އެސްޓީއޯ މާލޭ ލީގު ފުލުގައި އޮތް ކްލަބް ވެލެންސިއާ އަތުން 0-2 ކުރި ހޯދައި ނިއު ރޭޑިއަންޓު ލީގު ތާވަލުގެ އެއްވަނަ މަގާމުގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. ނިއު އެއްވަނަ މަގާމުގައި އޮތީ ހަތް މެޗުން ލިބުނު 16 ޕޮއިންޓާއެކު އެވެ. ވެލެންސިއާ އޮތީ ލީގުގެ އެންމެ ފުލުގައި އެންމެ ޕޮއިންޓަކާއެކު އެވެ.
މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗަށް ނިއު ރޭޑިއަންޓު ނިކުތީ ބަދަލުތަކަކާއެކު އެވެ. ޑިފެންޑަރު އަކްރަމްގެ ބަދަލުގައި ސްޕެއިން ޑިފެންޑަރު ގޮތޯރު މެޗު ފެށިއިރު ސްޕެއިން މިޑްފިލްޑަރު ކެންޑެލާގެ ބަދަލުގައި ކުޅުނީ ހަސަން އަދުހަމް އެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ 5 ވަނަ މިނިޓުގައި ޒުވާން މިޑްފިލްޑަރު ރިހާމް (ބޮބީ) އެވެ. މިފުރުސަތު ތަނަވަސްކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
ބޮބީ ނިއުއަށް ލީޑު ނަގައިދިންތާ 15 މިނިޓު ފަހުން ނިއުއަށް ދެވަނަ ލަނޑެއްް ޖަހައިދިނީ ކެޕްޓަން އަލީ އަޝްފާގް އެވެ. އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.
ފުރަތަމަ ހާފާއި އެއްގޮތަކަށް ދެވަނަ ހާފުގައިވެސް ނިއު ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. ނަމަވެސް ވެލެންސިއާގެ ގޯލް ފޫއަޅުވާލެވޭ ވަރުގެ ހަމަލާއެއް އުފެއްދޭ ގޮތެއް ނުވި އެވެ. ދެވަނަ ހާފުގެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ދަގަނޑޭއަށެވެ. ނަމަވެސް އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުއްޓާ ލިބުނު ބޯޅަ ދަގަނޑޭ އެއްފަހަރުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.
މެޗުން ނިމެން ގާތް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިބްރާހިމް އަތީގު (އިއްބެ)އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައިން އިއްބެ ފޮނުވާލި ހަމަލާ ވެލެންސިއާ ކީޕަރު ޖުން ބޯމަތިން އޮއްސިގެންގޮސް ވެއްޓުނީ ގޯލްގެ ބޭރު ދާގަނޑަށެވެ.
ނިއު ރޭޑިއަންޓަށް ކުރިއައް އޮތީ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި މޭލޭގައި ކުޅޭ ފަހު މެޗެވެ. މިމެޗުގަިއ ބުދަ ދުވަހު ނިއު ނިކުންނާނީ ބަނގާޅު ޗެމްޕިއަން ޑާކާ އަބަހާނީ އާއީ ދެކޮޅަށެވެ.