ކަޝްމީރުގެ ގުދުރަތީ ރީތިކަމުގެ ސަބަބުން އެއީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ބުނާ އެތައް ބަޔަކު އެބައުޅެ އެވެ. ސުޕަސްޓާ ސަލްމާން ޚާން ވަނީ އެއް މަސް ދުވަހަށް ވުރެން ގިނަ ދުވަސް ކަޝްމީރުގައި "ބަޖްރަންގީ ބައިޖާން"ގެ ޝޫޓިން ނެގުމަށް ހޭދަކޮށްފަ އެވެ.އެގޮތުން ސަލްމާން ވަނީ ކަޝްމީރުގެ ރީތިކަމަށް ތައުރީފްކޮށް އެތައް ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ.
ކަޝްމީރުގެ ރީތިކަމުން އާޝޯހްވެފައި ހުރި ސަލްމާން އަށް އެތަނުގެ ރީތިކަމުން ހަނދާންވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް ކަމަށް އޭނާ ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ.
މިފިލްމުގެ މަންޒަރުތައް ނެގުމަށް ވޭތުވެދިޔަ ސާޅީހެއްހާ ދުވަހުން ފެށިގެން ކަޝްމީރުގައި ހުރި ސަލްމާން އެތަނުގެ ގުދުރަތީ ރީތިކަމަށް ތައުރީފު ކުރަމުން ފުލުފުލުގައި ކުރި ޓްވީޓްތަކެއްގައި ވަނީ ކަޝްމީރަށް އާދެވުމަކީ އުފަލެއް ކަމަށާއި، ކަޝްމީރަށް ނުދާ ނުކުރާ މީހަކަށް އަދި ދުނިޔޭގެ އެއްވެސް ތަނެއް ނުފެންނަ ކަމަށް ބުނެފަ އެވެ.
ކަޝްމީރުގެ ގުދުރަތީ މުއްސަނދިކަން ފެނި އާޝޯހްވެފައި ހުރި ސަލްމާން ތައުރީފު ކުރަމުން ކުރި ޓްވީޓްއެއްގައި ވަނީ "ކަޝްމީރް ގުދުރަތީ ރީތިކަމުން ވަރަށް މުއްސަނދި ކަމަށް.. މާޝަﷲ"އެވެ. ސަލްމާންގެ ޓްވީޓްތަކުން ކިތަންމެހާ ވެސް ރަނގަޅަށް އޭނާގެ ހިތް ކަޝްމީރަށް ދެވިފައިވާ ކަން އިނގެ އެވެ.
އޭގެ މިނިޓްއެއް ފަހުން ސަލްމާން ކުރި ޓްވީޓަކީ އެއްވެސް އުންމީދުވެސް ކުރާނެ އެއްޗެއް ނޫނެވެ.
“މާޝަﷲ އޭ ބުނުމުން ހަނދާންވީ ކޭޓްރީނާ ކައިފް އަކީ ވެސް ކަޝްމީރު މީހެއް ކަން" ސަލްމާން ކުރި ޓްވީޓްގައި ވެ އެވެ.
ކެޓްރީނާގެ ބައްޕަ އަކީ ކަޝްމީރު މީހެކެވެ.
ސަލްމާން އާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، މިހާރު ރުޅިވެފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ.ނަމަވެސް ސަލްމާން ހަރަކާތްތައް ހުންނަ ގޮތުން އޭނާ ކެޓްރީނާ މަތިން ހަނދާންވާކަން އަބަދުވެސް ކޮންމެވެސް ގޮތަކަށް ހާމަކުރެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބެއްވީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ކައިވެނީގެ ހަފްލާގެ ތެރެއިން ކެޓްރީނާ ފެނިގެން އޭނާއާއި ދިމާކުރުމުގެ ގޮތުން، މިސިސް ޚާން އަށް ވާން ފުރުސަތު ދިނުމުންވެސް ކެޓްރީނާ ބޭނުންވީ މިސިސް ކަޕޫރް އަށް ވާން ކަމަށް ބުނެފަ އެވެ.