ވިޔަފާރި

ހަ އަހަރު ތެރޭ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ބަދަލެއް!

  • ޖުމްލަ އެނދު 70 ޕަސެންޓް އިތުރުވި
  • ރިސޯޓް އޮކިއުޕެންސީ ހަ އަހަރުން ދަށަށް
  • ގެސްޓްހައުސް އޮކިއުޕެންސީ ދަނީ މަތިވަމުން

ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ރާއްޖޭގެ ރިސޯޓުތަކުގެ އެނދުގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެ، ޓޫރިޒަމަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުގެ މައްޗަށް ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިން ނެރެފައިވާ ތަފާސް ހިސާބު ފޮތުގައިވާ ގޮތުން ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ މުޅި ޓޫރިޒަމްގެ ޖުމްލަ އެނދުގެ އަދަދު ބޮޑުތަނުން އިތުރުވުމާއި ރިސޯޓުތަކުގެ އެނދުގެ އަދަދު އިތުރުވުމެވެ. މީގެ އިތުރުން އަނެއް ބަދަލަކީ އެނދުގެ ޖާގައިން ބޭނުންކުރެވުނު މިންވަރުގެ ޕަސެންޓޭޖް ނުވަތަ "އޮކިއުޕެންސީ ރޭޓް" ހަ އަހަރަށް ބަލާއިރު ދަށްވަމުން ދިއުމެވެ. ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2011 ވަނަ އަހަރު ރިސޯޓުތަކުގައި އޮކިއުޕެންސީ ހުރީ 87 ޕަސެންޓްގަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު 89 ޕަސެންޓްގައި ހުރިއިރު 2014 ވަނަ އަހަރު ހުރީ 82 ޕަސެންޓްގަ އެވެ. އަދި 2015 ވަނަ އަހަރު ހުރީ 76 ޕަސެންޓްގަ އެވެ. އަދި 2016 ވަނަ އަހަރު ހުރީ 74 ޕަސެންޓްގަ އެވެ އަދި މިދިޔަ އަހަރު ހުރީ 73 ޕަސެންޓުގަ އެވެ. އަދި ދެހާސް ބާރަ ވަނަ އަހަރު 105 ރިސޯޓެއް ރަޖިސްޓާ ކޮށްފައި އެވެ. އަދި 2013 ވަނަ އަހަރު 110 ތަން ރަޖިސްޓްރީކޮށްފައިވާއިރު، 2014 ވަނަ އަހަރު 111 ރިސޯޓް ރަޖިސްޓްރީ ކޮށްފައިވެ އެވެ. އަދި 2015 ވަނަ އަހަރު 115 ރިސޯޓް އަދި 2016 ވަނަ އަހަރު 126 ރިސޯޓު ރަޖިސްޓްރީކޮށްފައިވެ އެވެ. މީގެ އިތުރުން 2017 ވަނަ އަހަރު 135 ރިސޯޓެއް ރަޖިސްޓްރީ ކޮށްފައިވެ އެވެ.

ރިސޯޓް އޮކިއުޕެންސީ:

* 2012 - 87 ޕަސެންޓްގައި
* 2013 - 89 ޕަސެންޓްގައި
* 2014 - 82 ޕަސެންޓްގައި
* 2015 - 76 ޕަސެންޓްގައި
* 2016 - 74 ޕަސެންޓްގައި
* 2017 - 73 ޕަސެންޓްގައި

ދެހާސް ބާރަ ވަނަ އަހަރު ރިސޯޓުތަކުގައި ހުރީ 22,889 އެނދެވެ. ނަމަވެސް 2013 ވަނަ އަހަރު އެނދުގެ އަދަދު ވަނީ 23,487 އަށް އިތުރުވެފަ އެވެ. އަދި 2013 ވަނަ އަހަރު 23,487 އެނދު ހުރިއިރު، 2014 ވަނަ އަހަރު 24,031 އެނދު އަދި 2015 ވަނަ އަހަރު ވަނީ އެނދުގެ އަދަދު 24,877 އަށް އިތުރުވެފަ އެވެ. އަދި 2015 ވަނަ އަހަރު 26,933 އެނދު އަދި 2016 ވަނަ އަހަރު ހުރީ 26,933 އެނދެ އެވެ. އަދި 2017 ވަނަ އަހަރު ވަނީ އެނދުގެ އަދަދު 29,977 އަށް އިތުރުވެފަ އެވެ. މި އަދަދަކީ 2012 ވަނަ އަހަރާ އަޅާ ބަލާއިރު 30 ޕަސެންޓް އިތުރު ވުމެކެވެ.

ރިސޯޓް އެނދު އިތުރުވުން:

* 2012 - 22,889 އެނދު
* 2013 - 23,487 އެނދު
* 2014 - 24,031 އެނދު
* 2015 - 24,877 އެނދު
* 2016 - 26,933 އެނދު
* 2017 - 29,977 އެނދު

މި ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށްވިނަމަވެސް އަހަރުން އަހަރަށް ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ވަނީ މަތިވެފަ އެވެ.

މިވޭތުދިޔަ ހަ އަހަރު ބަލާއިރު ހުޅުވި ގެސްޓްހައުސް ތަކުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑުތަން މަތިވެފަ އެވެ. މިގޮތުން 2012 ވަނަ އަހަރު 75 ތަނެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި 2013 ވަނަ އަހަރު 136 ހުރިއިރު، 2014 ވަނަ އަހަރު 220 ތަނެއް އަދި 2015 ވަނަ އަހަރު 313 ތަނެއް ރަޖިސްޓްރީ ކުރި އެވެ. އަދި 2016 ވަނަ އަހަރު މި އަދަދު 393 އަރާފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ހުރީ 458 ގެސްޓްހައުސް އެވެ.

ގެސްޓްހައުސް އޮކިއުޕެންސީ:

* 2012 - 18 ޕަސެންޓްގައި
* 2013 - 23 ޕަސެންޓްގައި
* 2014 - 18 ޕަސެންޓްގައި
* 2015 - 24 ޕަސެންޓްގައި
* 2016 - 34 ޕަސެންޓްގައި
* 2017 - 31 ޕަސެންޓްގައި

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 41,255 އެނދު އެބަހުއްޓެވެ. މި އަދަދަކީ 2008 ވަނަ އަހަރު ރާއްޖޭގައި ހުރި 23,464 އެނދާ އަޅާ ބަލާއިރު 70 ޕަސެންޓް އިތުރުވުމެކެވެ.