ވަރި އިތުރުވުމުގެ މައްސަލައަކީ ރާއްޖޭގެ އާބާދީއަށް އިޖްތިމާއީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ވަރި ގިނަ ގައުމުތަކުގެ ލިސްޓުން މެޑަލް ދޭނަމަ ޔަގީނުންވެސް ރާއްޖެ ކަޓައިގެނެއް ނުދާނެ އެވެ. ނަމަވެސް މިއީ ފަހަރެއްގައިވެސް ދިވެހިންނަށް އޮތް ފަހުރެއް ނޫނެވެ. ވަރީގެ މައްސަލަތައް އިތުރުވަމުންދިއުމަކީ އާއިލީ ސިއްހަތަށް ވެސް އޭގެ ސަބަބުން ނުރަނގަޅު އެތަކެއް އަސަރެއް ކުރާ ކަމެކެވެ. ނަމަވެސް ރާއްޖޭގައި ވަރީގެ ނިސްބަތް އިތުރުވަނީ އާހިރު ނަތީޖާއަށް ފަރުވާލެއް ނެތި އެވެ. ފާއިތުވި ތިން ހަތަރު އަހަރަށް ބަލާއިރުވެސް ވަރީގެ ނިސްބަތަށް އަހަރެއް އަހަރަކަށް އައިސްފައި ވަނީ އިތުރުވުމެކެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިދިޔަ އަހަރު ނެރުނު ތަފާސްހިސާބު ހިމަނާފައިވާ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ރިޕޯޓެއްގައި 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ކައިވެންޏާއި ވަރީގެ އަދަދުތަކެއްއް ހިމަނާފައިވެ އެވެ. އެ ރިޕޯޓަށް ބަލާއިރު 2015 ވަނަ އަހަރާ އަޅާ ބަލާއިރު ވަރިވި މީހުންގެ އަދަދު 2016 ވަނަ އަހަރު ވަނީ ދެ ޕަސެންޓް މަތިވެފަ އެވެ.
ދެހާސްފަނަރަ ވަނަ އަހަރު ރާއްޖޭގައި ޖުމްލަ 5763 ކައިވެނި ރަޖިސްޓްރީ ކުރި އެވެ. އަދި 3358 މީހުން ވަރިވި އެވެ. އާންމުކޮށް ވަރީގެ ނިސްބަތާއެކު ކައިވެނި ކުރާ އަދަދު ވެސް އިތުރުވެ އެވެ. ނަމަވެސް 2016 ވަނަ އަހަރު ކައިވެނި ކުރި މީހުން މަދެވެ. މި އަދަދު ފަސް ޕަސެންޓް ދަށަށް ވެއްޓި 2016 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވަނީ 5488 ކައިވެންޏެވެ. އޭގެ ތެރެއިން ވެސް 3417 ކައިވެނި ރޫޅި ވަރިވެފައިވެ އެވެ.
ކައިވެންޏާ ވަރީގެ ތަފާސްހިސާބަށް ބަލާއިރު 2007 ވަނަ އަހަރުގެ ކުރިން ވަރީގެ ނިސްބަތް ހާހުން ދެހާހުން ގުނައެއް ނުލެވެ އެވެ. އެހެންކަމަށް ވާނަމަ ފާއިތުވި ދިހަ ވަރަކަށް އަހަރު މި އައި ބޮޑު ބަދަލަކީ ކޮބައި ހެއްޔެވެ؟ ކުރާ ކައިވެނިތަކުގެ ދެބައިކުޅައެއްބައި މީހުން ކޮންމެ އަހަރަކު ވަރިވާއިރު ދިވެހިން ހަމަ އިނދެފައި ވަރިކުރާ ހިތް ވަނީހެއްޔެވެ؟
ފަހަރުގައި މިއީ ދިވެހިންނަށް އައި ތަރައްގީގެ ބައެއް ކަމަށް ވެސް ވެދާނެ އެވެ.
އެހެންވީމާ ދެން ކައިވެންޏާ ވަރީގެ ސިލްސިލާގައި އެންމެ ކުރީގައި އުޅޭ ބަޔަކު ބަލައިލަމާ ހެއްޔެވެ.
މި ދެ އަހަރު އެންމެ ގިނަ ކައިވެނި ރަޖިސްޓްރީ ކޮށްފައިވަނީ ވެރިރަށް މާލެއިންނެވެ. އެއީ 4721 ކައިވެންޏެވެ. ކައިވެނި ރަޖިސްޓްރީކުރުމާއެކު އެންމެ ގިނައިން ވަރި ފައިލްކޮށްފައި ވަނީ ވެސް މާލެއިންނެވެ. އެއީ 2629 ވަރި އެވެ. ނަމަވެސް އާބާދީގެ ނިސްބަތް ބާރު ސްޕީޑެއްގައި އިތުރުވަމުން އަންނަ ހުޅުމާލޭގައި ކައިވެނި ކުރާ އަދަދާ އަޅާ ބަލާއިރު ވަރީގެ ނިސްބަތް ދަށެވެ. 2015 ވަނަ އަހަރާ އަޅާ ބަލާއިރު ހުޅުމާލޭގައި ކުރި ކައިވެނިތަކުގެ އަދަދު 16 ޕަސެންޓް އިތުރެވެ. ހުޅުމާލޭގައި 2016 ވަނަ އަހަރު 223 ކައިވެނި ކުރި އެވެ. 2015 ވަނަ އަހަރު މި އަދަދު އުޅެނީ 190ގަ އެވެ.
އަތޮޅުތެރަށް ބަލާއިރު، އައްޑޫ ސިޓީ ހދ އަދި ލ އަތޮޅުން 2016 ވަނަ އަހަރު 200 އަށް ވުރެ ގިނަ ކައިވެނި ރަޖިސްޓްރީކޮށްފައިވެ އެވެ. ނަމަވެސް އަތޮޅުތަކުން ވަރީގެ ނިސްބަތުން އެންމެ ކުރީގައި އުޅެނީ ގދ އަތޮޅެވެ. އެ އަތޮޅުގެ ރަށްރަށުން 2016 ވަނަ އަހަރު 175 ކައިވެނި ރަޖިސްޓްރީކުރި އިރު ވަރީގެ އަދަދު އުޅެނީ 133ގަ އެވެ. މިއީ ކައިވެނި ކުރި މީހުންގެ ނިސްބަތަށް ބަލާއިރު 15 ޕަސެންޓް މަތީ އަދަދެކެވެ.
ވަރިކުރާ އަދަދު އަހަރެއް އަހަރަކަށް އިތުރުވެފައިވާއިރު، ދިވެހިން ބޭރު މީހުންނާ ކައިވެނިކުރާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ. މިއީ ފައްކާ ވަމުން އަންނަ ފަތުރުވެރިކަމާއެކު ދިވެހިންގެ މެދުގައި ކުރިއަރަމުން އަންނަ ތްރެންޑަކަށްވެސް ވެދާނެ އެވެ.
އެގޮތުން 2016 ވަނަ އަހަރު ދިވެހިން ބޭރު މީހުންނާއެކު 139 ކައިވެނި ކުރި އެވެ. އޭގެ ތެރެއިން ގިނަ ކައިވެނި ކޮށްފައިވަނީ ރާއްޖޭން ބޭރުގަ އެވެ. އަދި 139 ކައިވެނީގެ ތެރެއިން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވަނީ 58 ކައިވެންޏެވެ.
ދިވެހިން ބިދޭސީންނާ އިންނަ އިނުމަށް ބަލާއިރު އަންހެނުން ބޭރު ފިރިހެނުންނާ އިންނަ އަދަދަށްވުރެ ދިވެހި ފިރިހެނުން ބޭރު އަންހެނުންނާ އިންނަ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2016 ވަނަ އަހަރު ބޭރުގެ ބައިވެރިއަކާއެކު ކުރި ކައިވެނިތަކުގެ ތެރޭން 92 ކައިވެންޏަކީ ދިވެހި ފިރިހެނުން ބޭރުގެ އަންހެނުންނާ ކުރި ކެއިވެނިތަކެކެވެ.
ރާއްޖޭގައި އިންތިހާއަށް ވަރި އިތުރުވެ ހައްލެއް ހޯދަން ބަލާއިރު ވަރިވާން މެދުވެރިވާ ސަބަބުތައްވެސް ބައިވަރެވެ. މީގެ ކުރިން ފެމިލީ ކޯޓުން ފާހަގަކޮށްފައިވާ މިފަދަ ބައެއް ސަބަބުތަކުގެ ތެރޭގައި ކުރިން އިނދެގެން އުޅުނު ފިރިހެން މީހަކާ އަނބިމީހާ ގުޅުން ބާއްވަން ފެށުމާއި މައްސަލަ ޖެހި އަނބިމީހާ ގެއިން ނުކުމެގެން ދިއުމާއި އަނބިމީހާ ހިލޭ ފިރިހެނުން ހޯދުމުގެ އިތުރުން އެއް އަންބަށް ވުރެ ގިނަ އަނބިން ގެންގުޅުމުގެ ސަބަބުން އުފެދޭ މައްސަލަތައް ހައްލުނުވުން ހިމެނެ އެވެ.
މީގެ އިތުރުން ވެސް ދެމަފިރިންގެ ދެމެދަށް ވަޒީފާގެ ކާމިޔާބީއާއި ކުރިއެރުން ވަނުމުގެ ސަބަބުން ވެސް ވަރިއާ ހަމައަށް ގޮސްފައި އެބަހުއްޓެވެ.
މީ ހުސް ސަބަބުތަކެވެ. މި ސަބަބުތައް ހައްލުކޮށް އަރައިގެންދާ ވަރީގެ ނަންބަރުތަކަށް ހުއްޓުމެއް ގެންނަން މަސައްކަތްކުރަންޖެހެ އެވެ.