ފިނިޕޭޖް

ސަޕޯޓަރުން ތިބޭތި، ޝަހުދާން އަންނާނަން!

އައިޑޮލްގެ ސީޒަން އެކެއްގައި ވެސް ފެނުނު ބައިވެރިއެކެވެ. އެ ސީޒަންގެ އޮޑިޝަންގައި ޖަޖުންގެ މަގުބޫލުކަން ހޯދާ ގޯލްޑެން ޓިކެޓާއެކު ދެ ވަނަ ބުރަށްވެސް ދިޔަ އެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ވަކި ހިސާބަކުން ޝޯއިން ވަކިވި އެވެ. ދެ ވަނަ ސީޒަންގައި ނުފެނުނު ނަމަވެސް މިހާރު ކުރިއަށްދާ އައިޑޮލްގެ ތިން ވަނަ ސީޒަންގައި ބައިވެރިވެ، ޖަޖުންނާއި އާންމުންގެ ލޯބި ހޯދާއި އޭނާގެ ނަން ވަނީ ޖައްވުގައި ގުގުމާލި އެވެ.

އައްޑޫ ހިތަދޫއަށް އުފަން ހަސަން ޝަހުދާން، 19، އަކީ މި ސީޒަންގެ ގަދަ ހަވަނަ ބައިވެރިޔާ އެވެ. ޝަހުދާންއަކީ "އަވަސް" އިން ގެނެސްދެން މި ފަށާ "ޖާނީ" ގެ ފުރަތަމަ މެހުމާނެވެ. "ޖާނީ" އަކީ މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގައި ބައިވެރިވި ކުދިން އެމީހުން އައިޑޮލްގެ ދަތުރު ދިޔަގޮތާއި މުސްތަގުބަލަށް ކުރާ އުއްމީދުތަކުގެ ވާހަކަތައް ހިއްސާކުރުމަށް ގެނެސްދޭ ހާއްސަ ޕްރޮގުރާމެކެވެ.

ގަދަ ހަޔަކުން ޝޯއިން ވަކިވާންޖެހުނު ނަމަވެސް ޝަހުދާންގެ އަޒުމަށް ގުޑުމެއް އައިސްފައެއް ނުވެ އެވެ.

"މޯލްޑިވިއަން އައިޑޮލްގެ މި ޖާނީ ޝަހުދް ސިފަކުރާނީ އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ވަރަށް ގިނަ ކުދިންގެ ތެރެއިން މިހާ ހިސާބަށް އާދެވުން އެއީ ޝަހުދްއަށް ލިބުނު ވަރަށް ބޮޑު އެކްސްޕީރިއެންސްއެއް އަދި ކުރިއެރުމެއް ކަމަށް. ވަރަށް އުފާވޭ މިހާ ހިސާބަށްވެސް އާދެވުނީމަ."

"ޓޮޕް ސިކްސްއާއި ހިސާބުން ވަކިވުން އަސްލުއެއީ އެންމެނަށްވެސް އިނގޭނެ މިފަހަރުގެ ސީޒަންގައި ކުރީގައި ސީޒަންތަކާއި އަޅާ ބަލާފައި ކޮންޕެޓިޝަން ވަރަށް ހައިކަން. ކޮންމެ ހަފްތާއަކުވެސް ކުއްޖަކު ކަޓާނެ. އެހެންވީމަ ޝަހުދްއަށް ވެސް ކަންދިމާކުރި ގޮތުން ހަމަ ވަކިވާންޖެހުނީ."

"ސަޕޯޓަރުން ކައިރިން އެދެނީ ހަމަ ތި ގޮތުގައި ތިބޭށޭ، ޝަހުދް އިރާދަކުރެއްވިޔާ މި ދާއިރާއިން ޝަހުދަށް ކުރެވުނު އަދި ދެވުނު އެންމެ ދުރަކަށް ދާނަމޭ. ތިބޭފުޅުން ކުރި އެސްއެމްއެސް ބޭކާރެއް ނުވާނެ."
ޝަހުދާން

އައިޑޮލްއިން ވަކިވާންޖެހުމަށްވުރެ އެ ދުވަހު އެހެންކަމަކާއި މާ ދެރަވިކަމަށް ޝަހުދާން ބުންޏެވެ.

"އެ ދުވަހު ގެއަށް ދިޔާމަ އެނގުނީ، ރަށުން ކުދިންތަކެއް ގެއްލިގެން އުޅޭކަން. އެ ދެ ކުދިންނަކީވެސް ޝަހުދުގެ އާއިލާގެ ވަރަށް ގާތް ތިމާގެ ދެ ކުދިން. އައިޑޮލްއިން ވަކިވުމުން ލިބުނު ހިތާމައަށްވުރެ މިކަންވީ މާ ބޮޑު ހިތާމައަކަށް."

އެންމެ ހިތްހަމަޖެހޭ ގޮތަށް ދެވުނު ހުށަހެޅުމެއްކަމަށް ޝަހުދާން ގަބޫލުކުރަނީ މޭނާ ހައްސާންގެ ލަވަ "ހުޅެވި ހަނދު" އެވެ. ނަމަވެސް ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު ލަވައަކަށް ވުން ގާތީ ތިއޭޓާ ރައުންޑުގައި އޭނާ ކީ ލަވަ "ލުޖެއިން" ކަމަށް އޭނާ ބުންޏެވެ. ޝަހުދާންއަށް ވަނީ ތިއޭޓާ ރައުންޑުގައި އެ ލަވައިން ގޯލްޑެން މައިކްވެސް ލިބިފަ އެވެ.

"މިހާރު ތިބި ފަސް ބައިވެރިންނަކީ ވަރަށް މޮޅު ފަސް ބައިވެރިން. އެއްވެސް ކުއްޖަކަށް ދޫކުރާނެ ކުއްޖެއް ނެތް، ކޮމްޕެޓިޝަން ވަރަށް ހައި. އެކަމަކު ޝަހުދްއަށް ހަމަ ހުރިހާ ކުދިންގެ ތެރެއިންވެސް ވަރަށް މޮޅު ކުއްޖެއްގެ ގޮތުގައި އަޒަލް ފާހަގަކޮށްލެވޭ. އެކަމަކު އައިޑޮލްގެ ޓައިޓުލް ކޮންމެ ބައިވެރިޔަކުވެސް ގެންގޮސްފާނެ."

"ކުރިއަށް އޮތް ތަނުގައި ޝަހުދް ބޭނުންވަނީ ޝަހުދްގެ އަމިއްލަ ރާގުތައް އިރާދަކުރެއްވިޔާ ބެލުންތެރިންނާއި ހަމަ ގެެނެސްދިނުން. އަމިއްލަ އަލްބަމެއް ނެރުން. ކުރިއަށް އޮތްނަނުގައި ހަމަ ޝަހުދު ވަންތަ ލަވަތަކެއް ވަރަށް އަވަހަށް ފެނިގެންދާނެ."

ރާއްޖޭގެ ލަވަ ކިޔުމުގެ ދާއިރާއަށް ކުރިއަށް ގެންދިޔުމަށް ކުޑަ ތަންކޮޅެއް ހިއްލާލެވެން އޮތް ނަމަވެސް އެކަން ކޮށްދޭނެ ކަމަށް ޝަހުދާން ބުންޏެވެ.

މިހާ ހިސާބަށް އާދެވުމުން ޝަހުދާން އެންމެ ބޮޑު ޝުކުރެއް އަދާކުރީ އޭނާގެ މަންމައާއި އާއިލާ އަށެވެ. އެހާ ފުއްދުންތެރި އާއިލާއެއް ނޫން ނަމަވެސް މިހާ ހިސާބަށް ގެނެސްދިނުމަށް އާއިލާގެ ހުރިހާ މެމްބަރުން ވަރަށް ގިނަ މަސައްކަތް ކޮށްދިން ކަމަށް ބުންޏެވެ. އާއިލާގެ މީހުންގެ އިތުރުން ރަށުގެ އެންމެންގެ ފަރާތުން ލިބުނު ތަރުހީބު އޭނާ ފާހަގަކުރި އެވެ.

"ޝުކުރު އަދާކޮށްލަން ބޭނުންވޭ ޝަހުދްއަށް ސަޕޯޓުކުރާ އެންމެނަށް. އަދި ޝަހުދުގެ މެނޭޖަރު، ރިޗީ އާއި ޒޯލޯއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެ ކޮށްދެއްވި މަސައްކަތައް."

"ސަޕޯޓަރުން ކައިރިން އެދެނީ ހަމަ ތި ގޮތުގައި ތިބޭށޭ، ޝަހުދް އިރާދަކުރެއްވިޔާ މި ދާއިރާއިން ޝަހުދަށް ކުރެވުނު އަދި ދެވުނު އެންމެ ދުރަކަށް ދާނަމޭ. ތިބޭފުޅުން ކުރި އެސްއެމްއެސް ބޭކާރެއް ނުވާނެ."