މިއުޒިކް

ޝަހުދާން އައިޑޮލް އިން ކަޓައިިފި

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ހަ ވަނަ ބުރުން މިރޭ ޝޯއިން ވަކިވާންޖެހުނީ ޝަހުދާން އަށެވެ. ޝަހުދާން އައިޑޮލް އައީ އައްޑޫ އޮޑިޝަނުންނެވެ. މި ސީޒަންގެ ތިއޭޓާ ރައުންޑުގައި އޭނާއަށް ގޯލްޑެން މައިކްވެސް ލިބުނެވެ. ޝަހުދާން ވަނީ އައިޑޮލްގެ ފުރަތަމަ ސީޒަންގައިވެސް ބައިވެރިވެފަ އެވެ.

މިރޭ ޝޯއިން ވަކިވާންޖެހުނު ބައިވެރިޔާ ކަނޑައަޅާފައި ވަނީ އާންމުންގެ ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ މާކްސްގެ 50 ޕަސެންޓުން ލިބުނު ނަތީޖާއަށް ބަލާފަ އެވެ.

މިރޭގެ ޝޯގައި ބައިވެރިން ހުށަހަޅާދިނީ ރާއްޖޭގެ މަޝްހޫރު ބައެއް ލެޖެންޑަރީ ލަވަކިޔުންތެރިންގެ ލަވަތަކެވެ. ޖާމީލާ ހައްސާން، ދޮހޮއްކޮބެ، ރަޝާދް، މަސްއޮޑި ހުސެންފުޅު، ހައްވާ ފަރީދާ، އަދި ޖޭމް ދޮންކަމަނަގެ ލަވަތައް ވަނީ ހުށަހަޅާދީފަ އެވެ. އެ ލަވަތައް ހުށަހަޅާދިނީ އެ ލަވަކިޔުންތެރިންނަށް ދިން ޓްރިބިއުޓެއްގެ ގޮތުގަ އެވެ.

ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައިވެސް ހާއްސަ ހަރަކާތްތަކެއް މިރޭގެ ޝޯގައި ފެނިގެންދިޔަ އެވެ. މިރޭގެ ޝޯގައި ގެސްޓް ޖަޖެއްގެ ގޮތުގައި ފެނިގެންދިޔައީ ސިފައިންގެ ބޭންޑުގައި މަސައްކަތްކުރާ ބޭފުޅެއް ކަމަށްވާ އަކްރަމް އެވެ.

ނިޔާވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ސިފައިންގޭގައި މަސައްކަތްކޮށްފައިވާ އަހްމަދު އާތިފްގެ ހަނދާނުގައި ހާއްސަ ޓްރިބިއުޓެއްވެސް ދީފައިވެ އެވެ.

ބައިވެރިން ލަވަތައް ހުށަހަޅާދިނީ މިހާރުގެ މަޝްހޫރު ބައެއް ދިވެހި ލަވަކިޔުންތެރިންނާއެކު އެވެ. އެ ލަވަކިޔުންތެރިންގެ ތެރޭގައި އަޝްފާ، ޑިމްބެ، ސަމާ، އިޝާ، ޔާމީން އަދި ފުބޫ އެވެ.

ޝަހުދާން ވަކިވުމުން ގަދަ ފަހެއް ބައިވެރިން މިހާރު ވަނީ ކަށަވަރުވެފަ އެވެ. ގަދަ ހަޔަކަށް ހޮވުނު ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، ނައުޝާދު އަބްދުލް ލަތީފް، މަރިޔަމް މައީޝާ އަދި އައިޝަތު އަޒަލް ޒާހިރު އެވެ.

ގަދަ ފަސް ބައިވެރިންނާއެކު ގާލާ ރައުންޑުގެ ހަތް ވަނަ ބުރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ.