރުވެރި މޮޅު ބައިވެރިންނަށް ވުމުން މިރޭގެ ޝޯގައި ވަކިވެގެންދާނީ ވަކި ކޮން ބައިވެރިއެއްކަން ބުނަން ދަތިކަމަށް ބައެއް ބެލުންތެރިން ބުނެ އެވެ. މިރޭ ޝޯއިން ވަކިވާންޖެހޭނީ ކޮން ބައިވެރިއަކަށް ހެއްޔެވެ؟