އައިޖީއެމްއެޗުގައި އުފަންވާ ކުދިން ހިތުގެ ބަލިތަކަށް ޓެސްޓް ކުރުމުގެ ހިދުމަތް މާދަމާ އެ ހޮސްޕިޓަލުގައި ފަށަން ނިންމައިފި އެވެ.
ދުނިޔޭގައިވެސް އަދި ރާއްޖޭގައި ވެސް އުފެދުމުގައި ހުންނަ އުނި ކަންތައްތަކުގެ ތެރޭން އެންމެ ގިނައީ ހިތުގެ މައްސަލަތައް ހުންނަ ކުދީންނެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި 100 އަކާ ގާތް އަދަދަކަށް ހިތުގެ މައްސަލަ ހުރި ކުދިން ރާއްޖޭގައި އުފަންވެފައިވާއިރު އާބާދީގެ ނިސްބަތުން މި މައްސަލަތައް އިތުރުވަމުންދާކަން ހެލްތު މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އަދި ކޮންޖެނިޓަލް ހާޓް ޑިސީސަސް މަދު ކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މުއާހަދާއަކާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރުމަށް އެކްޝަން ޕްލޭނެއްވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ.
ކޮންޖެނިޓަލް ހާޓް ޑިސީސަސް އަކީ ހިތް އުފެދެން ޖެހޭ އެންމެ ފުރިހަމައަށް ނު އުފެދުމެވެ. ބައެއް ފަހަރު ހިތުގެ ދެފަޅީގައި ހިނގާ ލޭ މިކްސްވާ ގޮތަށް ލޯވަޅު އެޅިފައި ހުރެ އެވެ. އަނެއްބައި ކޭސްތަކުގައި ހިތުގެ މައި ހޮޅިތައް އަސްލު ހުންނަންވާ ގޮތް ނޫން ގޮތަށް އުފެދިފައި ހުރެ އެވެ. މި މައްސަލަތަކުގައި އެންމެ ނުބައި ރޯލެއް އަދާކުރަނީ ދުންފަތާއި ދުންފަތުން އަރާ ދުމެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރި ކަމުގައި ވިޔަސް މާހައުލުގައި ހުންނަ ދުމުން ވެސް މައިމީހާ ނުރައްކަލަށް ހުށަހެޅެއެވެ.
އައިޖީއެމްއެޗުން ބުނީ، އަލަށް އުފަންވާ ކުދިން ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމުގެ ކުދިން ހިތުގެ މައްސަލަތަކަށް ޓެސްޓުކުރުމަށް ހޮސްޕިޓަލުގައި ތަމްރީން ޕްރޮގްރާމެއްވެސް ހިންގާފައިވާ ކަމަށެވެ. އެ ޕްރޮގްރާމުގައި ފަސް ހޮސްޕިޓަލަކުން 65 މަންދޫބުން ބައިވެރިވި ކަމަށް ވެސް ބުންޏެވެ.
މާދަމާ އައިޖީއެމްއެޗްގައި ކޮންޓިންޖެންޓަލް ހާޓް ޑިސީސަސްއަށް ސްކްރީން ކުރަން ފަށާއިރު އަތޮޅު ހޮސްޕިޓަލްތަކުގައި ވެސް މި ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.