ދުނިޔެ

މާލީ ކުށްތައް ހިންގި ބޮޑު ފަސް ބޭންކެއް 5.7 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

May 21, 2015

މާލީ ކުށްތައް ހިންގާފައިވާ ކަމަށް އެއްބަސްވުމާ އެކު، ދުނިޔޭގެ އެންމެ ބޮޑެތި ބޭންކުތަކުގެ ތެރޭގައި ހިމެނޭ ފަސް ބޭންކެއް ޖުމްލަ 5.7 ބިލިއަން ޑޮލަރުގެ ޖޫރިމަނާއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި ފަސް ބޭންކަަށް އައި ޖުމްލަ ޖޫރިމަނާގެ ތެރޭގައި ހިމެނޭ 2.5 ބިލިއަން ޑޮލަރަކީ ޖިނާއީ ތުހުމަތުތަކަށް އިއުތިރާފް ވުމުން ދައްކަންޖެހޭ އަދަދެކެވެ. ބާކީ ޖޫރިމަނާގެ ފައިސާ އަކީ މަދަނީ ތުހުމަތުތަކަށް ދައްކަންޖެހޭ ވަރެވެ.

މި ފަސް ބޭންކުގެ ތެރޭގައި ހިމެނޭ ޖޭޕީމޯގަން އާއި ބާކްލޭސް އާއި ސިޓީގްރޫޕް އަދި ރޯޔަލް ބޭންކް އޮފް ސްކޮޓްލެންޑް (އާރުބީއެސް) އިން ޖޫރިމަނާ ދައްކަން ޖެހެނީ ބޭރު ފައިސާގެ އަގުތައް އޮޅުވާލި ކަމުގެ ތުހުމަތުގައި އެމެރިކާގައި މިހާރު ކުރިއަށްދާ ޖިނާއީ ތަހުގީގުތައް ހައްލުކުރުމަށެވެ. ފަސްވަނަ ބޭންކު ކަމަށްވާ ޔޫބީއެސް އިން އިއުތިރާފް ވެފައި ވަނީ އިންޓަރެސްޓް ރޭޓު އޮޅުވާލުމުގެ ކުށަށެވެ. އެއީ މަދަނީ ތުހުމަތެކެވެ.

އެންމެ ބޮޑު ޖޫރިމަނާއެއް އައިސްފައި ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އިތުރަށް ސްވިޓްޒަލެންޑުގެ ކަމާ ބެހޭ އިދާރާތަކުން ހިންގާ ތަހުގީގުތަކަށް އެއްބާރުލުން ދޭން މިދިޔަ ނޮވެމްބަރު މަހު ދެކޮޅު ހެދި ބާކްލޭސް އަށެވެ. އެ ބޭންކުން 4.2 ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާއި މަރުކަޒީ ބޭންކުން ގުޅިގެން ޖޫރިމަނާކުރި މި ފަސް ބޭންކުގެ އިތުރުން، މަރުކަޒީ ބޭންކުން ވަނީ ވަކިން ހަވަނަ ބޭންކެއް ވެސް ޖޫރިމަނާކޮށްފަ އެވެ. އެ ގޮތުން، ބޭރު ފައިސާގެ އަގުތަކަށް ނާޖާއިޒު ބަދަލުތައް ގެނައުމުގެ ކުށުގައި ބޭންކް އޮފް އެމެރިކާ ވަނީ 205 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

މި ބޭންކުތައް ތަމްސީލްކުރި ބައެއް މީހުން ވަނީ، 2008 އާއި 2012އާ ދެމެދު ބޮޑު ނެޓްވޯކެއް ހަދައި ޗެޓު ރޫމްތައް ބޭނުންކޮށްގެން އެ މީހުންނަށް ފައިދާ ވާގޮތަށް އަގުތައް އަނބުރާލުމަށް ކެނޑިނޭޅި މަސައްކަތްކޮށްފަ އެވެ. އެ ގޮތުން، ކޮންމެ ދުވަހަކު ކަނޑައަޅާ ފައިސާގެ މޫނު މަތީ އަގަށް ބަދަލު ގެނެސް، އެ އަގު ބޭނުންކޮށްގެން ބޭރު ފައިސާގެ އަގުތައް އޮޅުވާލާފައިވެ އެވެ.

މި ކުށްތަކަށް ބޭންކުތަކުން މި ފަހަރު އެއްބަސްވުމަކީ، ތަޖުރިބާކާރުން ބުނާ ގޮތުގައި، އެ ބޭންކުތަކާ މެދު އާއްމުން ދެކޭ ގޮތް ރަނގަޅުކުރުމަށް އެޅި މުހިއްމު ފިޔަވަޅެކެވެ. މީގެ ކުރިން ވެސް މިފަދަ ތަހުގީގުތައް ހައްލުކޮށްފައި ވާއިރު، އެއްވެސް ފަހަރަކު ބޭންކުތަކުން ކުށަށް އިއުތިރާފް ވެފައެއް ނުވެ އެވެ