ހަބަރު

ގުޅިފައިވާ ސަރުކާރެއްގެ ކަރުދާހެއް ތައްޔާރުކޮށް ލީޑަރުންނާ ހިއްސާކޮށްފި

ރައީސް ޔާމީން އަބްދުލް ގައްޔޫމް އިންތިހާބަށް ތައްޔާރުވަމުން ދާއިރު އިދިކޮޅުން ވެސް ތިބީ ދެއަތް އުރާލައިގެން ނޫން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިރޭ މ ކުނޫޒްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫ ވިދާޅުވީ، އިދިކޮޅުން ރިޔާސީ އިންތިހާބާ ކުރިމަތި ލާނެ ކަމަށެވެ. އެއް ކެންޑިޑޭޓާއެކު އިންތިހާބަށް ކުރިމަތި ލައްވާނެ ކަމަށާއި އިދިކޮޅު މެންބަރުން ގުޅިގެން އެކަމަށް ކުޑަ ކޮމިޓީއެއް އެކުލަވައި މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.

އިންތިހާބުގެ ކަންކަން ކުރުމަށް އެކުލަވާލާފައިވަނީ 1819 ކިޔާ ކޮމިޓީއެކެވެ. އެ ކޮމިޓީގެ ބޭނުމަކީ ރިޔާސީ އިންތިހާބާއި އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކަންކަން ރާވައި މަސައްކަތް ކުރިއަށް ގެންދާނެގޮތް ތާވަލުކޮށް ހަމަޖެއްސުމެވެ.

އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅުން މިހާރު ވަނީ ގުޅިފައިވާ ސަރުކާރެއްގެ އަސާސީ ސިފަތައް ހިމެނޭ ކަރުދާހެއް ޑްރާފްޓްކޮށްފަ އެވެ. އަދި އެ ކަރުދާސް މިހާރި އިދިކޮޅު ލީޑަރުންނާ ހިއްސާކުރައްވާފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަރުދާހުގައި ހިމެނޭ ކަންކަން ރައްޔިތުންނަށް އަންގާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިންތިހާބަށް ތައްޔާރުވަމުންދިޔަ ނަމަވެސް މިނިވަން އިންތިހާބެއް ބޭއްވިދާނެ ކަމާމެދު އުންމީދު ނުކުރައްވާ ކަމަށް މިރޭ ވެސް އިބޫ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެންނަން މަސައްކަތްކުރަނީ އެ ފުރުސަތު ހޯދުމަށް ކަމަށާއި އެކަން ރިޔާސީ އިންތިހާބަށް ދިއުމުގެ ކުރިން ކާމިޔާބު ކުރާނެ ކަމަށެވެ.

އިންތިހާބަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވި ނަމަވެސް އިދިކޮޅުން ނެރޭ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން މިރޭވެސް ހާމަކޮށްފައެއް ނުވެ އެވެ.