އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމުން ކުރިއަށް ދިޔަ މުޒާހަރާތަކުގެ ބައިވެރިންނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މާސްކް ބެހި މައްސަލާގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ.
މި މައްސަލާގައި މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
މާސްކް ބެހި މައްސަލާގެ ޝަރީއަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު މަހުލޫފް މިހާރު ހުންނެވީ ގޭބަންދުގަ އެވެ. އޭނާގެ މައްޗަށް އިތުރު މައްސަލަތަކެއްގައި ދައުވާކޮށްފައިވާއިރު މައްސަލަތަކުގެ ޝަރީއަތް މިފަހުން ވަނީ ފަށާފަ އެވެ.
އެގޮތުން މާފުށީ ޖަލު ކައިރީގައި މުޒާހަރާކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު މާފުށީ ޖަލުގައި ގައިދީން މަރުވާ މައްސަލާގައި މަހުލޫފް ކުރެއްވި ޓްވިޓަކާ ގުޅިގެން ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.
ހަމަ އެ ދައުވާ އެހެން މައްސަލައެއްގައި ވެސް މަހުލޫފަށް ކުރެ އެވެ. އެއީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޒަހަރުދީ މަރާލަން އުޅޭ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.