އަޅާލާނެ ބައެއް ނެތި، ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރޮހިންޔާ ދަރިކޮޅާއި ބަންގްލަދޭޝްގެ ރެފިއުޖީންނަށް ހިމާޔަތް ދިނުމަށް މެލޭޝިއާ އާއި އިންޑޮނީޝިއާ އިން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.
އެ ގޮތަށް އެއްބަސްވެފައި ވަނީ ރެފިއުޖީންނަށް އެހީވުމުގެ މައްސަލައިގައި އުފެދިފައިވާ ދެބަސްވުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި، ރެފިއުޖީންގެ މައްސަލައިގައި އެންމެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ އިންޑޮނީޝިއާ އާއި މެލޭޝިއާ އަދި ތައިލެންޑުގެ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމަށް ފަހު، މެލޭޝިއާގެ ހާރިޖީ ވަޒީރު އަނީފާ އަމީން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ރެފިއުޖީން ތިބޭ ބޯޓުތައް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި މެލޭޝިއާ އާއި އިންޑޮނީޝިއާ އިން އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީ، ހިމާޔަތް ދޭނެ އެވެ. އެކަމަކު، އެ އެހީތެރިކަން ފޯރުކޮށްދެވޭނީ އައްސޭރިފަށާ ހިސާބަށް އާދެވޭ ރެފިއުޖީންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގިނަވެގެން އަހަރެއްގެ ތެރޭގައި އެ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް ނުވަތަ އެހެން ތަނެއްގައި ވަޒަންކުރުވުމަށް ބައިނަލްއަގުވާމީ ދުނިޔެ އިން މެލޭޝިއާ އާއި އިންޑޮނީޝިއާ އަށް އެހީވާންޖެހޭނެ ކަމަށެވެ.
އެހެން ނަމަވެސް، މި މަޝްވަރާތަކުގައި ބައިވެރިވި ތައިލެންޑުން ހަމައެކަނި އެއްބަސްވެފައި ވަނީ ރެފިއުޖީން ތިބޭ ބޯޓުތައް އަނބުރާ ފޮނުވައި ނުލުމަށެވެ. އެ ގައުމުގެ ދިފާއީ ވަޒީރުގެ ނައިބު، ޖެނެރަލް އުދޮމޮޖް ވިދާޅުވީ ރޮހިންޔާ ދަރިކޮޅާއި ބަންގްލަދޭޝްގެ ރެފިއުޖީންނާ މެދު ތައިލެންޑުން ދެކެނީ އެ ގައުމަށް ވަގަށް ވަންނަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، އެ މީހުން ގައުމު ދޫކޮށް ނުކުމެފައި ވަނީ ހަނގުރާމަ އިން ނުވަތަ އެ ނޫން ވެސް ހަމަނުޖެހުންތަކަކުން ސަލާމަތްވާން ނޫން ކަމަށް ވާތީ އެވެ.
ރެފިއުޖީންނާ ބެހޭ އދ. ގެ މައި އިދާރާ (ޔޫއެންއެޗްއާރުސީ) އިން ވަނީ މެލޭޝިއާ އާއި އިންޑޮނީޝިއާގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.
"އެކަމަކު، ވީހާ ވެސް އަވަހަކަށް ހާލުގައި ޖެހިފައި ތިބި މީހުން ސަލާމަތުގެ އައްސޭރި އަށް ގެންނަންޖެހޭ،" އެ އިދާރާ އިން ނެރުނު ބަޔާނެއްގައިވެ އެވެ.
އިންޑޮނީޝިއާގެ ބޭރުން، ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ބަންގްލަދޭޝްގެ ރެފިއުޖީންނަށް އަޅާލުމުގެ މައްސަލައިގައި ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. އެ ކަމުގެ ޒިންމާ ނަގާނެ ގައުމަކާ މެދު ދެބަސްވުމުގެ އިތުރަށް، މެލޭޝިއާ އާއި ތައިލެންޑާއި އިންޑޮނީޝިއާ އިން ވަނީ ރެފިއުޖީން ތިބޭ ބޯޓުތައް އަނބުރާ ފޮނުވާލާފަ އެވެ. އެ މީހުންނަށް އެހީވާން ތައްޔާރަށް އޮތްކަން މީގެ ކުރިން ހާމަކޮށްފައި ވަނީ ހަމައެކަނި ފިލިޕީންސުންނެވެ.
ބަންގަލްދޭޝް އަށް ނިސްބަތްވާ ރެފިއުޖީންގެ ތެރޭގައި ގިނައިން ހިމެނެނީ ރަނގަޅު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ގައުމު ދޫކޮށްދާ މީހުންނެވެ.