ރިޕޯޓް

ޓޫރިޒަމަށް އޮތް އުންމީދަކީ އެއާޕޯޓް!

ސިޔާސީ ހަލަބޮލި ކަމަކީ އަބަދުވެސް ރާއްޖޭގެ ޓޫރިޒަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ގައުމު ހަލަބޮލިވާ ދުވަސްވަރު ޓޫރިޒަމަށް އަސަރު ކުރަނީ އެހެންވެ އެވެ. މިހާރު ޓޫރިޒަމަށް އޮތް އަނެއް ހުރަހަކީ ރާއްޖޭގެ މައި އެއާޕޯޓުން ޓޫރިޒަމަށް ބޭނުންވާ ވަރާ ގާތަށްވެސް ކޭޓާ ނުކުރެވުމެވެ. ޓޫރިޒަމަށް 44 އަހަރުވީއިރު އެއާޕޯޓުމާ ފަހަތުގައި އޮތުމެވެ. ޓޫރިޒަމްގެ ޕީކް ސީޒަންގައި މައި އެއާޕޯޓު ތެރޭގައި ހިނގައި ލުމަކީ ދަތި ކަމެކެވެ. އެހެންވެ ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރަން ދެހާސް ވަނަރަ ވަނަ އިން ފެށިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މިއާއެކު، މުޅި ޓޫރިޒަމް ދާއިރާގެ ލޯ ހުރީ އެތަނަށެވެ. ރާއްޖެ އަށް މީހުން ފޮނުވާ ޓުއާ އޮޕަރޭޓަރުންނާއި މުޅި ޓޫރިޒަމް ދާއިރާގެ ވެސް މިހާރުގެ އުންމީދަކީ މި އެއާޕޯޓު ކަމަށް އެ މީހުން ބުނެ އެވެ.

"ޓޫރިޒަމްގެ ދުވެލި މިހާރު މިހުރީ ވަރަށް ބާރަށް، އެކަމަކު މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ދަތި ކަމަކީ އެއާޕޯޓު ކުޑަވުން. އޮޕަރޭޓަރެއްގެ ހައިސިއްޔަތުން ބުނެވޭނީ މިއީ ވަރަށް އަވަހަށް ރަނގަޅު ކުރަން ޖެހޭ ކަމެކޭ،" ދަރުބާރުގޭގައި ކުރިއަށްދާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އަށް އައިސް ހުރި ޖަރުމަނުގެ ޓުއާ އޮޕަރޭޓަރަކު "އަވަސް" އަށް ބުންޏެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި ކުރިއަށް ހުޅުވެން ހުރި ރިސޯޓުތައް ހުޅުވޭއިރު، އެއާޕޯޓް ތަރައްގީ ނުކުރެވިއްޖެނަމަ ރާއްޖޭގެ ޓޫރިޒަމްގެ ބްރޭންޑިންއަށް ވަރަށް ބޮޑު ހުތުރުނަމެއް ލިބޭނެ އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ޓޫރިޒަމްގެ އެނދުގެ އަދަދު މިވަނީ 70 ވަރަށް ޕަސެންޓް އިތުރުވެފަ އެވެ. މިހާރު ރާއްޖޭގައި 41،000 އަށް ވުރެ ގިނަ ޓޫރިސްޓު އެނދު އެބަހުއްޓެވެ. އަދި 137 އަށްވުރެ ގިނަ ރިސޯޓު ހުޅުވައި ހިންގާއިރު، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މި އަދަދު ހަތަރު ގުނަ އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. މީގެ މާނައަކީ މި ތަންތަނަށް ޓޫރިސްޓުން އުފުލާނެ އެއާލައިންތައް އިތުރު ކުރަން ބޭނުންވާނެ އެވެ. ނަމަވެސް މި ކަމަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ އެއާޕޯޓުގެ ބިޒީ ކަމެވެ. މައި އެއާޕޯޓުގައި އެންމެ ރަންވޭއެއް އޮތްއިރު، އިންޓަނޭޝަނަލް ޓާމިނަލްގައި ޖާގައެއް ނެތެވެ. ރަންވޭ އިން ބޯޓެއް ނައްޓާލައި އަނެއް، ބޯޓު ޖައްސަން ޖާހަ ލިބެން ވިއްސަކަށް މިނެޓު ނަގަ އެވެ. މީގެ ސަބަބުން ޖައްސަން އަންނަ ފްލައިޓްތައް ނުޖެއްސި އެތައް އިރެއް ހޭދަވެ އެވެ. އަނެއް މައްސަލައަކީ ބޯޓުތައް ޕާކު ކުރާނެ ޖާގަ ނެތުމެވެ.

އެހެންވެ، ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ހޭދަކޮށްގެން އަޅާ 3500 މީޓަރު ދިގު، 60 މީޓަރުގެ ފުޅާ އާ ރަންވޭ ނިމުމުން މި މައްސަލަ ހައްލުވެގެން ދާނެ ކަމަށް ބެލެވެ އެވެ. އަދި މިއާއެކު ބޯޓުތައް ޕާކް ކުރަން އާ އޭޕްރަން އަކާއި އާ އިންޓަނޭޝަނަލް ޓާމިނަލްއެއް ވެސް އަޅާނެ އެވެ. މި ތަންތަން ވެސް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ސަރުކާރުން ދަނީ ތަކުރާރު ކޮށް ބުނަމުންނެވެ. މި ވާހަކަތައް ވެގެން ދަނީ ޓޫރިޒަމް އަށް މިހާރު އޮތް އެންމެ ބޮޑު އެއް އުންމީދެވެ.

ރާއްޖެ އަށް މިހާރު ދަތުރު ކުރާ އެންމެ ބޮޑު ބަޖެޓް އެއާލައިން ކަމަށްވާ އެއާއޭޝިއާ އިން ބުނެފައިވާ ގޮތުގައި އެއާޕޯޓު ނިމުމުން އެ އެއާލައިންގެ ފްލައިޓްތައް އެތައް ގުނައެއް އިތުރު ވެގެންދާނެ އެވެ. މިހާރު އެއާލައިން އަށް ވެސް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި އެކަށީގެންވާ ޖާގަ ނެތުމެވެ. މީގެ އިތުރުން "ތައި އެއާވޭސް" ފަދަ އާ އެއާލައިންތައް ފަށާނެކަމުގެ ފެހި ސިގްނަލް ވަނީ ދީފަ އެވެ. އަދި ވެސް އަންނަ ސީޒަނަށް އާ އެއާލައިންތަކެއް ފަށާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ޓީޓީއެމް އަށް، ގޮސް ހުރި ޗައިނާގެ ޓުއާ އޮޕަރޭޓަރަކު ބުނި ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމާ މެދު ހައިޔާންވާ ކަމަށާ، ރާއްޖޭގެ ހަމައެކަނި މައްސަލައަކީ އެއާޕޯޓް ކަމަށެވެ.

"ޗައިނާ މީހުންގެ މެދުގައި ރާއްޖެ ވަރަށް މަގުބޫލު. ކޮންމެ މީހަކު ވެސް ބޭނުންވާނެ ރާއްޖެ ގޮސްލަން. އެއީ ހުވަފެނެއް. އެހެންވެ ކުރި އަށް އޮތް ދުވަސްތަކުގައި މީހުން އިތުރުވާނެ ކަަމަށް ބެލެވޭ. އެކަމަކު ހުރި ދަތިކަމަކީ ޓްރެވެލިން. އެއާލައިން ނެތުން. އެކަމަކު އެއާޕޯޓުގެ މަސައްކަތް ނިމުމުން އިތުރު އެއާލައިންތައް އަންނާނެ. މިއީ އުފާވެރި ހަބަރެއް،" ޓުއާ އޮޕަރޭޓަރު ބުންޏެވެ.

އެނދު ގިނަވުމާއި މާކެޓިން

ރާއްޖެ މާކެޓު ކުރުމަށް މި އަހަރު 50 ފެއާއެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު އިންޑަސްޓްރީން ބައިވެރިވާނެ އެވެ. އަދި މާކެޓިން ހަރަކާތްތަކަށް 100 މިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ. މީގެ އިތުރުން ރާއްޖެ މާކެޓު ކުރުމަށް ކުރިން ގެންގުޅުން ގޮތް ދޫކޮށްލައި މިހާރު ދަނީ "ޓާގެޓް" މާކެޓިން ޖައްސަމުންނެވެ. މިކަމުގައި ބޭރުގެ ބޮޑެތި ޕީއާރު ކުންފުނިތައް ވެސް ބައިވެރިވެ އެވެ. ނަމަވެސް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގެ އެނދު އިތުރުވާ ވަރަށް އަދި ވެސް މާކެޓިން ވަރުގަދަ ކުރަން ޖެހެ އެވެ. މިއީ މިވަގުތަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ރ. އަތޮޅުގައި މީގެ ދެ އަހަރު ކުރިން ހުޅުވި ފުރަވަރި ރިސޯޓުގެ ޗީފް އެގްޒެކެޓިވް (ސީއޯ) ޝާހިދު އަލީ ވިދާޅުވީ ޓޫރިޒަމަށް އެކި ޕްރޮޑަކްޓްތައް އަންނައިރު ރާއްޖެ މަންޒިލެއްގެ ގޮތުގައި މާކެޓު ކުރުން ބޮޑުތަން އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ،

"މީގައި ހަމައެކަނި ޑެސްޓިނޭޝަން ލެވަލްގައެއް ނޫން. ވަކިވަކި ޕްރޮޕަޓީ ލެވަލްގައި ވެސް މާކެޓު ކުރުން ވަރަށް ބޮޑަށް ވަރުގަދަ ކުރަން ޖެހޭ،" ކުރިން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު ވިދާޅުވި އެވެ.

ކުރި އަށް ރަނގަޅުވާނެ، އުންމީދު

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1.3 މިލިއަން މީހުންނެވެ. އަދި މި އަހަރުގެ ވޭތުވެދި ތިން މަސް ދުވަހަށް ބަލާއިރު ރާއްޖެއަށް 420,103 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 359,053 މީހުންނާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރުވުމެކެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ނަތީޖާ ނެރެވުނީ މިދިޔަ އަހަރުގެ މަސައްކަތުންނެވެ.

ޓީޓީއެމް ފެއާ އަށް އައިސްހުރި ފްރާންސްގެ ޓުއާ އޮޕަރޭޓަރަކު ބުނި ގޮތުގައި ޓޫރިޒަމްގެ އޮފް ސީޒަންގައި ދަށްވިނަމަވެސް ނަންނަ ފިނި މޫސުމުގައި ޓޫރިޒަމް ރަނގަޅުވާނެ ކަމަށެވެ.

"އެސްއޯއީ [ސްޓޭޓް އޮފް އިމަޖެންސީ] ގެ ސަބަބުން ޓޫރިޒަމަށް އަސަރުކުރި. އެކަމަކު މިހާރު ޓްރެންޑް ހުރި ގޮތަށް ބަލާއިރު ބުނެވޭނީ ރަނގަޅުވާނެއޭ. ކަންބޮޑުވާ ވަރުގެ މައްސަލައެއް ނެތް.ފްރާންސް އާއި ޖަރުމަނު ފަދަ މާކެޓުތައް ހަމަ ގައިމުވެސް ވަރަށް ޕޮޒިޓިވްކޮށް ރާއްޖެއަށް އޮތީ،" ޓުއާ އޮޕަރޭޓަރު ބުންޏެވެ.

ހުޅުމާލޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސްގެ ވިޔަފާރިކުރާ އެއް ކުންފުނި ކަމަށްވާ ޔޫއައި ހޮޓެލްސްގެ މެނޭޖިން ޑިރެކްޓަރު ނާސިހު ވިދާޅުވީ އެސްއޯއީއަށް ފަހު ޓޫރިޒަމް ރަނގަޅުވަމުންދާތީ، ކުރިއަށް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އޮފް ސީޒަން ނަގާފައި. ކުރިއަށް އޮތް ދުވަސްތައް ރަނގަޅުވާނެ. އުންމީދު ކުރެވެނީ ޓޫރިޒަމް ރަނގަޅުވާނެ ކަމަށް، ނާސިހު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެެއާޕޯޓެވެ. އެހެންކަމުން އުންމީދަކީ މި އަހަރު ރާއްޖޭގެ މައި އެއާޕޯޓް ނިމި ހުޅުވުމެވެ.