މިއުޒިކް

އާވިޗީ މަރުވި ސީދާ ސަބަބެއް އާއިލާއިން ހާމައެއް ނުކުރޭ

ސްވިޑެންގެ މަޝްހޫރު އިލެކްޓްރޯނިކް މިއުޒިކު އާޓިސްޓް، ޑީޖޭ ޓިމް ބާގްލިންގް (އާވިޗީ) ގެ ކުއްލި މަރާއެކު މިއުޒިކީ ދުނިޔެއަށް ވަނީ ފުންހިތާމައެއް ކުރިމަތިވެފަ އެވެ. އުމުރުން 28 އަހަރުގައި އާވިޗީ މަރުވީ އޮމާންގެ މަސްކެޓްގައި ހުއްޓަ އެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާ ސީދާ މަރުވި ސަބަބެއް އާއިލާއިން އަދި އެއްވެސް އެހެން ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

އާވިޗީއަކީ މިއުޒިކު ޕްރޮޑިއުސަރެއްވެސްމެ އެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ވޭކް މީ އަޕް" އަދި "ހޭ ބްރަދަރް" ހިމެނެ އެވެ. އޭނާގެ ވަނީ ގިނަ ގައުމުތަކަކަށް ޓުވާއަށް ގޮސް ހުށަހެޅުންތައްވެސް ދައްކާލާފަ އެވެ. ނަމަވެސް 2016 ވަނަ ޓުވާ ދަތުރުތައް ހުއްޓާލާ ވާހަކަ އޭނާ އިއުލާނުކުރި އެވެ.

ޓުވާކުރުން ހުއްޓާލީ ސިއްހީ ހާލުކުރި ގޮތުންކަމަށް އާވިޗީ ބުނެފައިވެ އެވެ. މީގެ ތިން އަހަރުކުރިން އޭނާ ވަނީ އެޕެންޑިކްސް އާއި ބްލޭޑާއަށް މައްސަލަޖެހިގެން ސާޖަރީއެއްވެސް ކޮށްފަ އެވެ.

އޭގެފަހުންވެސް ގިނަ ލަވަތަކެއްގައި އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. މި ހަފްތާގައި އޭނާ ވަނީ ބިލްބޯޑް މިއުޒިކު އެވޯޑަށްވެސް ނޮމިނޭޓުވެފަ އެވެ. މީގެ ކުރިން އާވިޗީ ވަނީ އެމެރިކަން މިއުޒިކް އެވޯޑްސް ގިނަ ފަހަރުތަކެއްގެ މަތިން ގެންގޮސްފަ އެވެ. އެމްޓީވީ ޔޫރަޕް މިއުޒިކް އެވޯޑްސް އާއި ގްރޭމީ އެވޯޑުވެސް ކާމިޔާބުކޮށްފައިވެ އެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގެ އެންތެމްގެ މަސައްކަތްވެސް އާވިޗީ ކޮށްފައިވެ އެވެ.