ދައުލަތުގެ ލިޔެކިޔުންތައް ބަދަލު ކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވި ކަމަށް ބުނެ އުފުލާފައިވާ ދައުވާ ބާތިލު ކޮށް ދިނުމަށް އެ މަނިކުފާނުގެ ފަރާތުން ނުކުތާތަކެއް މިއަދު ޝަރީއަތަށް ހުށަހަޅުއްވައިފި އެވެ.
ޖެމްސްގެ ހިދުމަތް މެދުކަނޑާލައި ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީތަކެއް ބަލައިނުގަތް މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ މައްސަލާގައި މިއަދު އޮތީ އިބްތިދާއީ އަޑުއެހުމެކެވެ. މިއަދުގެ އިބްތިދާއީ އަޑުއެހުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ވެސް ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން ބޭއްވި އިބްތިދާއީ އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ތިން ހުށަހެޅުމެއް ހުށަހެޅި އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ)ގެ ފަސްވަނަ މާއްދާގެ ދަށުން ހެކި ބަސް ދޭ މީހާއަށް ހިމާޔަތް ލިބޭނެ ގޮތް ހަދައިދިނުމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން ހެކިން ހާމަކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށާއި އެ މާއްދާގެ (ށ)ގެ ދަށުން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. ދައުލަތުން ސިއްރު ކުރަން އެދެނީ ތިން ހެކިވެރިޔަކާއި އެ ހެކިވެރިންގެ ބަޔާންތަކާއި އެ ހެކިވެރިންގެ މައުލޫމާތު ހާމަވެދާނެ ހުރިހާ ލިޔެކިޔުމެކެވެ. ހެކީގެ އަސްލު ނައްތާލައި ހެކި ނައްތާލުމުގެ ބިރު އޮތަތީ ދައުވާ ލިބޭ ފަރާތަކަށް އެއިން އެއްވެސް މައުލޫމާތެއް ހާމަނުކުރުމަށް ދައުލަތުން އެދުނެވެ.
އުއްތަމަ ފަނޑިޔާރުގެ ފަރާތުން ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ 11 ހުށަހެޅުމެއް މިއަދު ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ. އެގޮތުން ފުރަތަމަ ހުށަހެޅުމެއްގެ ގޮތުގައި ފާހަގަކުރީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ 80 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ގާނޫނުލް އުގޫބާތުގެ 20، 21 އަދި 22 ވަނަ މާއްދާއާ ހިލާފަށް ކަމެވެ. އެ މާއްދާތަކަކީ ދައުވާ ކުރަން ޖެހޭނީ ގާނޫނުތަކުގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ކަމަށް ބުނާ މާއްދާތަކެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާކޮށް ކޯޓަށް ފޮނުވާފައިވަނީ ޕްރޮސިކިއުޓާ ޖެނަރަލް ސޮއި ކުރައްވާފައި ނޫން ކަމަށާއި ސޮއިކޮށްފައިވާ ބޭފުޅަކީ ޕީޖީގެ ހުއްދަ ލިބިފައިވާ ބޭފުޅެއް ކަމުގެ ލިޔުމެއް ލިބިފައި ނެތް ކަމަށް ބުނާ ހުށަހެޅުމެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މީހަކަށް ދައުވާކޮށް ސޮއި ކުރައްވަން ޖެހޭނީ ޕީޖީ ނުވަތަ ޕީޖީ ހުއްދަ ދެއްވާފައިވާ ބޭފުޅެކެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީ އެ ދައުވާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ރ)އާ ހިލާފުމެވެ. އެ މާއްދާގައި ބުނަނީ، ޖިނާއީ ވަކި ކުށަކަށް ގާނޫނެއްގައި ވަކި ހާއްސަ ނަމެއް ދީފައިވާނަމަ، ނުވަތަ އެ ކުށް ކަނޑައެޅުމުގައި ގާނޫނެއްގައި ވަކި ހާއްސަ އިބާރާތެއް ބޭނުންކޮށްފައިވާނަމަ، ދައުވާގައި އެ ކުށް ބަޔާންކުރަންވާނީ، އެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ.
ހަތަރުވަނަ ކަމަކީ ޖިނާއީ އިޖުރާއަތުގެ 82 ވަނަ މާއްދާގެ (ބ)އާ ދައުވާ ހިލާފުވުމެވެ. އެ މާއްދާގައި ބުނާ ގޮތުން ދައުވާއެއްގައި ކުށް ބަޔާންކުރުމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ އަމަލާއި، އޭނާ ކުށް ކުރި ކަމަށް ބުނާ ވަގުތާއި ތަން ބަޔާންކުރަންވާނެއެވެ. އަދި އެ ކުށަކީ، މީހަކާ ދެކޮޅަށް ހިންގުނު ކުށެއް ކަމުގައިވާނަމަ، ނުވަތަ ވަކި އެއްޗެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ، އެ މީހެއް ނުވަތަ އެ އެއްޗެއްގެ ތަފްސީލު ވެސް ބަޔާންކުރަންވާނެއެވެ.
ފަސްވަނަ ކަމެއްގެ ގޮތުގައި ހުށަހެޅީ ގާނޫނުލް އުގޫބާތުގެ 28 ވަނަ މާއްދާއާ ރިޔާއަތްކޮށް އެ މައްސަލައަކީ ކޯޓުން ބަލާނެ ތަނެއް ނެތް ކަމަށް ނިންމަންޖެހޭނެ މައްސަލައެއް ކަމަށް ބުނެ ހުށަހަޅާ ހުށަހެޅުމެވެ. އެ މައްސަލާގައި ކުށެއް ކޮށްފައިވާނަމަ އެއީ އެތައް ބަޔަކު ބައިވެރިވެގެން ހިނގާފައިވާނެ ކަމަކަށްވާއިރު މައްސަލާގައި ހަމައެކަނި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާކުރުމަކީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ބުނެ ހަވަނަ ހުށަހެޅުން ހުށަހެޅި އެވެ.
ހަތްވަނަ ކަމެއްގެ ގޮތުގައި ހުށަހެޅީ، ސިއްރު ހެކިވެރިޔާ އެކެއް ހުށަހަޅާފައިވަނީ ކޮށްފައިވާ އަމަލެއް ސާބިތުކުރުމަށް ނޫން ކަމަށްވާތީ އޭނާގެ ހެކި ބަސް ގަބޫލުނުކުރުމަށެވެ. މައްސަލާގައި ކުށެއް ހިނގާފައިވާނަމަ ސިއްރު ހެކިވެރިޔާ ދެޔަކީ އެ ކުށުގެ ބައިވެރިއެއް ކަމަށާއި އެހެންވެ އޭނާގެ ހެކި ބަސް ގަބޫލުކޮށްގެން ނުވާނެ ކަމަށް ބުނެ އަށްވަނަ ހުށަހެޅުން ހުށަހެޅި އެވެ. ނުވަވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީ ސިއްރު ހެކިވެރިޔާ ތިނަކީ އެހެން މީހަކު ބުނާ ބުނުމެއް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެއްކެއް ކަމެވެ.
ސިއްރު ތިން ހެކިންގެ ހެކި ބަސް ބަލައިގަތުމަށް ނިންމައިފިނަމަ އެމީހުން މައުލޫމާތު އުނިކޮށް ބަޔާންތަކާއި އެހެން ލިޔުންތައް ލިބޭނެ ގޮތް ހަދައިދިނުމަށް އެދި 10 ވަނަ ހުށަހެޅުން ހުށަހެޅި އެވެ. އެންމެފަހު ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅީ ތަހުގީގާ ގުޅޭ ލިޔުންތަކާއި ވީޑިއޯ އަދި އޯޑިއޯތައް އުއްތަމަ ފަނޑިޔާރަށް ލިބޭނެ ގޮތަށް މުއްދަތެއް ދައުލަތެއް ދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެވެ.
ދެ ފަރާތުން ވެސް ހުށަހެޅި ހުށަހެޅުންތަކާ ގުޅޭ ގޮތުން ތަފްސީލުކޮށް ބަހުސްކޮށް، ރައްދު ދިނުމަށް މި މަހުގެ 30 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ މިއަދު އަޑުއެހުން ނިންމަވާލައްވަމުން ވިދާޅުވި އެވެ.