ހަބަރު

މަލާމާތުގެ ބަސްތައް މަދުކުރެވޭނީ މޮޅު ހުކުމްތަކެއް ނެރެގެން: ފައިސަލް

ފަނޑިޔާރުންނަށް ރައްދުވާ މަލާމާތުގެ ބަސްތައް މަދުކުރެވޭނީ މޮޅު ހުކުމްތަކެއް ނެރެގެން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ)ގެ ނައިބު ރައީސް މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވައިކުރުމަަށް ސުޕްރީމްކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ޖުޑިޝަރީ އިސްލާހުކޮށް ހަރުދަނާ ކުރަން ޖެހޭ ވާހަކަ އަބަދުވެސް މުޖުތަމައުން ދައްކާ ކަމަށެވެ.

" ފަނޑިޔާރުން މަސައްކަތްކުރައްވަންވީ ވީ ވަރަކުން އެހެން އަންނަ ބަސްތައް މަދުކުރެވޭތޯ. އެކަމަށް ކުރެވޭނެ އެންމެ މުހިއްމު ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ކަމަކީ މިހާރަށް ވުރެ އިލްމީ ގާބިލު މޮޅު ހުކުމްތަކެއް ނެރޭ ފަނޑިޔާރުންތަކަށް ތިޔަ ފަނޑިޔާރުން ވާންވީ،" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ބަޔަކަށް ފަނޑިޔާރުން ވުމަކީ މާ އުނދަގޫ ކަމެއް ނޫން ކަމަށާއި އެއީ ފަނޑިޔާރުންނަކީ އިލްމީ ގޮތުން ގާބިލުބައެއް ވީމާ ކަމަށެވެ. ޖުޑިޝަރީ އިސްލާހުކުރުމަށްޓަކައި ޖޭއެސްސީން ކުރަމުން އަންނަ ކަމަކީ ގާބިލު ފަނޑިޔާރުން ކޯޓުތަކަށް ހަމަ ޖެއްސުން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އަބަދުވެސް މުޖުތަމައުން މިދައްކާ ވާހަކަޔަކީ ޖުޑިޝަރީ ރަނގަޅު ކުރަން ޖެހެޔޭ، ޖުޑިޝަރީ އިސްލާހުކުރަން ޖެހެޔޭ. ހަރުދަނާކުރަން ޖެހެޔޭ. މިކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް މިކުރެވޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ފަނޑިޔާރުކަމަށް އެކަށޭނަ އިލްމީ ގާބިލު ފަނޑިޔާރުން މަގާމުތަކަށް އައްޔަން ކުރުން،" އޭނާ ވިދާޅުވިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލްކޯޓަށް އައްޔަން ކުރި ދެފަނޑިޔާރުންނާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރި ދެފަނޑިޔާރުން ހުވާ ކުރެއްވީ އެކަމަށްޓަކައި ސުޕްރީމްކޯޓުހައި މިރޭ ބޭއްވި ރަސްމިއްުޔާތެއްގައެވެ. އެބޭފުޅުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޢަބުދުލް ޣަނީ މުހައްމަދެވެ. ފަނޑިޔާރުކަމުގެ ފަތްކޮޅު އެބޭފުޅުންނާ ހަވާލުކޮށްދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދެވެ.


ސިވިލްކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިރޭ ހުވާކުރެއްވީ ގދ.ފަރެސްމާތޮޑާ މާތޮޑާއަވަށް. މުޝްތަރީގެ، ހާފިޒާ ޢަބްދުއްސައްތާރާއި ގދ. ތިނަދޫ ޒެނިތު، ޙުސައިން ފާއިޒް ރަޝާދެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ހުވާ ކުރެއްވީ ގއ.ވިލިނގިލި ފްރެޝް، ހަސަން ނަޖީބާއި ވ.ފެލިދޫ ވިނަރެސް، އިސްމާއީލް ރަޝީދު އެވެ.