ރިޕޯޓް

ބައްޕަގެ ހިތުގައި ފިރުމަމުން ދަރިފުޅު އާދޭސްކުރަނީ އެހީއަށް!

ތ. ތިމަރަފުށީ އަބްދުލް މަޖީދަކީ އޭނާއަށް ލިބުނު މަދު އާމްދަނީ އާއި ދަރިންގެ އެހީތެރި ކަމާއެކު ފުދިގެން އުޅުނު މީހެކެވެ. ނަމަވެސް ފުއްޕާމޭގައި ޓިއުމަރެއް އުފެދި އެ ޓިއުމަރު ކެންސަރަށް ބަދަލުވި ހިސާބުން އޭނާގެ ފުދުންތެރިކަމެއް ނެތް އާއިލާ ވަށައިލީ ފަގީރު ކަމާއި ހިތްދަތިކަމެވެ. އުމުރުން މިހާރު ފަސްދޮޅަހަށް އަޅާފައިވާ މަޖީދު ފުއްޕާމޭގެ ކެންސަރަށް ޑައިގްނޯސްވި ހިސާބުން އޭނާގެ ދަރިންގެ އަޅައިލުން ލިބުނެވެ. ދޮށީ ދަރިފުޅު އާމިނަތު ނަސްވާ، އޭރު ދިރިއުޅެމުންދިޔަ ލ. ފޮނަދޫގައި ބައްޕައަށް އެހީއަށް އެދި ސަލާންޖެހި އެވެ. ރަށުން ލިބުނު ރުފިޔާކޮޅު ހިފައިގެން ހުޅުމާލެއަށް ބަދަލުވީ ސްޓޭޖް ހަތަރެއްގެ ކެންސަރުގައި ބަލިކަށިވެ އަނަރޫފަވަމުންދިޔަ އޭނާގެ ބައްޕަގެ ފަރުވާ ފައިސާއަށް ލަސްކުރެވެން ނެތިގެންނެވެ. ނަމަވެސް ރަށްފުށުގައި ހަތް ދަރިންނާއެކު ފިރިމީހާއަށް ލިބޭ މަދު އެތިކޮޅަކުން ކިރިޔާ ފުއްދާލައިގެން އުޅުނު ނަސްވާ އާއި އޭނާގެ ބައްޕަޔަށް ހުޅުމާލޭގެ އަގު ބޮޑު ދިރިއުޅުން ބަދަލުވީ ކެންސަރަށްވުރެ ބޮޑު ހަނގުރާމައަކަށެވެ.

ނަސްވާއާއި އޭނާގެ ބައްޕަގެ ހާލު އެނގުމުން "އަވަސް އެހީ" ޓީމުން އެގެއަށް ދިޔައެވެ. މަޖީދުގެ ހާލު އަހައި މަޖީދުގެ ވާހަކަ އާންމުންނާ ހިއްސާކޮށްލުމުގެ ބޭނުމުގަ އެވެ. މަޖީދުއާއި ނަސްވާ ދިރިއުޅެމުންދާ ފްލެޓަކީ ހުޅުމާލޭގެ ޗައިނާ ފްލެޓް ނެއިބަހުޑްގެ ތިން ކޮޓަރީގެ ފްލެޓެކެވެ.

މީހުންނާގެން ތޮއްޖެހިފައި އޮތް ތިން ކޮޓަރީގެ އެ އެޕާޓްމަންޓުން ނަސްވާ ކުއްޔަށް ހިފައިގެން އުޅެނީ ކުޑަ ކޮޓަރިއެކެވެ. މުޅި ކޮޓަރީގައި ކޮޅުން ކޮޅަށް ކާޕެޓްތަކެއްހެން ގޮދަޑި އަޅާފައި އޮތް އިރު އެތަނުން އެއް ގޮދަޑި އަކީ މަޖީދުގެ ބަލި އެނދެވެ. އެ ކޮޓަރިއަކީ މަޖީދާއި ނަސްވާގެ އިތުރުން އިތުރު ތިން މީހަކު ނިދާ ތަނެވެ. ފުލެޓް ބޭރުގައި ލާފައިވާ ކުލަ އާރޯ ތާނައަށް ހުރިއިރު އެ ކޮޓަރިގަނޑުގެ އެތެރޭގެ ފާރުތަކުގެ ކުލަ ވެއްޓި ބާވެފައިވެ އެވެ. ކޮޓަރިއާ ނުކަތާ ވަރަށް މީހުންނާއި އެއްޗިހި ހުރުމުން ކޮޓަރީގެ ހަތަރު ފަރާތުގައި ރޯނު ދަމައި ހެދުންތައް އެލުވާފައި ހުއްޓެވެ. މަޖީދުގެ ބޯ ލާ ކޮޅާ ވީ ދިމާލުން މަތީގައި ދަމާފައި ވަނީވެސް އެފަދަ ރޯނެކެވެ. ކޮޓަރި ތެރެ އެހާ ހޫނެވެ.

"ފެމިލީ ކުއްޖަކު އުޅޭ ތަނެއް ވީމަ މިހެން ވެސް މި އުޅެވެނީ. ކުއްލި ނޫން އެހެން ހުރިހާ ހަރަދެއް ހަމަ އަމިއްލައަށް މިތާ ވެސް ކުރަމުން މި ދަނީ، ބައްޕަ މި ހާލުގަ މިތާ ތެރޭ ބާއްވަން ޖެހޭތީ އަޅުގަނޑުގެ ހިތަށް ކެތެއް ނުވޭ. ވީހާވެސް އަވަހަށް މިކަމުން ސަލާމަތް ވޭތޯ އަޅުގަނޑަށް ވެވުނު މަސައްކަތެއް އެބަ ކުރަން،" ނަސްވާ ކިޔައިދިނެވެ.

ނަސްވާއަކީ މަޖީދުގެ ހަތަރު އަންހެން ދަރިންގެ ތެރެއިން އެއް ދަރި އެވެ. މަޖީދުގެ ދެ ފިރިހެން ދަރިން ތިބޭއިރު އޭގެ ތެރެއިން އެއް ދަރިއަކުވީ ޖަލުގަ އެވެ. އަނެއް ދަރިއަކީ އޯޓިޒަމް ހުންނަ މީހެކެވެ. މަޖީދުގެ ބަލި ހާލުގައި އެންމެ ގާތުގައި ހުރީ ނަސްވާ އެވެ. ބައްޕަ ގޮވައިގެން ނަސްވާ މާލެ އައީ އޭނާގެ ހަތް ދަރިންގެ ތެރެއިން ހަ ކުދިން ބެލުމަށް މަންމައާ ހަވާލުކުރުމަށްފަހު އެވެ.

ނަސްވާގެ އެހީތެރިކަމާއެކު މަޖީދު މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުން ކީމޯ ތެރަޕީ ނަގަމުންނެވެ. ނަމަވެސް ބަލި ހައްޓާއެކު ހިތްދަތި ހާލުގައި އުޅެންޖެހުމުން ފަރުވާ ހުއްޓާލައި ރަށަށް އެނބުރި ދާން ވެސް އޭނާ މިހާރު އެތައް ފަހަރަކު ނަސްވާ ކައިރީ ކިޔައިފި އެވެ. ބަލި ހާލުގައި މާ ބޮޑު އުފަލެއް ނެތި ގަނަ ތެޅެންޖެހުމުން މަޖީދުގެ ހިއްވަރު ވަނީ އެލިފަ އެވެ.

"ބައްޕަ އެހެން ބުންޏަސް ކިހިނެއް އަޅުގަނޑު އެހެން ހަދާނީ. ބައްޕައަށް ފަރުވާކޮށް ރަނގަޅުވުމުގެ ފުރުސަތު އޮއްވާ ބައްޕަ މަރުވާން ދޫކޮށްލާފަ ގޮސް އަމިއްލަ ދިރިއުޅުމާގެން އުޅޭނެ ހިއްވަރެއް ނުލިބޭނެ،"

ހަތަރު ވަނަ ސްޓޭޖުގައި އޮތަސް މަޖީދު މުޅިން ރަނގަޅުވެދާނެ ކަމުގެ އުންމީދު އެބަ އޮތެވެ. ކީމޯ ތެރަޕީއާއި ރޭޑިއޭޝަން ހަމަކުރުމަށްފަހު ފުއްޕާމޭ އޮޕަރޭޝަންކޮށް ބޮޑުވަމުންދާ ޓިއުމަރު ނެގުމުން މަޖީދަށް މުޅިން ފަސޭހަވެދާނެ ކަމަށް މާލެއިން މަޖީދު ބެއްލެވި ޑޮކްޓަރުން ވެސް ވަނީ ބުނެފަ އެވެ. އެކަމަށް އަށް ހާސް ޑޮލަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވެ އެވެ.

"މިކޮޅުން ދެވެނީ ހަމަ އެކަނި ކީމޯ. ރޭޑިއޭޝަން ތެރަޕީއެއް ނުލިބޭ. ކީމޯއަކީ އަވަހަކަށް ވެސް މިކަމުން އަރައިގަންނަން އޮތް އުންމީދެއް ނޫން. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ އޮޕަރޭޝަން ކުރަން. އެކަމަށް ހަތް ވަރަކަށް ހާސް ޑޮލަރު ބޭނުންވޭ. މީގެ ކުރިންވެސް ބައެއް ނޫސްތަކުން ލިޔުނު އާޓިކަލް ތަކާ ވިދިގެން ލައްކައަކަށްވުރެ ގިނަ ރުފިޔާ ލިބުނު. އެކަމަކު އެއީ ފަރުވާއާ ގާތްކުރާ ވެސް އަދަދެއް ނޫން،"

މަޖީދުގެ ރޭޑިއޭޝަން ތެރަޕީއާއި އޮޕެރޭޝަނަށް މިހާތަނަށް ބެލި ޑޮކްޓަރުން ރެކޮމެންޑް ކޮށްފައިވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދުމަށެވެ.

ހަތް ދަރިންގެ ހަރަދުތަކާއި މަންމަ އަދި 18 އަހަރު ނުވާ އަންހެން ކޮއްކޮގެ ހުރިހާ ހަރަދެއް ނަސްވާގެ ފިރިމީހާއަށް ލިބޭ މުސާރައިން ހަމަޖައްސަމުން، ބައްޕަގެ ބޮޑު ބައްޔަށް ފަރުވާ ހޯދުމަށް ހޭދަކުރުން ނަސްވާއަށް އޮތީ ބޮޑު ދަތިކަމަށްވެފަ އެވެ. އެކަމުގައި ހިނގާ ހަރަދު ބޮޑު ނަމަވެސް އޭނާގެ އުއްމީދު އަދިވެސް ފަނޑެއް ނުވެ އެވެ. އުއްމީދަކީ އެ އޯގާތެރި ބައްޕަ ބަލިން ފަސޭހަވުމެވެ. އޭނާ އެހީއަށް އެދެނީ އެހެންވެ އެވެ. ނަސްވާ އުޅުމުންދާ ހާލަށް އެހީވެދީ، އޭނާގެ ބައްޕަ މާޖިދު ބަލިން ސަލާމަތްކުރުމަށް ކުރިންވެސް ވެދިންފަދަ އެހީއެއް ކޮންމެ މީހަކު ވެސް ފޯރުކޮށްދިނުމަކީ ނަސްވާގެ އެންމެ ބޮޑު އެދުމެވެ.

ނަސްވާއަށާއި އޭނާގެ ބައްޕައަށް އެހީވުމަށް
އެކައުންޓް ނަމްބަރު: ‎Ali Faruhaan 7730000133664 (ނަސްވާގެ ދަރިފުޅުގެ އެކައުންޓް)
ފޯނު: ‎9968215