ވިޔަފާރި

ވީއައިއޭ އާ އޭޕްރަން ކޮންކްރީޓްގެ ފަހު ފަށަލަ އަޅަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހުޅަނގު ދެކުނު ފަރާތުގައި އަޅާ އާ އޭޕްރަން (ބޯޓު ޕާކް ކުރާ ސަރަހައްދު) ގެ ފަހު ކޮންކްރީޓް ލޭޔަރު އަޅަން ފަށާފަ އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އާ އެޕްރަންގެ ކޮންކްރީޓް ލޭޔަރު މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެ އިތުރު ތަފުސީއެއް އެ ކުންފުނިން ދީފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 80،000 އަކަމީޓަރުގެ އެ އޭޕްރަން ސަރަހައްދެއްގައި އަޅާ އޭޕްރަންގެ މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި މިތަން ނިމިގެންދާއިރު، 21 މަތިންދާ ބޯޓް ޕާކު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެންމެ ބޮޑެތި މަތިންދާ ބޯޓު ފަހަރުވެސް ޕާކު ކުރެވޭ އޭޕްރަންގެ މަސައްކަތް ވެސް ކުރަނީ އާ ރަންވޭ އަޅާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. އެމްއޭސީއެލް އިން ވަނީ 2015 ވަނަ އަހަރު ބޮޑު ބަދަލަކާއެކު އާ އޭޕްރޮން އެއް ހުޅުވައިފަ އެވެ. މި އޭޕްރޮންގައި 25 ޖެޓް އެއާ ކްރާފްޓާއި ހަތަރު ވައިޑް ބޮޑީ އެއާ ކްރާފްޓުގެ އިތުރުން އޭ-ތްރީ 20 ގެ ހަތް ބޯޓު ޕާކް ކުރެވެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔައީ އެމްއޭސީއެލްގެ ބަޖެޓުންނެވެ.

އާ ރަންވޭގައި އިތުރު ލޭޔަރެއް

ބީޔޫސީޖީ އިން ވީއައިއޭގައި އަޅާ އާ ރަންވޭގެ މަސައްކަތްތަށްވެސް މިވަނީ އިތުރު ކުރިއެރުންތަކެއް ލިބިފަ އެވެ. ރަންވޭގެ ތާރުގެ އާ ފަށަލައެއް ވަނީ އަޅާފަ އެވެ. ރަންވޭގައި ހަތަރު ލޭޔަރެއް އަޅާނެ އެވެ. މީގެ ކޮންމެ ފަށަލައެއްގައި 300 މިލިމީޓަރާއި 500 މިލިމީޓަރު ހުންނާނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ބޯޓެތި ބޯޑު ފަހަރު ކަމަށްވާ " އޭ 380" ގެ މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރު ހަދާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުރެ އެވެ. އަދި އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. ޗައިނާގެ އެގްޒިމް ބޭންކުން ލޯނު 400 މިލިއަން ޑޮލަރުގެ ލޯނަކުން ހަދާ ރަންވޭގެ އަޅަނީ އެ ސަރަހައްދު ހިއްކައިގެންނެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މި މަޝްރޫއުގެ އަގަކީ 300 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އަކާއި ތެޔޮ ރައްކާ ކުރާނެ ވަސީލަތްތައް ދަނީ އެއާޕޯޓުގައި ގާއިމް ކުރަމުންނެވެ.