މިއުޒިކް

ސިމްބޮލިކް އިން ޑޮކިއުމެންޓްރީއެއް ގެނެސްދެނީ

ރާއްޖޭގެ މަޝްހޫރު ރެކޯޑު ލޭބަލް "ސިންބޮލިކް ރެކޯޑްސް" އިން ޑޮކިއުމެންޓްރީއެއް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފި އެވެ. ސިމްބޮލިކްގެ ކޯ ފައުންޑާ އަދި ލަވަކިޔުންތެރިޔާ، އަހްމަދު ޖައިލަމް (ބޭ) މި ހަބަރު ކަށަވަރުކޮށްދިނީ ރާއްޖެޓީވީގެ ކުލަ ސްކްރީން ޕްރޮގުރާމްގައި ވާހަކަދައްކަމުންނެވެ.

"މި ޑޮކިއުމެންޓްރީގައި ގެނެސްދޭނީ ސިމްބޮލިކްއިން ކުރަމުން އަންނަ މަސައްކަތްތައް. ސްޓޫޑިއޯގެ މަސައްކަތްތަކާއި ޕްރޮޑަކްޝަންގެ އެކި މަސައްކަތްތައް ފެނިގެންދާނެ." ސިމްބޮލިކްގެ ބޯޑު ޑިރެކްޓަރުކަންވެސް ކުރާ ބޭ ބުންޏެވެ. "ސިމްބޮލިކް އިން މިހާތަނަށް ގެނެސްދީފައިހުރި ލަވަތައް ތައްޔާރުކުރުމަށް ކުރި މަސައްކަތްތައްވެސް މި ޑޮކިއުމެންޓްރީގައި ފެނިގެންދާނެ. މީގެ އިތުރުން އަހަރެމެން ކުރިމަތިލި ތަފާތު ކަންތައްތައްވެސް ގެނެސްދޭނަން."

ބޭ ބުނީ މި އަހަރު ނިމުމުގެ ކުރިން ޑޮކިއުމެންޓްރީގެ މަސައްކަތް ނިންމާ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭނެ ކަމަށެވެ. މިހާރު ކުރުމުން އަންނަނީ ޑޮކިއުމެންޓްރީގެ ވީޑިއޯތައް ނެގުމުގެ މަސައްކަތްތަކެވެ.

ސިމްބޮލިކް އިން ފިލްމެއް ނެރެން އުޅޭ ކަމުގެ ވާހަކަތައްވެސް ބޭ ވަނީ ކަށަވަރުކޮށްދީފަ އެވެ.

"ތިއީ ހަގީގަތެއް އެކުލެވޭ ވާހަކައެއް. ސިމްބޮލިކްއަކީ ހަމައެކަނި ލަވަ ތައްޔާރުކުރަން ފަރާތެއް ނޫން. އަޅުގަނޑުމެއް ފިލްމާއި ކުރު ފިލްމު ކަހަލަ މުނިފޫހިފިލުވުމުގެ އިތުރު މަސައްކަތްތައްވެސް ކުރުމަށް ރާވާފައި އެބަހުރި."

މީގެ ހަ އަހަރުކުރިން 2011 ގައި ފެށި ސިމްބޮލިކް އިން ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީވެ 2013 ވަނަ އަހަރުން ފެށިގެން އަންނަނީ ތަފާތު ގިނަ ލަވަތަކެއް ގެނެސްދެމުންނެވެ. މިއަހަރުވެސް ކުރިއަށް ގިނަ ލަވަތަކެއް އެބަހުރި ކަމަށް ބޭ ބުންޏެވެ.

"ފޭނުން މާޔޫސް ނުވާނެ ވަރުގެ ރީތި ލަވަތަކެއް މިއަހަރުގެ ކުރިއަށް އޮތް ތަނުގައި އިވިގެންދާނެ."

ސިމްބޮލިކްގެ ލަވަ "ހޯދާދޭނަމޭ މާދަމާ".

އެގޮތުން މާޓުއާއި ރައިޑޭ އަދި އިތުރު ލަވަކިޔުންތެރިންގެ އަލްބަމްތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މަޝްހޫރު ރެޕާ، ޕޭސްޓްގެ ލަވަތައްވެސް އިވިގެންދާނެ އެވެ.

ރާއްޖެއަށް މުޅިން އާ ޖޯންރާއެއް ކަމަށްވާ "ރާސައި" (ރާއްޖެ ސައިޓްރެންސް) ގެ ލަވައެއްވެސް ވަރަށް އަވަހަށް އިވިގެންދާނެ އެވެ. މި ލަވަ ތައްޔާރުކުރަނީ އަބްދުﷲ ރަޒަން (ފޭޓްސްޓެޕް) އެވެ. މިއީ މިހާރު އެކްސްޕެރިމެންޓު ކުރަމުން އަންނަ އާ ޖޯންރާއެއް ކަމަށް ބޭ ބުންޏެވެ.

މި ޖޯންރާއަކީ ބޮޑުބެރުފަދަ ދިވެހި އިންސްޓްރޫމަންޓްސް އިލެކްޓްރޯކިން މިއުޒިކާއި ފިއުޒްކޮށްގެން ތައްޔާރުކުރާ މިއުޒިކެވެ. މީގެ ކުރިން ލަވަ "ހޭދެރި" ނެރެފައި ވަނީ މި ޖޯންރާއަށެވެ.

ސިމްބޮލިކްއާއި ގުޅެން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އެ ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ކަމަށް ބޭ ބުންޏެވެ. އޭނާ ބުނީ ބައިވެރިވާން ބޭނުންވާ ކުދިން ސިމްބޮލިކްގެ ޝޯޝަލް މީޑިއާ އަދި ފޯނު ނަމްބަރު މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.