ވިޔަފާރި

ބީއެމްއެލް އިސްލާމިކް އިން ޕާސަނަލް ފައިނޭންސިންގެ ހިދުމަތް ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން ފަސޭހައިން ފައިސާ ދެއްކޭ ގޮތަށް ޕާސަނަލް ފައިނޭންސިންގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

މި ހިދުމަތް ތައާރަފްކުރުމުގެ ގޮތުން މިއަދު ބީއެމްއެލް މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑައިރެކްޓާ އޮފް ބީއެމްއެލް އިސްލާމިކް ޒުލްގަރުނައިން ތަމާން ވިދާޅުވީ އިސްލާމީ އުސޫލުތަކުގެ މަތިން ދެވޭ އިތުރު ޚިދުމަތެއް މިއަދު ތައާރަފްކުރެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ހިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ރާއްޖޭގައި މި ވަގުތު ލިބޭ އެންމެ ރަނގަޅު ފައިނޭންސިން ހިދުމަތުގެ ފައިދާ ކަސްޓަމަރުންނަށް ލިބިގެން ދާނެ،" ޒުލްގަރުނައިން ވިދާޅުވި އެވެ.

މި ހިދުމަތް މެދުވެރިކޮށް، މަހުން މަހަށް ފައިސާ ދައްކާގޮތަށް އަމިއްލަ ފަރުދުންނަށް އެއް ލައްކަ ރުފިޔާއާ ހަމައަށް މުދާ ގަނެވޭ އެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.