ވިޔަފާރި

45 ރިސޯޓާއެކު ޓޫރިޒަމްގެ ހިއްސާ 34 ޕަސެންޓް މާލެ އަތޮޅުގައި!

އަތޮޅުތަކުގައި ރިސޯޓުތައް ހުޅުވަމުން ދިޔަނަމަވެސް، ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ހިއްސާއެއް އަދި ވެސް އޮތީ މާލެ އަތޮޅުގައި ކަމަށް ތަފާސް ހިސާބުތައް ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުގެ މައްޗަށް ބަލައި، ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯ އިން ނެރެފައިވާ
މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ފޮތުގައިވާ ގޮތުގައި މާލެ އަތޮޅުގައި 45 ރިސޯޓެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ. މި އަތޮޅުގައި މިދިޔަ އަހަރުގެ ނިޔަލަށް 10,094 އެނދު އެބަހުއްޓެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ ހިއްސާގެ 34 ޕަސެންޓެވެ.

މާލެ އަތޮޅު ފިޔަވައި ދެން އެންމެ ގިނަ ރިސޯޓު ރާއްޖޭގައި ހުރީ އދ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 17 ރިސޯޓެއްގައި ޖުމްލަ 4,036 އެނދު އެބަހުއްޓެވެ. މީގެ އިތުރުން ތިންވަނަ އަށް އެންމެ ގިނަ ރިސޯޓު ހުރި ޅ. އަތޮޅުގެ ނުވަ ރިސޯޓެއްގައި 2,562 އެނދު އެބަހުއްޓެވެ.

ރާއްޖޭގައި ހަތަރު ވަނަ އަށް އެންމެ ގިނަ ރިސޯޓު ހުރީ ބ. އަތޮޅާއި އއ. އަތޮޅުގަ އެވެ. މި ދެ އަތޮޅުގެ 13 ރިސޯޓުގައި ޖުމްލަ 2,562 އެނދު އެބަހުއްޓެވެ. ދެން އެންމެ ގިނަ އިން ރިސޯޓު ހުޅުވާފައިވާ ރ. ނ. އަދި ދ. އަތޮޅުގައި ހަ ރިސޯޓެއް އޮޕަރޭޓް ކުރަމުންދެ އެވެ. ރ. އަތޮޅުގައި 1,616 އެނދު އަދި ނ. އަތޮޅު 1,176 އެނދު ހުރިއިރު، ދ. އަތޮޅުގައި 1,512 އެނދު އެބަހުއްޓެވެ. އަދި ގއ. އަތޮޅުގެ ހަ ރިސޯޓެއްގައި 616 އެނދު އަދި ގދ. ގެ ތިން ރިސޯޓެއްގައި 550 އެނދުގެ އިތުރުން ހދ. ގެ ތިން ރިސޯޓުގައި 594 އެނދު ހިންގަމުންދެ އެވެ. އަދި ވ. އަތޮޅުގެ ދެ ރިސޯޓެއްގައި 434 އެނދާއި މ. އަތޮޅު ދެ ރިސޯޓެއްގައި 434 އެނދު ހިންގަމުންދެ އެވެ.

އެއް ރިސޯޓު ހުރި އަތޮޅުތައް

* ފ. އަތޮޅު ( 250 އެނދު)
* ތ. އަތޮޅު ( 152 އެނދު)
* ލ. އަތޮޅު ( 194 އެނދު)

މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނަ ރިސޯޓުތައް ހުރީ މާލެ އަތޮޅުގައި ކަމަށްވީނަމަވެސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ ރިސޯޓުތަކެއް ދަނީ މިހާރު ވެސް ހުޅުވަން ތައްޔާރުވަމުންނެވެ. މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމްގައި ހުރި އެނދުގެ އަދަދު ވަނީ 41،000 އަށްވުރެ މަތިވެފަ އެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 23 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.