ހަބަރު

މައުމޫންގެ ހާލު ސީރިއަސް، ސަރުކާރުން ބީރު ކަންފަތެއް

May 4, 2018
3

ހައްޔަރުކުރުމަށް ފަހު ޓެރަރިޒަމްގެ ދައުވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލަތު ގޯސްވެފައި ވާތީ މައުމޫންގެ ބަންދަށް ލުޔެއް ދިނުމަށް އެދުނު ނަމަވެސް އެކަމަށް އިޖާބަ ދީފައި ނުވާކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަންފަތުގެ މައްސަލައަކުން ކުރިމަތިވާ ބައްޔެއް ކަމަށްވާ، ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ގެ ސަބަބުން ބައްޕާފުޅަށް ދޭތެރެއިން ބޮލަށް އެނބުރުން އަރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަނބުރައި ގަނެގެން ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި އެ ބަލީގެ އަލާމާތްތައް އިތުރަށް ބޮޑުވަމުން އަންނަ ކަމަށެވެ. އަދި އެ ކަންކަމަށް ރިއާޔަތް ކޮށް ބައްޕާފުޅުވެސް އަދި މަންމާފުޅު، ނަސްރީނާ އިބްރާހިމް ވެސް މައުމޫންގެ ބަންދަށް ލުޔެއް ދިނުމަށް އެޗްއާރުސީއެމް އާއި ކަރެކްޝަންފައި އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ ގޮތުން އެއްވެސް އިދާރާއަކުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކޯޓްގައި ވެސް މައުމޫން ވަނީ އެކިފަހަރު މަތިން ގެއަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް ކޯޓުން ބުނެފައި ވަނީ މައުމޫންގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ.

އެމަނިކުފާނު ބެއްލެވީ ކަރުމަތީގެ ޑޮކްޓަރުންނާ ހަވާލާދެއްވާ މައުމޫންގެ ވަކީލުން ވެސް އިއްޔެ ވިދާޅުވީ، ކޮންމެ ފަދަ ވަގުތެއްގައި ވެސް ރައީސް މައުމޫން ވެއްޓިވަޑައިގަތުމުގެ ފުރުސަތު އޮތް ކަަމަށެވެ. އެމަނިކުފާނުގެ އެންމެ ޒަރޫރީ ބޭނުންތައް ވެސް އަމިއްލަފުޅަށް ކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި މި ވަގުތަކީ މައުމޫންއަށް އާއިލާގެ އެހީތެރިކަން ބޭނުންވާ ވަގުތުކަމަށް ވާތީ އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް ވަކީލް ވެސް ވިދާޅުވި އެވެ. އަދި މައުމޫން އެކަނި ޖަލު ގޮޅީގައި ނުބެހެއްޓުމަށާއި އަބަދުވެސް ކައިރީގައި މީހަކު ބެހެއްޓުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

މައުމޫންގެ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމުގެ ހަބަރުތައް ފެތުރިފައި ވަނިކޮށް، ޕީޕީއެމްއިން ރުމާލު2 ޖަގަހައިގައި ބޭއްވި ރެލީއެއްގައި ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ބަންދުގައި ތިބި މީހުން ގެއަށް ބަދަލު ނުކުރެވިގެން އުޅެނީ އަދި ބަންދަށް ލުޔެއް ނުދެވިގެން އުޅެނީ ހެކި ފޮރުވާފައިވާތީ ކަމަށެވެ. އަދި ހެކި ނުދޭހާ ހިނދަކު އެފަދަ ބޭފުޅުން ގެއަށް ބަދަލު ނުކުރެވޭނެ ކަމަށާއި އެފަދަ ކޯޓުން ނުނެރޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެފަދަ އަމަލެއް ކުރައްވާފައި ވާތީ އެބޭފުޅުންގެ މައްޗަށް ހުކުމެއް އަންނާނެ ކަމަށް ވެސް ރައީސް ޔާމީން އެރޭ ވިދާޅުވި އެވެ.