އެކި ކުޅިވަރުތަކުގައި އިންޑިއާގައި މޮޅު ތަރިން އުފެދުން ގިނަޔަސް، މަޝްހޫރު ޓެނިސް ތަރި ސާނިއާ މިރްޒާ ވައްޓާލެވޭ ވަރުގެ ކުޅުންތެރިއަކު އަދިވެސް އުފަންނުވެ އެވެ.
ދެހާސް ތިން ވަނަ އަހަރުން ފެށިގެން ޓެނިސް ކުޅެމުން އަންނަ ސާނިއާއަށް އެ ކުޅިވަރުގައި ނުލިބޭ އެންމެ ކާމިޔާބީއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ޓެނިހުގެ އުހުގައި ފިޔަޖަހަމުން އަންނަ ސާނިއާ އިއްޔެ ކުރި ޓްވީޓެއްގައި ވަނީ އޭނާ ފުރަތަމަ ދަރިފުޅަށް ބަލިވެއިން ކަމުގެ އުފާވެރި ހަބަރު އޭނާގެ ސަޕޯޓަރުންނާއި ފޭނުންނާ ހިއްސާކޮށްފަ އެވެ.
އަލަމާރިއެއްގައި އެ ދެ ކުޅުންތެރިންގެ ޖާޒީ އާއެކު މިރްޒާ-މާލިކް ޖަހާފައިވާ ވަންސީއެއް އިން އިލަސްޓްރޭޝަނެއް ސޯޝަލް މީޑިއާ އަށް ދޫކުރަމުން ސާނިއާ ލިޔެފައިވަނީ #ބޭބީމިރްޒާމަލިކް މިހެންނެވެ. އެ ފޮޓޯއާއެކު އޭނާ ބަލިވެއިން ކަމުގެ ހަބަރުތައް ފެތުރެން ފެށި އެވެ. އެ ވާހަކަތައް ޔަގީން ކޮށް ދެމުން ސާނިއާގެ ބައްޕަ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ ސާނިއާ ބަނޑު ބޮޑު ކަމަށާއި އަލަތު ދަރިފުޅު އަންނަ އޮކްޓޯބަރުގެ ތެރޭގައި ވިހާނެ ކަމަށެވެ.
މި މަހުގެ ކުރީކޮޅު ގޯއާގައި އޮތް "ގޯއާ ފެސްޓް 2018" ގައި ވާހަކަ ދައްކަމުން ސާނިއާ ވަނީ އޭނާގެ ދަރިޔަކަށް ނަން ކިޔާއިރު، އެ ދެމަފިރިންގެ ފަހު ނަން ވެސް އެ ކުއްޖެއްގެ ފަހު ނަމަކަށް ކިޔާނެ ކަމަށް ބުނެފަ އެވެ. އަދި ސާނިއާ ވަނީ އޭނާ އާއި ފިރިމީހާ ބޭނުންވަނީ އަންހެން ކުއްޖެއް ކަމަށެވެ.
އުމުރުން 37 އަހަރުގެ ސާނިއާ އަލަތު ދަރިފުޅަށް ބަލިވެއިންކަން ހާމަކުރިއިރު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ހުރީ ޓެނިހާ ދުރުގަ އެވެ.
ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިޔާ ޝޮއެއިބް މަލިކްއާ ސާނިއާ ކައިވެނިކުރީ މީގެ އަށް އަހަރު ކުރިން 2010 ވަނަ އަހަރުގެ އެޕްރީލް 12 ވަނަ ދުވަހު އެވެ.