ހަބަރު

ފުވައްމުލަކު 12 ޒުވާނުން ކުއްލިއަކަށް ދޫކޮށްލައިފި

May 3, 2018
9

ތިން އަހަރަށްވުރެ ގިނަ ދުވަސް ބަންދުގައި ތިބޭތާވެފައިވާ ފުވައްމުލައް ސިޓީގެ 12 ޒުވާނަކު ދޫކޮށްލުމަށް އިއްޔެ ކުރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ. އެ 12 ޒުވާނުންނަކީ މާރާމާރީއަކާ ގުޅިގެން ހައްޔަރުކޮށް ދައުވާކޮށްފައިވާ ބަޔެކެވެ.

އެ ޒުވާނުން ހައްޔަރުކޮށް ދައުވާކޮށްފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގައިދިޔަ ހާދިސާއަކާ ގުޅިގެންނެވެ. އެ މައްސަލާގެ ޝަރީއަތުގައި މިދިޔަ އަހަރުގެ ކުރީކޮޅު ހުލާސާ ބަޔާން އިއްވުމަށް ތައްޔާރުވި އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މައްސަލަ މަޑުޖެހިގެން ދިޔައީ ސުޕްރީމް ކޯޓުން އެ މައްސަލަ މަޑުޖައްސާލަން އެންގުމާ ގުޅިގެންނެވެ.

އޭގެފަހުން އެ މައްސަލާގެ އެއްވެސް އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ. އެ މައްސަލަ ބެއްލެވި ގާޒީ އަހުމަދު ރަޝީދު ވެސް މިހާރު ހުންނެވީ ސަސްޕެންޑްކުރައްވާފަ އެވެ. ގާޒީ އަހުމަދު ރަޝީދުގެ ސެކްޝަން ކަމަށްވާ ބީ ސެކްޝަންގެ ޝަރީއަތްތައް އިއްޔެ އަލުން ވަނީ ފަށާފަ އެވެ. އެގޮތުން އިއްޔެ 12 ޒުވާނުންގެ މައްސަލަ ތާވަލުކޮށް އަޑުއެހުން ބޭއްވި އެވެ. އެ ސެކްޝަނާ މިހާރު ހަވާލުވެ ހުންނެވީ އަލަށް ކޯޓަށް އައްޔަން ކުރެއްވި ހަސަން ނަޖީބެވެ.

އެ އަޑުއެހުން ބޭއްވިއިރު ފުވައްމަލުކުގައި އެ ޒުވާނުން މިނިވަންކުރުމަށް ކެމްޕެއިނެއް ދިޔައީ ކުރަމުންނެވެ.

އިއްޔެ 12 ޒުވާނުން ދޫކޮށްލުމަށް އަމުރު ކުރެއްވީ އެ ޒުވާނުންނާ ދެކޮޅަށް ހުރިހާ ހެކިންގެ ހެކި ބަސް ނަގާފައިވާތީ އާއި މިހާރު ވެސް ގިނަ ދުވަސްތަކެއްވަންދެން އެ ޒުވާނުން ބަންދުގައި ބެހެއްޓިފައިވާތީ އެވެ. އާންމުކޮށް މީހުން ބަންދުގައި ބަހައްޓަނީ ހެއްކަށް ނުފޫޒު ފޯރުވަދާނެތީ އެވެ.

އެމީހުން ދޫކޮށްލުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އިއުތިރާޒުކުރި ނަމަވެސް އެކަމަށް އެކަށީގެންވާ ސަބަބެއް ދެއްކިފައިނުވާ ކަމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.

މައްސަލާގައި ހިމެނޭ ޒުވާނުންތައް ދޫކޮށްލާފައިވާއިރު ދެން އޮންނާނީ އެ މައްސަލާގައި ހުލާސާ ބަޔާން އިއްވުމާއި ހުކުމް އިއްވުމެވެ.

ޒުވާނުން މިނިވަންވުމާއެކު ސޯޝަލް މީޑިއާގައި ފުވައްމުލަކު މީހުން ދަނީ ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ. އެއް ބަޔަކު އެކަމާ އުފާފާޅުކުރާއިރު އަނެއް ބަޔަކު ދަނީ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް އެ ސިޓީއަށް ކުރައްވާ ދަތުރުފުޅާ ގުޅުވަމުންނެވެ.