މިއުޒިކް

5 ފައިނަލިސްޓުންނާއެކު، ރާއްޖެއިން އައިޑޮލްގެ ރެކޯޑެއް ހެދީތަ؟

މޯލްޑިވިއަން އައިޑޮލްގެ ރޭގެ ޝޯ ވަނީ މުޅި ގައުމަށް ޝޮކެއްދީފަ އެވެ. މިހާރު ކުރިއަށްދާ ތިން ވަނަ ސީޒަންގެ ފައިނަލުގައި ވާދަ ކުރާނެ ގަދަ ތިން ބައިވެރިންގެ ނަން އިއުލާނު ކުރުމަށް ހަމަޖެހިފައި އޮތީ ރޭގަ އެވެ. ބައިވެރިންގެ މެދުގައި ވާދަވެރިކަން ބޮޑުވުމާއެކު އެ ތިން ބައިވެރިންނަކީ ކޮބައިތޯ ބެލުމަށް ގިނަ ބަޔަކު ތިބީ ހިތް "އަތަށް" ލައިގެންނެވެ.

އެންމެ ގިނަ ބަޔަކު ރޭގެ ޝޯގައި އިންތިޒާރު ކުރަމުން ދިޔަ އެލިމިނޭޝަންގެ ވަގުތު އައިސްޖެހުމުން ޓީވީ ދޮށުގައި އިށީނީ އެ މީހަކު ސަޕޯޓުކުރާ ބައިވެރިޔަކު ވަކިނުވޭތޯ ދުއާ ކުރުމަށެވެ. އެހެން އެލިމިނޭޝަން އޮންނަ ރޭތަކުގައިވެސް އައިޑޮލްގެ ހޮސްޓު މޫސާ ވަސީމް ގެންނަ "ސަސްޕެންސް ޑްރާމާ" ދެކެ ރުޅި އަންނަ މީހުން ހަމަ ކުދި ކިޔަމުންދިޔަ އެވެ.

ހެނދުނު އޮފީހަށް ދާން ތިބި މީހުނާއި ސުކޫލަށް ދާން ތިބި ކުދިންވެސް ގަދަ ތިނެއް ޔަގީން ނުކޮށް ނިދަން ބޭނުމެއް ނުވި އެވެ. އެތަށް އިރެއްވަންދެން މޫސަ އޭނާގެ ހާސަރުތައް ދެމުމަށްފަހު ފައިނަލް ދިޔަ ބައިވެރިންގެ ނަންތައް އިއުލާނު ކުރުމާއެކު ހީވީ ބެލުންތެރިން "އެފުށް މިފުށަށް" ޖެހުނުހެނެވެ.

އައިޑޮލްގެ ތިން ވަނަ ސީޒަންގެ ގްރޭންޑު ފިނާލޭގައި ފަސް ބައިވެރިން ވާދަކުރާނެކަމަށް މޫސަ އިއުލާނުކުރި އެވެ. މިއީ ކިހިނެއްވާ ކަމެއްތޯ އާއި ފައިނަލުގައި ފަސް ބައިވެރިނަށް ވާދަކުރެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދިޔަ އެވެ. އެއް ބަޔަކަށް މިއީ އިންސާފުވެރި ނިންމުމަކަށް ވެސް ނުވި އެވެ. މިއީ އައިޑޮލްގެ ޕްރެންޗައިޒް ގެނެސްދޭ އެއްވެސް ގައުމެއްގައި ކުރާ ކަމެއް ނޫން ކަމަށްވެސް މީހުން ބުނަމުންދެ އެވެ.

މި ސީޒަންގެ ގްރޭންޑު ފިނާލޭގައި ވާދަކުރާނެ ބައިވެރިންނަކީ އައިޝަތު ޝައިނާ ޝަރީފް، މަރިޔަމް މައީޝާ، އައިޝަތު އަޒަލް އަލީ ޒާހިރު، ތަސްލީމް އަބްދުލް ކަރީމް އަދި ނައުޝާދު އަބްދު ލަތީފް އެވެ.

ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.

މިހާރު އުފެދޭ ސުވާލަކީ ހަމަ ގްރޭންޑު ފިނާލޭގައި ފަސް ބައިވެރިންނަށް ވާދަ ކުރެވިދާނެ ހެއްޔެވެ؟ އައިޑޮލް ފްރެންޗައިޒްގެ ތާރީހަށް ބާލާއިރު އާންމުކޮށް ގްރޭންޑް ފިނާލޭގައި ވާދަކުރަނީ ދެ ބައިވެރިންނެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ތިން ބައިވެރިން ވެސް ވާދަކުރެ އެވެ. ރާއްޖޭގައި މިހާތަނަށް ގެނެސްދިން ދެ ސީޒަންގައި ވެސް ވާދަކުރީ ތިން ބައިވެރިންނެވެ.

މިހާތަނަށް އައިޑޮލް ފްރެންޗައިޒްގެ ގްރޭންޑު ފިނާލޭއެއްގައި އެންމެ ގިނަވެގެން ހިމެނުނީ ހަތަރު ބައިވެރިންނެވެ. އެވެސް އެެންމެ ފަހަރަކު ނޭޕާލް އައިޑޮލްގަ އެވެ. އެއީ 2017 ވަނަ އަހަރު ނޭފާލް އިން އައިޑޮލް ގެނެސްދިން ފުރަތަމަ ފަހަރު އެވެ. އެކަމަކު ހަތަރު ބައިވެރިންނަށް ނޭޕާލް އައިޑޮލްގެ ގްރޭންޑް ފިނާލޭގައި ވާދަ ކުރެވޭނެ ގޮތެއް ނުވި އެވެ.

ގަދަ ހަތަރެއްގެ އެލިމޭޝަން އޮތް ދުވަހު ނޭޕާލް އައިޑޮލްގެ ޖަޖުން އެމީހުނަށް ލިބިފައިވާ "ވީޓޯ" ގެ ބާރު ބޭނުންކޮށްގެން ނިންމީ ހަތަރު ބައިވެރިން ފައިނަލަށް ގެންދިއުމަށެވެ. ހަމަ ރޭގައި މޯލްޑިވިއަން އައިޑޮލްގެ ޝޯގައި ބުނިހެން ގަދަ ތިނެއް ހޮވުމަށް ޖަޖުން ދިން މާކްސްއާއި އާންމުންދިން ވޯޓު ފައިނަލުގައިވެސް ބޭނުންކުރާގޮތަށް ނޭޕާލް އައިޑޮލް އިން ނިންމި އެވެ.

މި ނިންމުން ނޭޕާލުގެ ރައްޔިތުންނަށް ކަމުނުގޮސް މައްސަލަގަނޑު ބޮޑުވި އެވެ. ޖަޖުންނާއި ޕްރޮޑިއުސަރުންނަށް ފާޑުކިޔުންތައް އަމާޒުވި އެވެ. ޖަޖުން އެމީހުން އެންމެ ގަޔާވާ ބައިވެރިޔާ ސަލާމާތްކުރަން ކުރި ކަމެއް ކަމަށް އެއް ބަޔަކު ބުނިއިރު، އަނެއް ބަޔަކު ތުހުމަތުކުރީ މިއީ ޕްރޮޑިއުސަރުން ގިނަ ފައިސާތަކެއް ހޯދުމަށް ކުރި ކަމެއް ކަމަށެވެ.

މައްސަލަ ބޮޑުވެ އެންމެފަހުން ނޭޕާލުގެ ލޯޔަރަކު މި މައްސަލަ ކޯޓަކަށް ވައްދާއި އެ ޝޯ ގެނެސްދޭ ޗެނަލާއި ދެކޮޅަށް ދައުވާވެސް އުފުލި އެވެ. ނަމަވެސް ސާބިތުހިފޭ ވަރަށް ހެކި ނެތްކަމަށް ބުނެ ނޭޕާލްގެ ކޯޓުން އެ މައްސަލަ ބޭރުކޮށްލި އެވެ. ނޯ އެލިމޭޝަނަށްފަހު އައި ހަފްތާގައި ނޭޕާލް އައިޑޮލް އިން އެއް ބައިވެރިޔަކު އެލިމިނޭޓުކުރި އެވެ. އެންމެފަހުން ފައިނަލްގައި ވާދަކުރީ ތިން ބައިވެރިންނެވެ.

އެހެންކަމުން ގްރޭންޑު ފިނާލޭގައި އެންމެ ގިނަ ބައިވެރިން ހިމެނޭ އައިޑޮލްގެ ގެނެސްދޭ ގައުމުގެ ރެކޯޑު މި ލިބުނީ ރާއްޖެ އަށެވެ. އެއްގޮތަކުން މިއީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރާ މީހުންވެސް އެބަތިއްބެވެ. މި ސީޒަންގައި ތިބި ގަދަ ފަސް ބައިވެރިންނަކީވެސް ހުނަރުގެ ގޮތުން ކުޅަދާނަވެފައި ޓައިޓަލްއަށް ދޫދޭނެ ބައިވެރިންނަށް ނުވާތީ އެވެ.

އެކަމަކު ދެންވެސް އުފެދޭ ސުވާލަކީ ގްރޭންޑް ފިނާލޭއަށް ފަސް ބައިވެރިންގެ ލައިގެން އިންސާފުވެރި ނިންމުމެއް ނިންމިދާނެ ހެއްޔެވެ؟ ވާގޮތެއް ބަލަންޖެހޭނީ ގްރޭންޑް ފިނާލޭއަށް އިންތިޒާކުރާށެވެ. ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ މެއި މަހު 12 ގަ އެވެ.