ހަބަރު

ބައްޕަ ސަލާމަތްކޮށްދޭން ދުންޔާ އިންޑިއާއަށް ގޮވާލައްވައިފި

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ބަންދުން މިނިވަން ކުރުމަށް އެހީތެރިވެދިނުމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އިންޑިއާއަށް ގޮވާލައްވައިފިއެވެ.

އިންޑިއާގެ ބެންގަލޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި " ދަ ޑެކަން ކްރޮނިކަލްސް" ނަމަކަށް ކިޔާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ " ރަހުމަތް ތެރިންނަކީ ބޭނުން ޖެހޭ އިރު [އެހީވާން ] ތިބޭ ބައެއް ކަމަށެވެ. އޭނާ މިހެން ވިދާޅުވުމުގެ ކުރިން ފާހަގަ ކުރެއްވީ ރާއްޖެއާ އިންޑިއާއާ އެންމެ ގާތް ގުޅުމެއް އުފެދުނީ ބައްޕާފުޅު މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުގެ 30 އަހަރުގެ ތެރޭގައި ކަން ފާހަގަކުރައްވަމުންނެވެ.

" ބޭނުން ޖެހޭ ވަގުތު [އެހީވާން] އެކުވެެރިން ތިބެން ޖެހޭނެ. އިންޑިއާ އަޅުގަނޑުމެންނާ އެކު އޮތުންް ވަރަށް މުހިއްމު. އަދި ފެންނަނީ އިންޑިއާ އަޅުގަނޑުމެންނާއެކު ، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނާ އެކު އޮތްތަން،" ދުންޔާ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ސަރުކާރަށް ސީދާ ގޮތެއްގައި ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ މިހާރު އޮތީ ނާޒުކު ފައްތަރަކަށް ގޮސްފައި ކަމަށެވެ. ފޮރިން މިނިސްޓަރުކަމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވައި އަދި އެއަށް ފަހު އެއަށް ވުރެ ދަށް މަގާމެއް ގަބޫލު ކުރެއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ފަހުން ވެސް ދުންޔާ މިހާ ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ.

ރާއްޖެއަށް ޑިމޮކްރަސީ އަލުން އިއާދަކުރުމަށް ބައިނަލް އަގުވާމީ މުޖުތަމައުގެ ޒިންމާއެއް އެބަ އޮތް ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ. އެގޮތުން އދ. އާއި އިންޑިއާގެ ނަން އޭނާ ވަކިން ފާހަގަ ކުރެއްވިއެވެ.

ރައީސް މައުމޫނާއި ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމު ހައްޔަރުކޮށްފައި ތިއްބެވި ތިއްބެވުމަކީ ސަރުކާރުންް އިދިކޮޅު ފަރާްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވިއެވެ.

އިންސާނިއްޔަތުގެ ނަަޒަރުން ބަލައި ރައީސް މައުމޫނު ޖަލުން މިނިވަން ކުރުމަށް ދުންޔާ ސަރުކާރަށް އިލްތިމާސް ކުރެއްވިއެވެ.

" އަަޅުގަނޑު ސަރުކާރަށް އަނެއްކާވެސް ގޮވާލަން އަޅުގަނޑުގެ ބައްޕަގެ އުމުރަށް ރިއާޔަތްކުރަން. އިންސާނިއްޔަތުގެ ނަޒަރުންް ބަލައި އެމަނިކުފާނު ގެއަށް ވަޑައިގަންނަވަން ދޫކުރަން ޖެހޭ. އެމަނިކުފާނު މުޖުތަމައަށް ނުރައްކަލެއް ނުކުރައްވާ،" އޭނާ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.