މިއުޒިކް

ގަދަ ތިނަކަށް ދޫކުރާނެ ބައިވެރިއެއް ނެތް!

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއް މިހާރު ނިމުމަކަށް އަންނަނީ އެވެ. ބަކީ މިހާރު ތިބީ މި ސީޒަންގެ ގަދަ ފަސް ބައިވެރިންނެވެ. މި ބައިވެރިންގެ ތެރެއިން ދެ ބައިވެރިޔަކު މިރޭ ޝޯއިން ވަކިވެގެންދާނެ އެވެ. އެއާއެކު މި ސީޒަންގެ ފައިނަލުގައި ވާދަކުރާނެ ގަދަ ތިން ބައިވެރިން ކަށަވަރުވާނެ އެވެ.

ގަދަ ފަސް ބައިވެރިންގެ މެދުގައި މިހާރު ވާދަވެރިކަން ވަރުގަދަވުމުން މިރޭ ޝޯއިން ވަކިވާނެ ދެ ބައިވެރިއެއް ބުނަން އުނދަގޫކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ. މިހާރު ތިބި ފަސް ބައިވެރިންނަކީވެސް ކުޅަދާނަ އަދި އައިޑޮލްގެ ޓައިޓުލް ހައްގުވާ ބައިވެރިންކަމަށް އެކި މީހުން ބުނެ އެވެ.

ގަދަ ފަހެއްގައި ވާދަކުރަނީ އައިޝަތު ސައިނާ ޝަރީފް، މަރިޔަމް މައީޝާ، އައިޝަތު އަޒަލް ޒާހިރު، ތަސްލީމް އަބްދުލް ކަރީމް އަދި ނައުޝާދު އަބްދުލް ލަތީފް އެވެ.

އައިޑޮލްގެ ގަދަ ތިނެއް މިރޭ ޔަގީންވާނެއިރު ބައެއް ބެލުންތެރިން އަންނަނީ ގަދަ ތިނަކަށް ހޮވޭނެކަމަށް އެ މީހުނަށް ލަފާކުރެވޭނެ ބައިވެރިންގެ ނަންތައް ޝޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ބައެއް މީހުން މިފަހަރު މިއީ އަންހެނުންގެ ބުރެއް ކަމަށްވެސް ބުނެ އެވެ.

ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.

ރޭގެ ޝޯއަށް ބަލާއިރު ޖަޖުންގެ ކޮމެންޓުތަކުންވެސް ވާދަވެރިކަން ވަރުގަދަކަން ކަށަވަރުވެ އެވެ. ހުރިހާ ބައިވެރިންނަށްވެސް ޖަޖުންގެ ތައުރީފު ލިބުނެވެ. ކޮންމެ ބައިވެރިޔަކު ވަނީ ރޭގެ ޝޯގައި ދެ ލަވަ ހުށަހަޅާދީފަ އެވެ. ބައިވެރިން ފުރަތަމަ ހުށަހަޅާދިނީ ބެލުންތެރިންގެ އެދިގެން ކީ ލަވަތަކެވެ. ދެވަނައަށް ހުށަހަޅާދިނީ ކޮންމެ ބައިވެރިޔަކުވެސް އިންސްޕިރޭޝަނެއް ނުވަތަ މިސާލެއްގެ ގޮތުގައި ދެކޭ ލަވަތަކެވެ.

ގަދަ ފަހެއް ހޮވާނީ ބެލުންތެރިންގެ 50 އިންސައްތަ ވޯޓުންނާއި ޖަޖުންގެ 50 އިންސައްތަ މާކްސްއަށް ބެލުމަށްފަހު އެވެ. ވޯޓުލުމުގެ ފުރުސަތު މިއަދު ހަވީރު 4:00 ޖަަހަންދެން ވަނީ ހުޅުވާލާފަ އެވެ. ވާދަވެރިކަން ބޮޑުވުމާއެކު ބައިވެރިންނަށް މިހާރު އެންމެ މުހިންމީ އާންމުންގެ ވޯޓެވެ. ޖަޖުންނާއި އާންމުން ނިންމާނެ ގޮތެއް މިރޭ އިނގޭނެ އެވެ. ގަދަ ތިނަކަށް ދާން ތިބޭފުޅު ބޭނުންވާ ބައިވެރިންނަކީ ކޮބާތޯ؟