ވިޔަފާރި

ރާއްޖޭގައި ގިނަގިނައިން ޓޫރިޒަމް ފެއާ ބާއްވަންވީ: ޓުއާ އޮޕަރޭޓަރުން

ޓޫރިޒަމް ފެއާތައް ބާއްވަންވީ ރާއްޖޭގައި ކަމަށާ، އެކަމަށް އެންމެ އެކަށީގެންވާ ގައުމަކީ ރާއްޖެ ކަމަށް، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާ އަށް އައި ބައެއް ޓުއާ އޮޕަރޭޓަރުން ބުނެފި އެވެ.

ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް ފެއާ، ޓީޓީއެމް އަށް ރާއްޖެ އަށް އައިސްތިބި ބޭރުގެ ބައެއް ޓުއާ އޮޕަރޭޓަރުން ބުނި ގޮތުގައި ދުނިޔޭގެ ފެންވަރުގެ ބޮޑު ފެއާ އަކަށް އެންމެ އެކަށީގެންވާ މަންޒިލަކީ ރާއްޖެ އެވެ.

ރާއްޖެ އައިސް ހުރި ޗައިނާގެ ޓުއާ އޮޕަރޭޓަރަކު ބުނީ ރާއްޖެއަށް ބޭރުގެ އެޖެންޓުން ގެނެސް، ފެއާތައް ބޭއްވުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ފައިދާ ހުރި ގޮތެއް ކަމަށެވެ.

"މިއީ [ޓީޓީއެމް] އަކީ ވަރަށް ރަނގަޅު އިސްނެގުމެއް. ބޭރަށް ގޮސް ފެއާތަކުގައި ބައިވެރިވުމަށް ވުރެ ހަރަދު ކުޑަވާނެ ރާއްޖޭގަ މިގޮތަށް ފެއާ ބޭއްވީމަ. ހަމައެކަނި ބޭނުންވަނީ ރަނގަޅަށް ޕްލޭންކޮގެން ކުރުން،" ޓުއާ އޮޕަރޭޓަރެއް ބުންޏެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރި އަށް ދާ ޓީޓީއެމް ފެއާ އަށް އައިސް ހުރި އަވަށްޓެރި އިންޑިޔާގެ ޓްރެވަލް އެޖެންޓެއް ބުނި ގޮތުގައި ރާއްޖޭގައި ފެއާތައް އިންތިޒާމު ކުރުމަކީ ރާއްޖެ ޕްރޮމޯޓް ވާން ލިބޭނެ އިތުރު ފުރުސަތެއް ކަމަށެވެ.

"ކުރިން މި ހަދާ ގޮތަކީ ބޭރަށް ގޮސް ބައިވެރި ވަނީ ފެއާތަކުގަ. މިހެންވުމުން އަހަރެމެންނަކަށް ނޭނގެ ހަގީގަތުގަ ރާއްޖެ އެއް. ބައެއް މީހުން ތިބެދާނެ ރާއްޖެ ދުވަހަކު ނާންނަ. އެކަމަކު މި ކަހަލަ ފުރުސަތެއް ލިބުމަކީ ލިބިގެން ދާނެ ރަނުގެ ފުރުސަތެއް،" ޓްރެވަލް އެޖެންޓުން ބުންޏެވެ.

ގާތްގަނޑަކަށް 200 އެއްހާ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަނުނާއެކު ދަރުބާރުގޭގައި ބޭއްވި ޓީޓީއެމް ފެއާގައި އިއްޔެ އެކަނި 3،000 އަށް ވުރެ ގިނަ ބައްދަލުވުން ބޭއްވި އެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ގެސްޓްހައުސްތަކާއި ގިނަ ރިސޯޓުތަކުން ބައިވެރިވެފައިވެ އެވެ.

"އަވަސް"އާ ވާހަކަ ދެއްކި އެހެން އެޖެންޓެއް ބުނި ގޮތުގައި ރަނގަޅު އިންތިޒާމުތަކާއެކު ބާއްވާނަމަ ފެއާ ކާމިޔާބު ވާނެ ކަމަށެވެ.

"ދިވެހިން އެންމެ ގިނަ އިން މި ދަނީ އައިޓީބީ ފެއާ އަށް. މީގެ ފެއާއަކަށް ދާން މީހަކު އެބަ ހޭދަ ކުރޭ 3000 އެއްހާ ޑޮލަރު ވަރު. އެކަމަކު އޮޕަރޭޓަރުން ގެނައުމުން އެ ހޭދަ ކުރާކަން ނުޖެހޭ. އެހެންވެ ބުނެވޭނީ ރާއްޖެއަކީ މި ފަދަ ކަމަށް އެންމެ އެކަށީގެންވާ ތަނޭ،" އޮޕަރޭޓަރެއް ބުންޏެވެ.

"ގިނަ އަހަރުތަކުގައި ފެއާ އެއް ބޭއްވުމަކީ މީގެ އަސްލު ފައިދާ ކުރާނީ. މިސާލަކަށް [ޓީޓީއެމް] މިދިޔަ އަހަރު އަދި މީހުންނަށް ވުރެ މި އަހަރު އައި މީހުން ގިނަ މިތަނަށް ބަލައިލީމަވެސް އެނގޭ. އަންނަ އަހަރު މިއަށްވުރެ ގިނަވާނެ ކަމަށް އުންމީދު ކުރެ ވެނީ. މިގޮތަށް ދުނިޔޭގެ ޓޫރިޒަމް ފެއާތައް ވެސް ވާނީ. ގިނަ ދުވަހު ބޭއްވުން މީގަ މުހިންމީ. އޭރުން ނަތީޖާ ފެންނަނީ."

ޓީޓީއެމް ފެއާ އަށް ދިޔަ ރިސޯޓުތަކުން ބުނެފައިވަނީ މި ފެއާގެ ސަބަބުން އެމީހުންނަށް ގިނަ ވިޔަފާރިތަކެއް ލިބިފައިވެ އެވެ.

ރާއްޖޭގެ މިދިޔަ އަހަރު ހުޅުވި ކަނޑިންމަ ރިސޯޓުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ ފެއާ އަށް ގިނަ އޮޕަރޭޓަރުން އައުމަކީ ލިބިގެންދާ ކާމިޔާބީއެއް ކަމަށެވެ.

"މިދިޔަ އަހަރަށްވުރެ މި އަހަރު ގިނަ. އެހެންވެ ބުނެ ވޭނީ ކާމިޔާބޭ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.