ފިނިޕޭޖް

ނޯ އެލިމިނޭޝަން، ފަސް ބައިވެރިން ވެސް ފައިނަލަށް

Apr 29, 2018
1

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ފައިނަލިސްޓުން ޔަގީންވެއްޖެ އެވެ. މި ފަހަރުގެ ސީޒަންގެ ފައިނަލިސްޓުންގެ ގޮތުގައި ހޮވީ ގަދަ ފަސް ބައިވެރިންނެވެ.

މީގެކުރިން ފައިނަލިސްޓުންނަށް ހޮވަނީ ގަދަ ތިނެކެވެ. ނަމަވެސް މިރޭ އިއުލާން ކުރީ ގަދަ ފަސް ބައިވެރިން ވެސް ފައިނަލްގައި ވާދަކުރާނެ ކަމަށެވެ. ފައިނަލްގައި ވާދަކުރަނީ އައިޝަތު ސައިނާ ޝަރީފް، މަރިޔަމް މައީޝާ، އައިޝަތު އަޒަލް ޒާހިރު، ތަސްލީމް އަބްދުލް ކަރީމް އަދި ނައުޝާދު އަބްދުލް ލަތީފް އެވެ.

ދެން އޮންނަ ޝޯއެއްގައި ފަސް ބައިވެރިން ވާދަކުރާއިރު މި ހަފުތާ ބައިވެރިންނަށް ލިބުނު ޖަޖުންގެ މާކުހާއި ބެލުންތެރިންގެ ވޯޓު ވެސް ހިމަނާނެ އެވެ. މި ނިންމުން ނިންމީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށް ބުނެ އެވެ. އެއީ ރޭ ފަސް ބައިވެރިން ވެސް ހުށަހެޅި ހުށަހެޅުންތައް ވަރުގަދަވެފައި ވާދަވެރިވުމެވެ.

ރޭ ގަދަ ފަސް ބައިވެރިން ހުށަހަޅައިދިން ހުށަހެޅުންތަކަކީ މިހާތަނަށް އައިޑޮލްގައި އެންމެ ވާދަވެރި ހުށަހެޅުންތަކެވެ. ހުރިހާ ބައިވެރިންނަށްވެސް ޖަޖުންގެ ތައުރީފު ލިބުނެވެ. ކޮންމެ ބައިވެރިޔަކު ވަނީ ރޭގެ ޝޯގައި ދެ ލަވަ ހުށަހަޅާދީފަ އެވެ. ބައިވެރިން ފުރަތަމަ ހުށަހަޅާދިނީ ބެލުންތެރިންގެ އެދިގެން ކީ ލަވަތަކެވެ. ދެވަނައަށް ހުށަހަޅާދިނީ ކޮންމެ ބައިވެރިޔަކުވެސް އިންސްޕިރޭޝަނެއް ނުވަތަ މިސާލެއްގެ ގޮތުގައި ދެކޭ ލަވަތަކެވެ.

މިރޭ ފަސް ބައިވެރިން ލަވަ ހުށަހަޅައިދީފައިވަނީ ސީޒަން އެކެއް އަދި ދެއެއްގެ ބައެއް ބައިވެރިންނާއެކު އެވެ. އެގޮތުން މިރޭގެ ޝޯގައި މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއްގެ ތިންވަނަ ހޯދި އިޝާން ފެނިގެން ދިޔަ އެވެ. އޭގެ އިތުރުން ސީޒަން އެކެއްގެ ފާލިހާއި ނާޒިހު ފެނިގެން ދިޔަ އެވެ. ނާޒިހުގެ އަމިއްލަ ލަވައެއް ވެސް މިރޭ ޝޯގައި ހުށަހެޅި އެވެ. ސީޒަން ދެއަކުން މިރޭގެ ޝޯގައި އެ ސީޒަންގެ ދެވަނަ ހަމޫދާއި ތިންވަނަ ޝަންވީލް ބައިވެރިވި އެވެ.

ސީޒަން ތިނެއްގެ ފައިނަލިސްޓުން ހޮވާފައިވާއިރު ފައިނަލް އެއް ހަފުތާ ފަހުން އޮންނާނެ އެވެ.