ވާހަކަ

ކުރު ވާހަކަ: އަމާނީ

Dec 23, 2014
6

ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް ވައި ބާރުވަމުން ދިޔައެވެ. ޖެހޭ ގަދަވަޔަށް ކެތްނުވެގެން ބައެއްގަސްތައް މުލުންލުހި މަގުމަށްޗަށް ވެއްޓިފައިވެއެވެ. ނަގާ ބޯމަތިވެފައިވާ ކަޅުވިލާތަކުން ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެން ހީވެއެވެ. ދޭތެރެއަކުން ވިދާލާ ވިދުވަރާއެކު އުޑު އިރައިގެންދާފަދަ އަޑަކުން އިވިގެންދާ ބާރު ގުގުރިއާއެކު ގޭގެއިން ކުޑަކުދިން ރޮއިގަންނަ އަޑު އިވެއެވެ. މި ތޫފާނީ ރޭގައިވެސް އާސަހަރާތެރޭ މީހުންގަނޑު ކޮޅުކޮޅުމައްޗަށް ހިނގާބިނގާވެ އުޅޭތަން ފެނެއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންވަނީ އަގުބޮޑު އެއްޗެއް ބީވެދިޔުމުން މޫނު މަތީގައި އެހުންނަ ކަހަލަ މާޔޫސް ކަމެވެ. އަލިމަނިކާއި އައިސާދީގެ ޙާލަތު މާދެރައެވެ. ލިބިފައިވާ ބޮޑު ހިތާމައިގެ ބުރަހެލިކަމުން ދެފައިން ވަރުދޫވެ ހިނަވާގޭ ކުރިމަތީ އިން ގޮޑިބަރިން ގޮނޑިއެއްގައި އަލިމަނިކު ކައިރީގައި އިށީނދެގެން އިންއިރު، އައިސާދީގެ ލޮލުގެ ހިމަކޮޅުން ފޭދިގެން އަންނަ ކަރުނަ ތިކިތައް، ބޯއަޅަލައިގެން އިން އަލިމަނިކުގެ ކޮނޑު ތެންމަމުން ދިއައެވެ. އެމީހުންގެ ހަތަރު ދަރިންވެސް ކައިރީގައި ގޮތް ހުސްވެފައި ތިއްބެވެ. މޫނުބަލަންއައިސް ތިބި އާއިލީ ތިމާގެ މީހުންނާއި ހެޔޮއެދޭ ރައްޓެހިން މޫނުބަލާ ނިމުމުން އަލިމަނިކުގެ އެހީއާއެކު އައިސާދީ އެންމެ ވަދާއީ ދެކިލުން ދެކިލުމަށްޓަކައި މައްޔިތާ ބާއްވާފައިއޮތް މޭޒާ ގާތްވެލިއެވެ. އޭނާގެ ހަނދާނަށްއައީ މީގެ 25 އަހަރުކުރިން ގަދަވޭންވަރަކާއެކު އޭނާގެ ހަޔާތައް އިތުރުވެގެން ދިޔަ ތުއްތު މެހެމާނާގެ މަތިންނެވެ. އެތުއްތު ފުރާނަ ދުނިޔެއަށް ނޭވާލުމާއެކު އެވޭންވަރު ފިލައި ހިތައް ލިބުނު އުފާވެރިކަމެވެ. މަޑު މަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ތެދުވެ ކުރިއަށް ހިނގައިގަތް ގޮތެވެ. ހިނގައިގަތުމާއެކު ވެއްޓި އަތުނުޖެހޭހާ ދުރަށް މިހާ އަވަހަށް ގޮސްދާނެ ކަމަށް އައިސާދީ ހިއެއްނުކުރެއެވެ.

އޭނާގެ ހިތުގައި ވަނީ ޝަކުވާގެ ފުނިވަރެކެވެ. އަމިއްލަ ނަފުސާމެދުގައެވެ. ހެދުނު ގޯސްތަކާއި ބުނެވުނު ނުބައި ބަސްތަކުގެ ސަބަބުންނެވެ. އަމާނީގެ ކުރު ދިރިއުޅުމުގައި ދޭންވާ ވަރަށް އަޅާލުމާއި ސަމާލުކަން އޭނާއަށް ނުދެވުނީތީއެވެ.

އަމާނީއަށް ދޭންވާވަރަށް ސަމާލުކަން ދެވުނުނަމަ، މިއަދު ހަވީރު އޮފީހުންއައިސް ގެއަށްވަދެ ވީ ކުޑައިރުކޮޅުގެ ތެރޭގައި ހަމަ ކުއްލިއަކަށް އޭނާ އެނދުމަތީގައި މަރުވެފައި އޮތީ ކީއްވެކަން އޭނާއަށް އެނގުނީހެވެ. އޮފީހުން އައުމާއި މިއަދުގެ އިރާކޮޅުގެ ވަގުތާ ދެމެދު ހިނގީކޮންކަމެއްކަން އެނގުނީހެވެ.

އިރާކޮޅުގެ ވަގުތުގައި އަތީގު އަމާނީގެ ކޮޓަރިއަށް ނުވަން ނަމަ، އަމާނީ އޮތީ މަރުވެފައިކަން އަދިވެސް އޭނާއަކަށް ނޭނގުނީހެވެ. އަމާނީއާ ދޭތެރޭ ނުވިސްނާ ތާނގައި، އޭނާ އުޅެނީ ބަލިވެތޯ އައިސާދީ ދުވަހަކުވެސް ނުބަލައެވެ. އައިސާދިއަށް އަމާނީ އާ ދޭތެރޭ ފުންކޮށް ވިސްނާލެވުނީ އަތުނުޖެހޭހާ ދުރަށް އަމާނީ ގޮސް ގެއްލުމުންނެވެ.

އިންސާނުންނަކީވެސް އަޖައިބެއް ކަހަލަ ބައެކެވެ. އަނެކާއަށް އިހާނަތްތެރިވާއިރު އިހާނަތްތެރިވާނީ އެމީހުން ދުވަހަކުވެސް މަރުނުވާނެ ކަހަލަ ގޮތަކަށެވެ. އެމީހުންގެ މަރުއައިސް ޖެހުމުން ކުރެވުނުކަންތަކާއި ހެދުނު ގޯސްތަކުގެ މައްޗަށް ހިތާމަ ކުރެއެވެ. މާފުގެ ނަންވެސް ހިތަށް އަންނަނީ ވާނެ ހުރިހާ ކަމެއް ވެ ނިމުނީމައެވެ. ހިތުގައި އުފެދި އުތުރެމުންދިޔަ ޖަޒުބާތުތަކާއެކުވެ ޝަކުވާގެ ކަރުނަތައް އޮހޮރަމުން ހިމޭން ނިންޖަކުން ނިދާލާފައި އޮތް ޢުމުރުން ފަންސަވީހަކަށް އަހަރުގެ އަމާނީއަށް ފަރުވާތެރިކަމާއެކު އައިސާދީއަށް ބަލާލެވުނެވެ. އެމޫނުގައިވަނީ އަބަދުވެސް އެހުންނަ ހިތްވަރާއި އަޒުމުގެ ކުލަވަރެވެ. ތަފާތަކީ އުފުލި ތަކުލީފުތަކާއި ޖެއްސި އުނދަގޫތަކުން މިންޖުވެ އަބަދުގެ އަބަދަށްޓަކައި އަރާމުގެ ނިންޖަކުން ނިދާލާފައިވާކަމެވެ.

ކަށްވަޅުގެ އަނދިރިކަމުގެ ތެރެއަށް އަމާނީގެ ހަށިގަނޑު ދޫކޮށްލުމަށްފަހު، އައިސާދީ ގެއަށް އައިސް ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލިއެވެ. ވާޖިބުގެ ބުރުތައް އަޅަމުން ފަންގިފިލާގައި އެނބުރެމުން ދިޔަ ފަންކާ އަށް ބަލަހައްޓައިގެން އިރޮކޮޅަކު އޮތުމަށްފަހު ތެދުވެ އަލަމާރިހުޅުވާލިއެވެ. ފުޅާ އަލަމާރީގެ ތެރޭގައި ކޮޅުން ކޮޅަށް އަތުރާފައިވާ އަމާނީގެ ހެދުންތަކުގައި އަތުން ފިރުމާލިއެވެ. މުޅިންވެސް އަމާނީ އަމިއްލަ އަށް އޮހޮރުވިދަލާއެކު ބުރަ މަސައްކަތުން ހޯދަފައިވާ ތަކެއްޗެވެ.

ދަރިންނާމެދު ކުރި އުންމީދުތައް ފެނަށް ވާތަން ފެނުމުން އެކަމުގެ ހުރިހާ ރުޅިއެއް ބޭލުނީ އަމާނީއަށެވެ. އަންހެންދަރިންނަކީ ބޭނުންކުޑަ ބައެއްގެ ގޮތުގައި ދެކި، ހަގަށްތިބި ދެފިރިހެން ދަރިންކަމަށްވާ އަތީގު އާއި އަމީޒުއަށް ދޭން ނުވާ ދަރަޖައަށް ލޯބި ދިނުމުގެ ނަތީޖާއަކީ މައިންބަފައިންގެ ބަސް އެމީހުން ކުރިމަތީ ނުވިކުމެވެ. ރައްޓެހިންގެ ހިޔާވަހިކަމުގެ ތެރެއަށްވަދެ މުޅިން އަމިއްލަ ދުނިޔެ އަކަށް ވަދެ ޤާފިލްވި ކަމެވެ. ބާކީވީ އަމާނީއެވެ. މަންމައާ ބައްޕަ އަށް ހުރި އުނދަގުލެއްކަމުގެ އިހުސާސް ރެއާ ދުވާލު ކުރުމަކީ އަމާނީގެ ދިރިއުޅުމުގެ މަޖުބޫރު މާއްދާއެއް ކަމުގައި ވިއެވެ. ހަގީގީ މާނައިގައި "މޮޅު" އިހުސާސް ކުރެވޭނީ ބަލިވުމުންނޭ އެބުނާ ބަހަކީ ކިހާ ތެދުބަހެއް ހެއްޔެވެ؟ ހަނަފަސްވެ ވީރާނާވެފައިވާ ޞަހަރާއަކަށް ފެހިކަން އައިސް ދިރުންއަންނަ ފަދައިން އަމާނީގެ ދިރިއުޅުމަށް ކުޑަނަމަވެސް ދިރުމެއް ގެނުވައިދިން ހަގީގަތަކީ އެއްރެއަކު ނިދަންއަރައި ނިޔަފަތި ހަފަން އޮއްވައި ހިތަށް އައި ކުޑަ ކުޑަ ހިޔާލެކެވެ. މަންމަމެން ފަޚުރުވެރިވާފަދަ އަންހެންދަރިއަކަށް ވުމުގެ ޚިޔާލެވެ. އެމަގު ހޯދުމަށް ކޮށަންޖެހޭ ހުރިހާ ކޮށުމެއް އޭނާ ކޮއްޓެވެ.

އޯލެވެލް ނިންމާލުމަށްފަހު އާދައިގެ ވަޒީފާއަކަށް ގޮސްގެން އަމިއްލައަށް ކިޔަވަންފެށިއެވެ. ކޯސް ނިންމައި އެ ފަޚުރުވެރިނަތީޖާ ލިބުނު އިރު މައިންބަފައިން ކައިރީގައި ނެތީތީ އަމާނީ އެކަމާ ހިތާމައެއް ނުކުރެއެވެ. މިންވަރު ކުރައްވާފައިވާ ގޮތަށް ނޫނީ އެއްކަމެއްވެސް ނުވާނެކަން އޭނާ ގަބޫލުކުރާތީއެވެ. އައުމާ ދިއުމުގެ މަޤުޞަދަކީ އިމްތިހާނު ކުރުމެއްކަން އެނގޭތީއެވެ.

އަމާނީ ވީ ވަޒީފާގެ މައިދާނުގައި ސާބިތުކަމާއެކު ފައިތިލަ ވިއްދި ޒުވާނަކަށެވެ. ތެދެކެވެ. މާތްﷲ އެމީހަކަށް އެއްޗެއް ލިބުމަށް މިންވަރުކުރައްވައިފިނަމަ، އެމިންވަރުގައި ހައްދެއް ހުދޫދެއް ނޯވެއެވެ. ފުދިފަ އިތުރުވާ ވަރަށް ވެސް ދެއްވައެވެ. ވަޒީފާމަތިވެ އަތްމަތި ތަނަވަސް މީހަކަށް އަމާނީ ވާން ނެގީ މަދު ދުވަސްކޮޅެކެވެ. މުޅި ޢާއިލާގެ ޚަރަދު ބަލަހައްޓާ މީހަކަށް އޭނާ ބަދަލުވިއެވެ. ލާނެ އަންނައުނާއި ކޮންމެހެން ބޭނުންވާނެ އެއްޗެއް ގަންނަން ބޭނުންވާނެ ފައިސާކޮޅެއް އަތުގައި ބެހެއްޓުމަށްފަހު ބާކީ ހުރިހާ ފައިސާ ރައްކާކޮށްދިނީ މައިންބަފައިންނަށްޓަކައެވެ. މަސައްކަތްކޮށްކޮށް ކިތައްމެ ވަރުބަލި ވިޔަސް، ކުރި މަސައްކަތުން ލިބުނު ފައިސާއިން އޭނާއަށް ނުގަނެވުނީ ކޯއްޗެއް ހެއްޔެވެ؟ މައިންބަފައިންގެ ލޯތްބެވެ. އަރާމާ ތަނަވަސްކަމެވެ. މައިންބަފައިންގެ ހިތުން ކުޑަ ނަމަވެސް ޢިއްޒަތަކާއި ޤަދަރެކެވެ.

ދުވަހުގެ ތާވަލާ އެއްގޮތަށް ކުރަންހުރި ކަންކަން ކުރަމުން އަތީގުމެންގެ ކޮޓަރި ސާފުކުރުމަށްޓަކައި އައިސާދީ އެކޮޓަރިއަށް ވަނެވެ. މުޅި ކޮޓަރީގައިވަނީ ގޮނޑުކަމާއި މުޑުދާރުކަމެވެ. ދެބުރިއެނދުގެ ދެބައިގަ އަޅާފައިވާ ރަޖާގަނޑު ކެހިގެން އައިސް އެނދުން ތިރިއަށް އެލިފައިވެއެވެ. ބާލީސްތައްހުރީ ތަރުތީބެއްނެތި އުކާލެވިފައެވެ. އެނދުގެ އެއްކައިރީގައި ބަހައްޓާލާފައިވާ ކުޑަ މޭޒުމަތީގައި ހުލިވެފައިވާ ވިއްސަކަށް ސިނގިރޭޓް އަޅާފައިވާ އަޅިކެނޑިއެއް ބަހައްޓާލާފައިވެއެވެ. އައިސާދީ ކޮންމެ ދުވަހަކު މިކޮޓަރި ތަރުތީބުކުރިޔަސް މިނޫންގޮތަކަށް ނޫނީ މިތަނެއްނޯވެއެވެ. އެނދުތަންމަތި އެޅުމަށް ތިރީ ގޮދަޑި ތަންކޮޅެއް ބޮޑަށް ހިއްލާލުމާއެކު އަތުގައި ޖެހުނު އެއްޗަކުން ގޮދަޑި ހިއްލާލައި އެއެއްޗަކީ ކޯޗެއްކަން އެނގުމުން އައިސާދީ ހައިރާންވިއެވެ. އެއީ މިހަތަނަށް އެއްފަހަރާ އެންމެ ގިނައިން އައިސާދީ ދެކުނު ފައިސާއެވެ. ފައިސާތައްނަގައި ނޫޓަކަށްފަހު ނޫޓެއް ބަލަމުންދަނިކޮށް އައިސާދީގެ ލޮލުގައި އަޅައިގަތް އެއްޗަކުން އޭނާއަށް ހުއްޓުން އެރިއެވެ.

*** *** ***

"މަންމާ މިއީ އަހަންނަށް އެންމެ ފުރަތަމަ ލިބުނު މުސާރަ." އައިސާދީގެ އަތަށް ފައްސަތޭކައިގެ ވިހި ނޫޓު ދެމުން އަމާނީ ބުނެލިއެވެ. އަދި އެތަނުން އެއް ނޫޓުގައި "އަމާނީ" ގެ ނަން ލިޔެލިއެވެ.

"މިލާރި އިހަށް ދަރިފުޅު އަތުގަ ބަހައްޓާލާ. ބޭނުންވީމަ މަންމަ ނަގާނަން." އައިސާދީ އަމާނީގެ އަތަށް ފައިސާތައް ލައިދެމުން ބުނެލިއެވެ.

* * * * * *

ދުރު ހަނދާނެއް ވެގެން ، އަތުގައިއޮތް ފައްސަތޭކައިގެ ނޫޓުގައި ލިޔެފައިވާ "އަމާނީ" ގެ ނަމުގައި އިނގިލިން ފިރުމާލަމުން ނިކަންބާރަށް އައިސާދީ އަމާނީގެ ކޮޓަރިއަށްދިޔައެވެ. އަމާނީ ނިޔާވުމަށްފަހު އެއޮތްތާނގައި އޮތް ފޯނުނަގައި، ފޯނުގައި، އެފައިސާދެމުން އަމާނީ ޤައިދުކުރި ފޮޓޯތަކަށާއި ވީޑިއޯއަށް އައިސާދީބެލިއެވެ.

އެދުވަހުގެ މެންދުރުގެ ވަގުތެވެ. ދިގުވެފައިވާ ބުޅި އިސްތަށިގަނޑުގައި އަތްކާތަމުން އަތީގުއައިސް ގެއަށްވަނެވެ.ގޭގެ މައިދޮރުން އެތެރެއަށް އެޅި ފިޔަވަޅާއެކު އޭނާގެ ފިޔަވަޅަށް ހުއްޓުންއެރީ މަންމައާއެކު ޔުނީފޯމުގައިތިބި ދެ ފުލުހުންފެނިފައެވެ. ވާންއުޅެނީ ކީއްކަން ރޭކާލުމުން އަތީގު ބޭރަށް ނުކުމެ ދުއްވައިގަންނަން ކުރި މަސައްކަތް ނާކާމިޔަބުވީ، ފަހަތުންއައި ފުލުސްމީހަގެ ހުށިޔާރުކަމުންނެވެ.

" މަށެއްނޫން އަމާނީ މަރާލީ. އަމީޒު.. އަމީޒު ހުރިހާ ކަމެއްކުރީ. އޭނަ އުޅެނީ ރައްޓެއްސެއްގެ ސައިކަލު ހަލާކުކޮށްލައިގެން އޭގެ އަގުދައްކަން. އަމާނީގެ ލާރިތައް ވަގަށްނަގަމުންގޮސް އެކަން އަމާނީއަށް އެނގުނީމަ މޫނުމަތީ ބާލީސް އަޅާފަ މަރާލީ. އޭނާ ބޭނުންވީ އަމާނީ ރައްކާކޮށްފަހުރި މަންމަގެ ހުރިހާ ލާރި އެއްކޮށް ނަގަން" އަތީގަށް އެހެންބުނެވުމާއެކު އަމީޒުއައިސް ގެއަށްވަނެވެ. ފުލުހުންގެ އަތްދަށުވުމުން ގޮތްދައްކަން ނޫޅޭ ކުރެވުނުކަންތަކާ އޭނާހަވާލުވިއެވެ.

"އަތީގުވެސް ބައިވެރިވި އަމާނީ މަރާލަން. އޭނާވެސް އަމާނީގެ ލާރި ވަގަށްނަގާ" އަމިއްލަ ދިފާއުގައި މާބޮޑުއެއްޗެއް ބުނުމެއްނެތި އަމީޒު ބުނެލީހަމައެކަނި އެހެންނެވެ.

ފުލުހުން އަތީގުއާ އަމީޒު ނެރެގެން ގެންދިއުމުން އައިސާދިއަށް ސޯފާގައި އިށީނދެވުނެވެ. ކުށްވެރިޔަކީ ޚުދުއޭނާއެވެ. ދިރިއުޅުމުގެ މަތިވަރު ހުސްވެ ބޭކާރުވީ ޢޭނާއަށް ދަރިންނަށް ދެވުނު ނުބައި ތަރުބިއްޔަތުގެ ސަބަބުންނެވެ. ދަރިންގެ މެދުގައި އެކަކު އަނެކެއްގެ މައްޗަށް އުފެދިގެން އަންނަ ލޯތްބާއި އުޚުއްވަތްތެރިކަން ދެމިއޮތުން ބިނާވަނީ މައިންބަފައިން ދަރިންނަށް އެ އުޚުއްވަތްތެރިކަމުގެ ގުޅުން ބާއްވަންޖެހޭ ގޮތް އަންގައި ދިނުމުންނެވެ. އައިސާދީއާއި އަލިމަނިކުގެ ހިތުގައި އަމާނީއަށް އުފެދުނު ތަފާތުކުރުން، ލޯބިން ހަލާކު ކުރެވުނު އެ ދެ ފިރިހެން ދަރިންގެ ހިތުގައިވެސް އުފެދުނީއެވެ. މައިންބަފައިންނަށް ދަރިން ކިޔަމަންވާންޖެހޭ އުސޫލުން މައިންބަފައިން ވެސް ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރަންޖެހެއެވެ. (ނިމުނީ)