ވިޔަފާރި

އެމްޓީސީސީ ހިއްސާދާރުންނަށް 20 މިލިއަން ރުފިޔާ ބަހަނީ

Apr 27, 2018
1

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީ އިން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 20.9 މިލިއަން ރުފިޔާ ބަހަން މިރޭ ނިންމައިފި އެވެ.

"ހޮޓެލް ޖެން" ގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ފައިދާގެ ގޮތުގައި ބޮޑު އަދަދެއް ބަހަން ނިންމުމާއެކު ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާ އަކަށް ފައިދާގެ ގޮތުގައި 2.6 ރުފިޔާ ބަހާނެ އެވެ. މި އަދަދު ބަހަން ނިންމުމުން އެ ކުންފުނީގެ 1980 ވަނަ އަހަރުން ފެށިގެން ގަތް ކޮންމެ ހިއްސާއަކަށް 52 ރުފިޔާގެ ފައިދާއެއް ޖެހޭނެ އެވެ.

އެމްޓީސީސީން ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާ އިން 20 މިލިއަން ރުފިޔާ ބަހަން ނިންމިއިރު، އޭގެ ކުރީ އަހަރު ބަހާފައިވަނީ 12 މިލިއަން ރުފިޔާ އެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 145.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުންފުނިން މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާ ވިޔަފާރިކޮށްފައިވެ އެވެ.

އެ ކުންފުނިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާއަށް 501 ހިއްސާދާރުން ހާޒިރުވެ، 5،666،212 ހިއްސާ ތަމްސީލް ކޮށްފައިވެ އެވެ. ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރަން ހޮވާފައިވަނީ ނަޝްރަތު މުހައްމަދުގެ އިތުރުން މަންސޫރު ޒުބައިރު އެވެ.

މިދިޔަ އަހަރު އެމްޓީސީސީ މުސްތަގުބަލަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އެއް ކަމަކީ ކޮންނަ ބޯޓް "މަހާ ޖައްރާފު" ގެނައުމެވެ. ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. އަދި މި އުޅަނދު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބޭނުންކޮށްގެން ދަނީ ފަޅުތައް ހިއްކަމުންނެވެ. އަދި އެ ކުންފުނިން މިދިޔަ އަހަރު ވަނީ ހިއްސާދާރުންނަށް އިތުރު ހިއްސާ ވެސް ވިއްކާފަ އެވެ. މިގޮތުން ހިއްސާ ވިއްކައިގެން 188 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.