މިއުޒިކް

ނަޒީހަށް ބޮޑު ފަހުރެއް، ކާމިޔާބީއެއް

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފްރެންޗައިޒް ރިއަލިޓީ ޓީވީ ޝޯ މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަނެއް މިހާތަނަށް ގެނެސްދީފައިވާއިރު، މިއީ އައިޑޮލް އިން ވިދާލި ބައިވެރިޔަކަށް މިފަދަ ފަހުރެއް ލިބުނު ފުރަތަމަ ފަހަރެވެ. އައިޑޮލްއިން ވަކިވުމަށްފަހު ނެރުނު އަމިއްލަ ސޯލޯ ލަވަ އައިޑޮލްގެ ސްޓޭޖުމަތީގައި އަމިއްލައަށް ހުށަހަޅާލުމުގެ ފަހުރުވެރި ފުރުސަތެވެ. މީގެ ކުރިން މުއައްޒިން އާއި ޝަލަބީގެ އަމިއްލަ ލަވައެއް މިދިޔަ ސީޒަންގެ ފައިނަލްގައި ރިލީޒްކޮށްފައިވެ އެވެ.

އަހްމަދު ނަޒީހު، 20، ފެނިގެންދިޔައީ އައިޑޮލްގެ ފުރަތަމަ ސީޒަނުންނެވެ. އެ ސީޒަންގެ އޮޑިޝަންގައި ޖަޖުންނާއި އާންމުންގެ ގިނަ ބަޔަކު އޭނާގެ އަޑުގެ ދީވާނާގައި ޖެއްސި އެވެ. "ރާޅު ބޯއީ" ގެ ނަމުން މަޝްހޫރުވި ނަޒީހު ޝޯއިން ވަކިވީ ގަދަ 10 އަކާ ހިސާބުންނެވެ.

ޝޯއިން ނަޒީހު އެހާ އަވަހަށް ވަކިވެގެންދިއުމާއެކު ގިނަ ބައެއް ފާޑުކިޔުންތައް ޝޯއަށްވެސް އަމާޒުވި އެވެ. އެހާ އަވަހަށް ޝޯއިން ވަކިވާންޖެހުނު ނަމަވެސް އޭރު ނަޒީހު އޭރު ބުނީ، "ވަރަށް އުފާވެއްޖެ މިހާ ހިސާބަށް އާދެވުނީމަ، ދުލެއް ނުކުރާނަން ލަވަ ކިޔުމެއް،" އެވެ.

"ގިނަ މިއުޒީޝަނުންގެ ތަރުހީބާއި ސަޕޯޓް ލިބުނީމާ ވަރަށް އުފާވެފައި މިހުރީ." އައިޑޮލްގައި ރޭގައި ދިން ހުށަހެޅުމާއި ބެހޭގޮތުން ނަޒީހު ބުންޏެވެ. އެ ލަވަ ނަޒީހު ހުށަހަޅާދިނީ މި ސީޒަންގެ ބައިވެރިޔާ މަރިޔަމް މައީޝާއާއެކު އެވެ.

މިހާރު ކުރިއަށްދާ އައިޑޮލްގެ ތިންވަނަ ސީޒަންގެ ޝޯއެއްގައި ނަޒީހު ހުށަހަޅާދިނީ އޭނާގެ އަމިއްލަ ސޯލޯ ފުރަތަމަ ލަވަ "ރާޅޭ" އެވެ. އެ ލަވައަކީ އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ހަ ލަވަ ހިމެނޭ އަލްބަމްގެ ފުރަތަމަ ލަވަ އެވެ. އަވަސް މުސްތަގުބަލެއްގައި ކުރިއަށްހުރި ލަވަތަވެސް އިވިގެންދާނެ ކަމަށް ނަޒީހު ބުންޏެވެ.

ޝޯގައި ޖަޖުންނާއި އާންމުންގެ ގިނަ ބައެއް ތައުރީފު ނަޒީހަށް ލިބުނެވެ. އޭނާގެ ކާމީޔާބީއަށް ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި ކުރިއަށްވުރެ އޭނާ މިހާރު އެތައް ތަނެއް މޮޅުވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަޒީހުގެ އަޑުތައް އެތައް ދުވަހަކަށްފަހު އިވުން ވެގެން ދިޔައީ ވަރަށް ބޮޑު އުފަލަކަށެވެ.

ނަޒީހު ދައްކުވައިދިނީ އައިޑޮލްގެ އެހެން ބައިވެރިންނަށް ވަރަށް ފުރިހަމަ ނަމޫނާ އެކެވެ. ޝޯއިން ކޮންމެ ހިސާބަކުން ވަކިވާން ޖެހުނު ނަމަވެސް ބުރަ މަސައްކަތުން ކާމިޔާބު ހޯދިދާނެ ކަމެވެ. އާޓިސްޓަކަށް ވެވިދާނެ ކަމެވެ.